(މިފަދަ މަސައްކަތެއްގައި އުޅެން ޖެހުމުން އެނގި ދަސްވި ކަންތައްތައް މިއޮޅީގައި ލިޔެލައިފިނަމަ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ދާން ވިސްނަވަމުންދާ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތަކަށް ވެދާނެކަމަށްޓަކައި ޙިއްޞާކޮށްލަމެވެ.)
ކިޑްނީ ހަދިޔާ ކުރާނެ މީހަކު (ޑޯނާރއެއް) ފުރަތަމަ ހޯދާށެވެ. މި މީހާއަކީ ޢާއިލާގެ މެމްބަރަކަށްވުން ވަރަށް މުޙިއްމެވެ. އިންޑިއާއަށް ފުރުމުގެ ކުރީން ޑޯނާރގެ ކިޑްނީ ހުރީ އެހެން މީހަކަށް ދެވޭ ފަދަ ޙާލަތުގައިތޯ ޔަޤީން ކުރުމީ ވަރަށް މުހިއްމު ކަމެކެވެ. މިކަމަށްޓަކައި ލޭގެ ގުރޫޕް ދިމާވޭތޯ ބަލައި، ކިޑްނީގެ މައްސަލައެއް ހުރިތޯ ލޭގެ ޓެސްޓްތަކުންނާއި އެކްސްރޭ، އަލްޓްރާ ސައުންޑް ސްކޭން އަދި ސީޓީ ސްކޭންތަކުން ބަލަންވާނެއެވެ.

ޑޮކްޓަރުންނަށް އެއްވެސް ޝައްކެއްވާނަމަ ކޮންމެ ކިޑްނީއެއް ވަކިން މަސައްކަތްކުރާ ގޮތްވެސް ބަލަންވާނެއެވެ. އަދި ޑޯނާރގެ ކިބައިގައިވާ އެހެން ޞިއްޙީ މައްސަލައެއްގެ ސަބަބުން ކިޑްނީ ދިނުމަށް ހުރަހަކަށްވެދާނެ ކަމެއް ހުރިތޯވެސް ބަލާ ދެނެގަންނަންވާނެއެވެ. މިސާލަކަށް ހަކުރުބަލީގެ މީހަކަށްވުން ނުވަތަ ހިތުގެ ބައްޔަށް ފަރުވާ ކުރުން ފަދަ ކަމެއްގެ ސަބަބުން ކިޑްނީ ނުދެވިދާނެއެވެ. އަދި ކިޑްނީ ދިނުމަށް ހުރަކަށްވާ ފަދަ ބައްޔަކަށް ހުށަހެޅި އެވަގުތާ ހަމަޔަށް އެކަން ނޭނގިވެސް އޮވެދާނެއެވެ.
މިފަދަ ބެލުންތައް ނުބަލައި ނުވަތަ ޔަޤީން ނުކުރެވި ރާއްޖެއިން ފުރައިފިނަމަ، ދެން ދިމާވާ މައްސަލައަކުން އިންޑިއާގައި އިތުރު ދުވަސްތަކެއް ހޭދަ ކުރަންޖެހޭނެއެވެ. އިންޑިއާއަށް ގޮސް ޑޯނާރގެ މިފަދަ ޓެސްޓްތައް ހެދުމަށް ދުވަސްކޮޅެއް ނަގައެވެ. ޑޯނާރގެ ކިޑްނީ ފިޓް ނުވެއްޖެނަމަ އިތުރު ޑޯނާރއެއް ހޯދަން ޖެހެއެވެ. ދެވަނަ ޑޯނާރގެ ކިޑްނީ ފިޓްކަން އެނގޭނީވެސް ޓެސްޓްގެ ހުރިހާ މަރުހަލާއެއް އަލުންބަލުން ހަދައިގެންނެވެ. މިކަމަށްވެސް އަނެއްކާ އިތުރު ދުވަސްތަކެއް ހޭދަކުރަން ޖެހޭނެއެވެ. މިއީ ބަލިމީހާއި އޭނާގެ އާއިލާއަށް އެތައް ގުނައަކަށް ޚަރަދު ބޮޑުވެގެންދާނެ ކަމެކެވެ. އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާންވާނެއެވެ. ރާއްޖެއިން ފުރަންވާނީ ޔަޤީން ޑޯނާރއެއް ގޮވައިގެންނެވެ.
ދެންއޮތީ ޕޭޝަންޓަށް ފަރުވާދޭ ޑޮކްޓަރުގެ ފަރާތުން އާސަންދައަށް ހުށަހަޅަންޖެހޭ ރެކަމަންޑޭޝަން ލެޓަރއެވެ. އެ ލެޓަރ ލިބުމުން އާސަންދައަށް ހުށަހަޅަންޖެހެއެވެ. ރަނގަޅުގޮތަކީ މިކަމުގައި ޕޭޝަންޓަށް އެހީވުމަށް ޢާއިލާގެ ތެރެއިން އެންމެ އެކަށޭނަ މީހަކު އިޚުތިޔާރުކޮށް އޭނާ މި މަސައްކަތާ ޙަވާލުވެ އިސްނެގުމެވެ.
ރެކަމަންޑޭޝަން ލެޓަރ އާސަންދައަށް ހުށަހަޅާށެވެ. އާސަންދައިން މި ކޭސް ރަޖިސްޓަރ ކުރުމަށްފަހު ޕޭޝަންޓަށް އެހީތެރިވުމަށްޓަކައި އެ އިދާރާގެ މުވައްޒަފަކު މިކަމަށް ޚާއްޞަކޮށް އޭނާއާ މި ކޭސް ހަވާލުކުރާނެއެވެ.
މި ކޭސްއާ ހަވާލުވާ މުވައްޒަފު ވަރަށް އަވަހަށް ޕޭޝަންޓާ ގުޅައެވެ. ޕޭޝަންޓާ ގުޅުމުން އޭނާގެ ފަރާތުން މަސައްކަތާ ޙަވާލުވާ މީހަކީ ކާކުކަން ކިޔައިދޭންވާނެއެވެ. އެ ހިސާބުން އާސަންދަ އޮފިސަރު ގުޅަމުން ދާނީ ޕޭޝަންޓުގެ އެހީތެރިޔާއަށެވެ. އާސަންދަ އޮފިސަރ، ޕޭޝަންޓްގެ އެހީތެރިޔާ ކުރަންޖެހޭ މަސައްކަތްތަކުގެ ހުރިހާ މަޢުލޫމާތެއް ސާފުކޮށް ކިޔައިދޭނެއެވެ. މިކަމުގައި އާސަންދަ އޮފިސަރުގެ އެހީތެރިކަން ނުހަނު ބޮޑަށް ލިބެއެވެ. މަސައްކަތުގެ ތެރޭގައިވެސް އޮޅުން އަރާ ކަންކަން ފޯނުން ނުވަތަ މެސެޖަކުން ދަންނަވާލުމުން އޭގެ ޖަވާބު ވަރަށް އަވަހަށް ދެމުން ގެންދެއެވެ.
ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ދާނަމަ އެނގެންޖެހޭ އެންމެ މުހިއްމު ކަމަކީ އިންޑިއާގައި އިންސާނުންގެ ގުނަވަން ހަދިޔާ ކުރުމާއި ބަދަލު ކުރުމަށް ޤާނޫނެއް އޮންނަ ކަމެވެ. އެހެންކަމުން ރާއްޖެއިން ފުރުމުގެ ކުރީން އިންޑިއާގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަނުކޮށް ގުނަވަން ބަދަލު ކުރުމުގެ ޞިއްޙީ ފަރުވާއެއް ހޯދުމަށް އެ ގައުމަކަށް ނުދެވޭނެއެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އާސަންދަ ލިބޭނެކަމުގެ ލިޔުން އާސަންދަ ކުންފުނިން ދިނުމުގެ ކުރިން ޕޭޝަންޓާއި ޑޯނާރއާއި ދެމީހުންގެ އާއިލީ މަޢުލޫމާތު ހޯދާނެއެވެ. އެއަށްފަހު މިކޭސްގައި ޕޭޝަންޓާއި ޑޯނާރއަށް ޚާއްޞަވާ އިމީޑިއޭޓް ފެމިލީ މެމްބަރުންނަކީ ކޮބައިކަން ބުނެދީ ފެމިލީ ޗާޓެއް އާސަންދަ އޮފިސަރު ތައްޔާރު ކޮށްދޭނެއެވެ. މި ފެމިލީ ޗާޓުގައިވާ އެންމެންގެ އައިޑީ ކާޑާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ބައެއް މެމްބަރުންގެ ކާވެނީގެ ސެޓްފިކެޓާއި ނިޔާވެފައިވާ ބަޔަކު ތިބިނަމަ މަރު ސާބިތުކުރި ސެޓްފިކެޓްތަކުގެ ސާފު ފޮޓޯކޮޕީ ބޭނުންވާނެއެވެ. މިފަދަ ލިޔުންތައް ހުރީ ދިވެހި ބަހުންނަމަ އެ ލިޔުންތަކުގެ އިނގިރޭސި ކޮޕީވެސް ކަމާގުޅޭ އިދާރާތަކުން ހޯދަން ޖެހޭނެއެވެ.
ފެމިލީ ޗާޓުގައި ހިމެނޭ އެންމެންގެ އެންމެހައި ލިޔުންތައް ހަމަކުރުމަށްފަހު އެ ތަކެތި އަސްލާއި އެއްގޮތް ކަމަށް ޤާނޫނީ ވަކީލަކު ލައްވާ އެޓެސްޓް ކުރުވާ އޭނާގެ ތައްގަނޑު ޖައްސުވާ ސޮއި ކުރުވާށެވެ.
އިސްވެ ދަންނަވާލި ލިޔުންތައް ފުރިހަމަ ކުރުވަމުންދާއިރު، ޕޭޝަންޓާއި ޑޯނަރ، ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން މިނިސްޓްރީ އޮފް ހެލްތޖން ހޯދާށެވެ. މިކަމަށްޓަކައި ޑޮކްޓަރގެ ރެކަމެންޑޭޝަން ލެޓަރއާއި އާސަންދަ ހަމަޖެހުނު ކަމުގެ ލިޔުމާއެކު ޕޭޝަންޓާއި ޑޯނަރ އެކަމަށް އެދި ސިޓީ ފޮނުވުމުން ހެލްތް މިނިސްޓްރީން 'ނޯ އޮބްޖެކްޝަން ލެޓަރ' ދޭނެއެވެ.
ހެލްތް މިނިސްޓްރީގެ 'ނޯ އޮބްޖެކްޝަން ލެޓަރ' ލިބުމުން އެ ލެޓަރގެ ކޮޕީއަކާއި ހެލްތް މިނިސްޓްރީއަށް ހުށަހެޅި ލިޔުންތަކުގެ ކޮޕީއާއެކު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން ހޯދަމަށް ކުރިންވެސް ދެންނެވި ފަދައިން ޕޭޝަންޓާއި ޑޯނާރގެ ސިޓީ ފޮރިން މިނިސްޓްރީއަށް ހުށަހަޅާށެވެ. އެ މިނިސްޓްރީއިންވެސް ވަރަށް އަވަހަށް 'ނޯ އޮބްޖެކްޝަން ލެޓަރ' ދޭނެއެވެ.
މި ދެ މިނިސްޓްރީގެ ލިޔުން ލިބުމުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ޕޭޝަންޓާއި ޑޯނަރގެ އެއްވެސް ދަރަންޏެއް، ނުވަތަ ޝަރުޢީ މައްސަލައެއް ހުށަހެޅި ހިނގަމުންދޭތޯ ނުވަތަ ނޫންތޯ އަންގައިދޭ ލިޔުމެއް އެ ކޯޓުން ހޯދަންވާނެއެވެ. މިފަދަ ލިޔުމެއް އިނގިރޭސި ބަހުން ދޭން އެދުމުން އެ ކޯޓުން އިނގިރޭސި ބަހުގެ ލިޔުމެއް ދޭނެއެވެ.
ޑޯނާރގެ ޕޮލިސް ރެކޯޑަކީވެސް ހޯދަންޖެހޭ އެއްޗެކެވެ. އެހެންކަމުން ޑޯނާރ ދިރިއުޅޭ ހިސާބުން އެންމެ ކައިރީގައި ހުރި ފުލުހުންގެ އިދާރާއަކަށް ހުށަހަޅައިގެން އެ ރެކޯޑްވެސް ހޯދާށެވެ.
ފެމިލީ ޗާޓުގައި ހިމެނޭ އެންމެންގެ އައިޑީ ކާޑް، އުފަންދުވަހުގެ ސެޓްފިކެޓް، ކައިވެނީގެ ސެޓްފިކެޓް، މަރު ސާބިތުކުރިކަމުގެ ސެޓްފިކެޓް ހަމަކޮށް، ޕޮލިސް ރެކޯޑާއެކު އެޓެސްޓް ކުރުވުމަށްފަހު، ސަރުކާރުގެ އިދާރާތަކުން ލިބުނު ލިޔުންތަކުގެ އޮރިޖިނަލް ނުވަތަ އެޓެސްޓްކޮށްފައިވާ ކޮޕީއާއި ޕޭޝަންޓާއި ޑޯނާރއާއެކު އިންޑިއާށް ދާ އެހީތެރިންގެ ޕާސްޕޯޓް ކޮޕީވެސް ހިމަނައިގެން ހުރިހާ ލިޔުމެއް މިނިސްޓްރީ އޮފް ހެލްތަށް ގެންގޮސް އެތަނުގެ ރަސްމީ ތައްގަނޑު ޖައްސުވާށެވެ. ހެލްތް މިނިސްޓްރީއިން ނިންމައިގެން ދެން ގެންދަންވާނީ ފޮރިން މިނިސްޓްރީގެ ރަސްމީ ތައްގަނޑު ޖެއްސުމަށް އެ އިދާރާއަށެވެ.
ދެ މިނިސްޓްރީގެ ތައްގަނޑު ޖަހާ ނިމުމުން އާސަންދައަށް ހުށަހަޅާށެވެ. ނުވަތަ އާސަންދަ އޮފިސަރުގެ އިރުޝާދު ހޯދައިގެން ސްކޭންކޮށް އާސަންދައަށް މެއިލް ކުރާށެވެ.
ފެމިލީ ޗާޓާ ގުޅޭ ލިޔުން ތަކުގެ މަސައްކަތް ނިމުމުން، އާސަންދައިން ފޯމް 1 އާއި ފޯމް 11 އަދި ފޯމް 21 ކިޔާ ފޯމަކާއި "އެފިޑެވިޓް" (އާއިލާގެ މެމްބަރުންގެ އިޢުތިރާޒެއް ނެތް ކަމަށް ސޮއިކުރާ ބަޔާނެއް) ފުރުމަށް ދޭނެއެވެ. މި ފޯމްތައް ފުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އާސަންދަ އޮފިސަރުގެ ފަރާތުން ލިބޭނެއެވެ. މިކަމުގައި އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ.
ފޯމް 21 އަކީ ވަރަށް މުހިއްމުކަމެއް ދޭންޖެހޭ ފޯމެކެވެ. މި ފޯމް ތައްޔާރު ކުރަނީ އިންޑިއާގެ ނިވްދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނެވެ. އެންމެ ރަނގަޅު ގޮތަކީ ފޮރިން މިނިސްޓްރީގެ އެހީތެރިކަން ހޯދައިގެން މި ފޯމްގެ އަސްލުކޮޕީ ރާއްޖެ ގެނެސް އެ ކޮޕީގައި ޕޭޝަންޓާއި ޑޯނާރ ސޮއި ކުރުމެވެ. ދެން އެއަށްފަހު އެ އޮރިޖިނަލް ނޮޓަރައިޒްކޮށް މިނިސްޓްރީ ތަކުގެ ތައްގަނޑު ޖެއްސުމެވެ. (އަޅުގަނޑުމެންނަށް ލިބުނީ ހައިކޮމިޝަނުން އާސަންދައަށް ފޮނުވި މެއިލްގެ ކޮޕީއެކެވެ. އެކޮޕީ ނުސާފެވެ. އިންޑިއާއަށް ގޮސް ހޮސްޕިޓަލަށް ދިނުމުން މައްސަލައަކަށްވިއެވެ. އެހެންކަމުން ފޯމް 21ގެ އަސްލު ގެނެސްދިނުމަށް ފޮރިން މިނިސްޓްރީގެ އިތުރު އެހީތެރިކަން ޕޭޝަންޓަށް ބޭނުންވާނެއެވެ.)
ހޮސްޕިޓަލުންވެސް މި ފޯމް 21 އަށް އިސްކަމެއް ދެއެވެ. އެ ކޮޕީގައި ނުސާފުކަން ހުންނަ ނަމަ މައްސަލައަކަށް ހަދައެވެ. ސަބަބަކަށް ވަނީ ޕޭޝަންޓްއާއި ޑޯނާރގެ ޞިއްޙީ ހާލަތު އެނަލައިޒް ކުރުމަށްފަހު ސާޖަރީ ހެދުމުގެ ކުރިން ހޮސްޕިޓަލުން އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން، ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ހުއްދަ ހޯދަންޖެހޭތީއެވެ.
މި ތިން ފޯމާއި، ފެމިލީ ޗާޓް، އަދި އެ ޗާޓްގައިވާ މެމްބަރުންގެ އިޢުތިރާޒެއް ނެތްކަމުގެ ސޮއިކޮށްފައިވާ ބަޔާންތައް ގާނޫނީ ވަކީލަކު ނޮޓަރައިޒްކޮށް ތައްގަނޑު ޖަހައި ސޮއި ކުރަންޖެހޭނެއެވެ. (މިކަމަކީ ވަކީލުން އަގެއް ނެގުމަށްފަހު ކުރާ ކަމެއްކަން ދަންނަންވާނެއެވެ.)
މި ފޯމްތައްވެސް ފުރިހަކޮށް ސޮއިކޮށް ނޮޓަރައިޒްކޮށް ނިންމުމަށްފަހު ގެންދަންވާނީ ހެލްތް މިނިސްޓްރީގެ ތައްގަނޑު ޖެހުމަށެވެ. އެއަށްފަހު ފޮރިން މިނިސްޓްރީގެ ތައްގަނޑު ޖެހުމަށެވެ.
މިފަދަ ކަމެއްގައި ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ފުރިހަކަން ފާހަގަކުރެވުނެވެ. ޓެކްނޮލޮޖީގެ ފަސޭހަކަން ސަރުކާރުގެ އޮފީސްތަކުގައި ބޭނުންކުރަން ފެށުމުން މަސައްކަތަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްދެއެއެވެ. އާސަންދަ ކޮމްޕެނީން ފެށިގެން ހެލްތް މިނިސްޓްރީ، ފޮރިން މިނިސްޓްރީ ދިވެހިރާއްޖޭގެ ހައިކޯޓް، އަދި ފުވައްމުލަކު ސިޓީ ކައުންސިލާ ހަމައިންވެސް ފެނުނީ އަވަހަށް، ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައިވާ ކަމެވެ.
މި މަސައްކަތް ކުރުމުގައި ވަގުތު ބޭކާރުނުވެ އަވަހަށް މަސައްކަތް ހިނގަމުންދާނީ ޕޭޝަންޓުގެ އެހީތެރިޔާ މަސައްކަތް ރާވާލާ ގޮތަކުންނެވެ. އާޢިލާއެއްގެ އެކި މީހުން ތިބޭނީ އެކި ތަންތަނުގައެވެ. އެކި ރަށްރަށުގައެވެ. ލިޔުން ފަސޭހައިން ލިބުމާއި ނުލިބުމާއި ލިޔުންތައް ގެއްލިފައިވުމާއި އަދި އެއިން ލިޔުމެއް ދުވަހަކުވެސް ހަދާފައި ނުވުމުގެ މައްސަލަ ކުރިމަތިވުމީވެސް ކުރިމަތިވާނެ ކަންކަމެވެ. މުޅިން އަލަށް ލިޔުމެއް ތައްޔާރު ކުރާނަމަ އެލިޔުމެއް ފުރަތަމަވެސް އިނގިރޭސިން ތައްޔާރު ކުރުވުމަށް ސަމާލުކަން ދޭށެވެ. މި ހުރިހާ ކަމެއްގައި އާޢިލާއިން ޓީމެއްގެ ގޮތުގައި މަސައްކަތުގައި އެހީތެރިވެދިނުމީ މުޙިއްމު ކަމެކެވެ.
ޕޭޝަންޓު ނުވަތަ ބަލިމީހާ އެވަގުތު ހުންނާނީ ޞިއްޙީ ބަލިމަޑު ކަމެއްގައި އެކަނި ނޫންކަންވެސް އާޢިލާގެ ފަރާތުން ދަނެގެން ތިބުމީ މުޙިއްމު ކަމެކެވެ. އެހެނީ އޭނާގެ ނަފުސާނީ ދުޅަހެޔޮކަންވެސް ހުންނާނީ ދަށް ލެވެލެއްގައެވެ. މިއީ އެނގި ތިބުން މުހިއްމު ކަމެކެވެ.
އާސަންސައިން އެދުނު ހުރިހާ ލިޔުމެއް ފުރިހަމަކޮށް ނިމުމުން އެވީ ވިސާ ހަމަޖެއްސުމަށް އެނބުރިގަތުމަށެވެ. މިވަގުތާ ހަމަޔަށް އިންޑިއާއިން ވިސާ ހަމަޖެއްސުމަށް އުނދަގުލެއް ނެތްކަން ފާހަގަކުރެވެއެވެ. އޮންލައިންކޮށް ފުރާ ފޯމް ރަނގަޅަށް ފުރިހަކޮށްގެން ލިޔުންތައް ހުޅުމާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނަށް ހުށަހެޅުމުން ޖެހިގެން އަންނަ ދުވަހު ވިސާ ޖަހައި ޕާސްޕޯޓް އަތަށް ލިބެއެވެ. މިފަދަ ކަމެއްގައި ކޮންމެ ޕޭޝަންޓަކަށް ހަ މަސް ދުވަހު އިންޑިއާގައި ތިބުމަށް ވިސާ ދެއެވެ. ޕޭޝަންޓަކަށް ލިބެނީ ދެ އެހީތެރިންނެވެ. އެހެންކަމުން ޕޭޝަންޓަށް ދެ އެހީތެރިންނާއި ޑޯނާރއަށް ދެ އެހީތެރިންނާއެކު ޖުމްލަ ހަ މީހުންނަށް ހަ މަސް ދުވަހުގެ ވިސާ ލިބޭނެއެވެ.
އިންޑިއާއަށް ދާންވާނީ ރާއްޖޭގައި އެޓެސްޓްކޮށް ނޮޓަރައިޒްކޮށް މިނިސްޓްރީތަކުން ތައްގަނޑު ޖެއްސި ހުރިހާ ލިޔުމެއްގެ އޮރިޖިނަލް ކޮޕީތައް ހިފައިގެންނެވެ.
އަޅުގަނޑުމެން މިހާރު މިތިބީ އިންޑިއާގައެވެ. ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަން ރަނގަޅު ފެންވަރުގައި ކުރާ ގިނަ ހޮސްޕިޓަލްތައް އިންޑިއާގައި ވެއެވެ. ނަމަވެސް އަޅުގަނޑުމެން ޚިޔާރު ކުރީ ކޮޗިންގެ ލޭކްޝޯ ހޮސްޕިޓަލެވެ.
ތިޔަ ބޭފުޅުންގެ ސުވާލަކަށް ދެންވާނީ އަޅުގަނޑުމެން ލޭކްޝޯރ ހޮސްޕިޓަލް ޚިޔާރުކުރީ ކީއްވެ ހެއްޔެވެ؟ އިރާދަ ކުރެއްވިއްޔާ ލޭކްޝޯރ ހޮސްޕިޓަލުން ލިބުނު ތަޖުރިބާއަކާއި، ގުނަވަން ބަދަލު ކުރުމަށް ލޭކްޝޯރއަށް އިތުބާރު ކުރެވޭ މިންވަރެއް، މިތަނުގައި މި ކުރެވޭ ތަޖުރިބާގެ އަލީގައި ތިޔަ ބޭފުޅުންނާ ޙިއްޞާ ކުރާނަމެވެ.
މިފަދަ ކަމެއްގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅަކު ގުޅުއްވާ ލައްވައިފިނަމަ އެ މަޢުލޫމާތެއް އެނގި ތަޖުރިބާކުރެވިފައި އޮތް މިނަވަރަކުން ދޭނަމެވެ.



advertisment