ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން ދަތުރު ކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި ރޯވެ، އެކަކު މަރުވެއްޖެއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިން ބުނިގޮތުގައި އިއްޔެގެ ވަގުތެއްގައި ރޯވި ތެޔޮ ޓޭންކަރުގައި ތިބި 23 މީހުންގެ ތެރެއިން 22 މީހުން ސަލާމަތް ކުރެވިފައިވާއިރު، ޓޭންކަރުގައި މަސައްކަތްކުރި ފިލިޕީންސްގެ މީހެއް ވަނީ މި ހާދިސާގައި މަރުވެފައެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި ހަވާލާދީ ސީއެންއެނުން ބުނިގޮތުގައި 270،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން ކުވެއިތުން އިންޑިއާއަށް ދަތުރުކުރަމުން ދިޔަ ޓޭންކަރުގައި ރޯވެފައިވަނީ އިންޖީން ރޫމުގައި އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. ޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި ލަންކާގެ ކަނޑުގެ ސިފައިންގެ އިތުރުން އިންޑިއާގެ ކަނޑުގެ ސިފައިންނާއި ކޯސްޓު ގާޑުން ދަނީ މަސައްކަތްކުރަމުންނެވެ.
އެމްޓީ ނިއު ޑައިމަންޑުގެ ނަން ދީފައިވާ މި ތެޔޮ ޓޭންކަރުގައި ރޯވުމުގެ ސަބަބުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތްކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



advertisment