ދިވެހިރާއްޖޭގައި ހުރި އެންމެ ތާރީޚީ އެއް ބިނާއަކީ މާލޭ ހުކުރު މިސްކިތެވެ. މިހާރުގެ ގޮތަށް މާލޭ ހުކުރު މިސްކިތް އަލުން ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނެވެ. އެއީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1648-1687) އެވެ. ހުކުރު މިސްކިތް ޢިމާރާތްކުރެއްވުމުގެ މަސައްކަތް އިސްކަންދަރު ރަސްގެފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ފެށްޓެވީ ހިޖުރައިން 28 ޝަޢުބާން 1066 (21 ޖޫން 1656މ.) ގައެވެ. މިސްކިތުގެ މަސައްކަތް ނިންމެވީ އެ ރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މަނަދޫ ބޮޑު ރޯނުގެ ވާހަކަ އޮތީ ހުކުރު މިސްކިތް ބިނާކުރެއްވުމަށްފަހު އެ މިސްކިތުގައި ބެހެއްޓެވި ފިލާތަކުގެ ތެރެއިން މިސްކިތުގެ ހުޅަނގު ބިތުގެ ބޭރުގައި ބެހެއްޓެވި ފިލާގައެވެ.
ޢަރަބި ބަހުން ލިޔެފައިވާ އެ ފިލަޔަކީ ހުކުރު މިސްކިތް ޢިމާރާތްކުރެވުނު ގޮތާއި ތާރީޚުތަކާއި، އެ މިސްކިތުގެ ބޮޑު މިނާއި، އެ މިސްކިތުގެ ބޯގައަށް ހަމަޖެއްސެވި ތަންތަނުގެ މަޢުލޫމާތު ހިމެނޭ ވަރަށް މުހިންމު އަދި ތާރީޚީ ލިޔުމެކެވެ.
ފިލާގައި އޮތް ލިޔުން ފައްޓަވާފައި ވަނީ ހުކުރު މިސްކިތް ބިނާކުރެއްވުމަށް އިސްކަންދަރު ރަސްގެފާނު ނިންމެވި ސަބަބުންނެވެ. އެ ރަދުން ހުކުރު މިސްކިތް ބިނާކުރައްވަން ނިންމެވީ މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނޭ ކަމަށް ވާރިދުވެފައިވާ ޙަދީޘްފުޅުތައް އައްސަވާފައި ކަމަށް އެ ލިޔުމުގައި ވެއެވެ. ހުކުރު މިސްކިތް ބިނާކުރައްވަން ފެށްޓެވި ތާރީޚާއި، މިސްކިތުގައި ހުރި ލިޔުންތައް ލިޔެ ނިންމި ތާރީޚާއި، މިސްކިތުގެ ބޮޑުމިނާއި، މިސްކިތް ބިނާކުރެވިފައިވާ ގޮތުގެ އިތުރުން އެންމެ މުހިންމު ވާހަކައަކަށް އޮތީ ހުކުރު މިސްކިތުގެ ބޯގަކަމުގައި ލެއްވި ރަށްރަށާއި، ހިންނަތަކާއި، އެތަންތަނުގެ ބޮޑު މިނެވެ. ބޯގައަކީ ކުރީ ޒަމާނުގައި މިސްކިތްތަކާއި ޒިޔާރަތްފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ފައިސާ ހޯދުމަށް އެ ތަންތަނަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. މި ބޯގައިގައި ތެރޭގައި ހިމަނުއްވައިގެން މާލޭ ހުކުރު މިސްކިތަށް މަނަދޫން ބޮޑުރޯނު ތިން ބޮޑި ކަނޑައަޅުއްވާފައިވެއެވެ. ބޮޑުރޯނަކީ ވަރަށް ފަލަކޮށް ވަށާފައި ހުންނަ ކިފުޅި ރޯނެކެވެ. މިއީ އިހުޒަމާނުގައި ގެންގުޅުނު ވަރަށް ބޭނުންތެރި އެއްޗެކެވެ. މިއީ ދިވެހި އަސްކަރީ ގުރާބުތަކުގެ (މަނަވަރުތަކުގެ) ބޭރުގައި ހަރުކުރާ ރޯނެކެވެ. ބޮޑިބޮޑި ހުރިގޮތަށް ގުރާބުތަކުގެ ބޭރުގައި ބޮޑުރޯނު ހަރުކުރަނީ ބަޑީގެ އުންޑައިން ގުރާބު ސަލާމަތްކުރުމަށެވެ.
މަނަދޫ ބޮޑުރޯނުގެ ވާހަކަ ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާ ލިޔުއްވި ދުވަސްވަރަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ މަޝްރަޙުގައި ވަރަށް މުހިންމު ދުވަސްވަރެކެވެ. ބޮޑު ރޯނުގެ ބޭނުން ޤައުމަށް ނުހަނު ބޭނުން ޖެހިފައިވާ ދުވަސްވަރެކެވެ. ޒަމާނުއްސުރެ ޕޯޗްގީޒުންނާއި މަލާބާރުންނަށް ދިވެހީން ދެމުންދިޔަ ޖިޒީ އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލައްވައި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން ދައުލަތެއްކަން އިޢުލާންކުރެއްވުމާ ގުޅިގެން އެ ދެބައި މީހުން ރާއްޖެއާ ދެކޮޅަށް ދިން ޢުދުވާނުތަކުން ޤައުމު ސަލާމަތްކޮށްދެއްވީ އިސްކަންދަރު ރަސްގެފާނު ކޮމާންޑަރަކަށް ހުންނަވައިގެންނެވެ. މަލާބާރުންގެ ދުއްތުރާތައް ބޮޑުވެގެން އެންމެފަހުން ދިވެހި ލަޝްކަރު މަލަބާރުކަރަޔަށް ފޮނުއްވައި އެ މީހުންގެ ބާރުގެ ދަށުގައި އޭރު އޮތް މަލިކަށާއި މިހާރުގެ ލަކްސަންދީބުގެ ބައެއް ރަށްރަށަށް އަރައި ހަމަލާދިނެވެ އަދި މަލިކު ހިއްޕަވައި ޖިޒީ ދޭން ޖެހޭގޮތަށް ހަމަޖެއްސެވިއެވެ. މިފަދަ ހަނގުރާމައިގެ ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ކަނޑުގެ އަރުމާދުގެ ގުރާބުތަކަށް ބޭނުންވާނެ އެންމެ މުހިންމު އެކައްޗަކީ ފަލަރޯނެވެ.
ހުކުރު މިސްކިތުގެ ބޯގައިގެ ތެރޭގައި މަނަދޫ ފަލަ ރޯނު އިސްކަންދަރު ރަސްގެފާނު ހިމެނުއްވީ ކީއްވެގެންކަމެއް ސީދާ ދަންނަވާކަށް ނޭނގެއެވެ. އޭރު އެ މަސައްކަތަށް އެންމެ ކުޅަދާނަ މީހުން ތިބެނީ މަނަދޫގައިކަމަށް ވެދާނެއެވެ. އަދި އެ ޒަމާނުގައި މަނަދޫ ފަލަރޯނަކީ ވަރަށް އަގުހުރި އެއްޗަކަށް ވެދާނެއެވެ. ރޯނަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަގޮތަކަށް ވަށާއުޅުނު އެއްޗެކެވެ. މިގޮތަށް ކިތަންމެ ގިނަ ބަޔަކު ކުރާ މަސައްކަތެއް ކަމަށްވިޔަސް ރާއްޖޭގައި ބައެއް މަސައްކަތްތަކަށް ޚާއްޞަ ރަށްރަށް ހުންނަ ފަދައިން ފަލަރޯނު ވެށުމުގައި މަނަދުއަކީ އެ ޒަމާނުގައި އެންމެ މަޝްހޫރު އެއް ރަށަށް ވެސް ވެދާނެއެވެ.
ހުކުރު މިސްކިތުގެ މައްޗަށް ދެއްވި ތަކެތި ދެއްވީ މިސްކިތުގެ ފަންގިލައި ފަސްވޮށުގެ ތެޔޮއަޅައި ދެ ދޮރާށީގެ ފަންގިލައި ހެދުމެވެ. މީގެއިތުރުން އިސްކަންދަރު ރަސްގެފާނު ޒިޔާރަތާއި އޭރު މާލޭގައި ހުރި ޚާއްޞަ ބައެއް މިސްކިތްތަކުގެ ފަންގިލުމާއި ކުނާއެޅުމާއި ވޮށްދިއްލުމާއި މުދިމުންގެ މުސާރަ ދިނުން ވެސް މި ފަންޑުން ކުރާ ކަންތައްތަޖޔގެ ތެރޭގައި ހިމަނުއްވާފައިވެއެވެ. ފިލާގައިވާ ލިޔުން ލިޔެ ނިންމާފައި ވަނީ ހުކުރު މިސްކިތުގައި ހުރި އެހެން ޢަރަބި ލިޔުންތައް ވެސް ލިޔެ ނިންމި ތާރީޚުގައި ފަނޑިޔާރުކަލޭފާނާއި ހަތަރު ނައިބު ބޭކަލުން ހެކިކޮށެވެ. އެ ތާރީޚަކީ ހިޖުރައިން 10 މުޙައްރަމް 1068 (18 އޮކުޓޫބަރު 1657) ގައެވެ.
"ދެންފަހެ ދަރުމަވަންތަ ރަސްގެފާނުން މިތާންގައި ހައްދަވާފައިހުރި މިސްކިތަށް ހުރި ތަކެއްޗާއިއެކު މި މިސްކިތަށް ރާއްޖޭގެ ބައިބައިން ބިންތަކާއި ރަށްތައް ލައްވައިފޫ. އެ ތަކެތި ވަކިވަކިކޮށް ނަންގަންނަ ހުށީމެ" މި ޢިބާރާތަށްފަހު ލިޔުއްވާފައިވަނީ ތިލަދުންމަތިން ފެށިގެން އައްޑޫއަށް ހަމައަށް ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްރަށުން ހުކުރު މިސްކިތުގެ ބޯގައަށް ކަނޑައެޅުއްވި ރަށްރަށާއި ބައެއް ރަށްރަށުގެ ތަންތަނާއި، ތަކެއްޗާއި، ރަށްރަށުން ކަނޑައެޅުއްވި ސަރަޙައްދުތަކުގެ ބޮޑުމިނެވެ. ތިރީގައި މިވަނީ އެ މަޢުލޫމާތުތަކެވެ.
ތިލަދުންމަތި: (ހއ. އަތޮޅާއި ހދ. އަތޮޅު)
ކެލާ މާމުދާގަނޑު، ވަށަފަރު، ކުނބުރުދޫގެ ކާށި. މުޅި ނެއްލައިދޫ، މާރަންދޫން ހަތަރުބައިކުޅަ އެއްބައި، އިހަވަންދޫ، ހޯރަފުށި، މުޅި ހަތިފުށި، ބެރިންމަދޫ، ގައުމަތިގަނޑު، މަނަފަރު، މެދަފުށި، އުލިގަމުން ކުޑަދޫ ކިޔާ ބިންގަނޑު
މިލަދުންމަޑުލު: (ށ. އަތޮޅާއި ނ. އަތޮޅު)
ފޭދޫ ވަށައި 100 ގަޒު ބިންގަނޑު، މަތި ކޮމަންޑޫ، ކެނދިކޮޅުން ވަށައި 200 ގަޒު ހުރި ބިންގަނޑު، މަނަދޫން ބޮޑު ރޯނު ތިން ބޮޑި.
މާޅޮސްމަޑުލު: (ބ. އަތޮޅާއި ރ. އަތޮޅު)
ވާދޫ ހުކުރު މިސްކިތުން ފެށިގެން އުތުރަށް ރަށުގެ ނިޔަލަށް، އަނގޮޅިތީމުން ތިންބައިކުޅަ ދެބައި، ދެބައިކުޅަ އެއްބައި ނުވަތަ މުޅި ރަސްމާދޫ، ވަންދޫ، މަހިދޫ، ފުޅަދޫގެ ހުޅަނގުކޮޅު.
ފާދިއްޕޮޅު: (ޅ. އަތޮޅު)
ދިއްދޫ، މާމަގު
މާލެ އާއި މާލެއަތޮޅުން:
މާލެ އަތޮޅު ދޫނިދޫ، ހެންވޭރުން މިސްކިތަށް ހުރި ބިންތައް، ދެން އުއްތަރައިން (އުތުރަށް) އޮތް 120 ގަޒު ހުރި ބިން، އެ ބިމާ އިންވެގެން އޮތް 62 ގަޒު ހުރި ބިން، އިސްކަންދަރު ރަސްގެފާނުގެ ގަނޑުވަރާ ދެމެދުގައި އޮތް 140 ގަޒު ހުރި ބިން، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ އިރުންއޮތް 44 ގަޒު ހުރި ބިން، ދަރުމަވަންތަ ރަސްގެފާނު މިސްކިތް ހުރި 80 ގަޒު ހުރި ބިން، އޮނުފީނި މިސްކިތު އިރުން އޮތް 70 ގަޒުހުރި ބިން، އައްތާރަފަނި މިސްކިތުގެ ދެކުނުން އޮތް 360 ގަޒު ހުރި ބިން، އެ ބިމާ އިންވެގެން އޮތް 260 ގަޒު ހުރި ބިން، އެ ބިމާ އިންވެގެން އޮތް 390 ގަޒު ހުރި ބިމާއި 95 ގަޒު ހުރި ބިން، ނަޖީބުލް ޙަބަޝީގެ ޒިޔާރަތުގެ ހުޅަނގުން އޮތް 80 ގަޒު ހުރި ބިން، އެ ބިމާ އިންވެގެން އޮތް 150 ގަޒު ހުރި ބިމާއި 62 ގަޒު ހުރި ބިން.
ގަލޮޅާއި މައްޗަންގޮޅީން ކަނބާފާނު ބިމުގެ ހުޅަނގުން އޮތް 120 ގަޒު ހުރި ބިން، ބޮޑުމަގު އިރުން އޮތް 220 ގަޒު ހުރި ބިން، މި މަގުގެ ހުޅަނގުން އޮތް 150 ގަޒު ހުރި ބިން، ރަށްދެބައިމަހުގެ އިރުން އޮތް 90 ގަޒު ހުރި ބިން، ކަންޒު ދެކުނުން އޮތް 90 ގަޒު ހުރި ބިން، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ ދެކުނުން އޮތް 112 ގަޒު ހުރި ބިން، ރަށްދެބައި މަގުގެ ހުޅަނގުން އޮތް 170 ގަޒު ހުރި ބިން، ޢަލީ ރަސްގެފާނުގެ ބިމުގެ ދެކުނުން އޮތް 112 ގަޒު ހުރި ބިން، ރަށްދެބައި މަގުގެ ހުޅަނގުން އޮތް 45 ގަޒު ހުރި ބިން، އަސްކަރު މިސްކިތުގެ ހުޅަނގުން އޮތް 350 ގަޒު ހުރި ބިން، ޢީދު މިސްކިތު މަގުގެ ދެކުނު އޮތް 390 ގަޒު ހުރި ބިން، މި މަގުގެ އުތުރުން އޮތް 320 ގަޒު ހުރި ބިން، މި ބިމާ އިންވެގެން އޮތް 69 ގަޒުހުރި ބިމާއި 212 ގަޒު ހުރި ބިން، ފައިފުހޭ މިސްކިތުގެ ހުޅަނގުން އޮތް 70 ގަޒު ހުރި ބިން، ބަދުރު ދޮށިމޭނާ ކަލޯ ހުޅަނގުން އޮތް 90 ގަޒު ހުރި ބިން، ކޮލިހިނގާމަގު އިރުން އޮތް 230 ގަޒު ހުރި ބިން، އާމިނާ މާވާކިލެގެ މިސްކިތުގެ ހުޅަނގުން އޮތް 120 ގަޒު ހުރި ބިން، މި މިސްކިތުގެ ހުޅަނގު އޮތް ފާހިތި (72) ގަޒުހުރި ބިން، ކަލާފާނު ބިމުގެ ހުޅަނގުން އޮތް 90 ގަޒު ހުރި ބިން، އަދި ކަލާފާނު ބިމުގެ ހުޅަނގުން އޮތް 100 ގަޒު ހުރި ބިން. މާލެއަތޮޅު މާފުށި،
އަރިއަތޮޅު: (އއ. އަތޮޅާއި އދ. އަތޮޅު)
މާފޮޅުދޫ، ކުނބުރުދޫ، ދަނގެތި، ވެހޭންފުށި، ވޭއޮށުން 8 ގޯތި،
ނިލަންދު އަތޮޅު (މި ބައިގެ ތެރޭގައި ފެލިދެއަތޮޅާއި ކޮޅުމަޑުލުގެ ރަށްތައް ހިމަނުއްވާފައިވޭ)
ޅޮހި، ބުރުނީން ގޯތި، މޮގޮޅި، ޅޮހި މަޑިފުށީ ގޯއްޗަކާއި ގޯއްޗެއްގެ ތިންބަޔާއި، ތިން ކޮޅުފުށީން ބޮޑުފުށި ކިޔާ 224 ގަޒު ހުރި ބިން، ކަކޮޅަހުން ހަތަރު އަތްފޮޅު (ރަށުގެ ހޭޅިމަގުން ބޭރު)، ކަނޑޫދޫން 80 ގަޒުހުރި ބިން، 74 ގަޒު ހުރި ބިން، 90 ގަޒުހުރި ބިން،
ހައްދުންމަތި (ލ. އަތޮޅު)
އިސްދޫކަލައިދޫން ފާހިތި (72) ގަޒު ހުރި ބިން، ހަމަ މި މިނުގެ އަދި އެހެން ބިމެއް، 100 ގަޒު ހުރި ބިން، ބަރެސްދޫ، ގަމުން 100 ގަޒުހުރި ބިން، ހަމަ މި މިނުގެ އަދި އެހެން ބިމެއް، މުޅި ހުޅިހަންދޫ، އޮޅުތޮޅު މާފުށި، މާވަށު އަތްފޮޅު (ރަށުގެ ހޭޅިމަގުން ބޭރު)، ހަންއުށި،
ހުވަދޫ (ގއ. އަތޮޅާއި ގދ. އަތޮޅު)
ކޮޑޭގެ ކޮޑޭއަޑިއާއި ރަހަގަނޑާއި ދޮރުންހެސް، މުޅި ރެއްދަންފުށި، ވާރިޔާދޫ، ވާދޫން 100 ގަޒު ހުރި ބިން، މާތޮޑާއިން 40 ލާރި، މުޅި ބޮލިމަތައިދޫ، ކަޅުފުށި،
ފުވައްމުލައް (ޏ. އަތޮޅު)
ފުވައްމުލަކުން 370 ގަޒު ހުރި ބިން،
އައްޑޫ (ސ.އަތޮޅު)
އައްޑޫ ގަމުން 1000 ގަޒުހުރި ބޮޑު ބިން.
ހުކުރު މިސްކިތަށް ވަގުފުކޮށްދީފައިވާ ބިންބިމާއި ރަށްތަށުގައި ހެދޭ ތަކެތީގެ ތެރެއިން ދައުލަތަށް ނަގަންވީ ވަރާއި ނަގަންވީގޮތް ވެސް ހުކުރު މިސްކިތުގެ ފިލާގައި އޮތީ ލިޔެފައެވެ. އެ ފިލާގައި އޮތީ އެ ސަރަޙައްދުތަކުގައި ހުރި ރުއްރުކާއި ކާއްޓާއި ކަށިކޭލުން ދައްކަން ޖެހެނީ ފަސްބައިކުޅަ ދެބައި ކަމަށެވެ. ފަލަމަޑީގެ ބާއްވަތްތައް ކަމަށްވާ އަލަކައްޓަލަ ފަދަ ތަކެތީން ހަތަރުބައިކުޅަ އެއްބައެވެ. ފަތްކޭލާއި އެ ނޫން ހުރިހާ އެއްޗަކުން ދެބައި މީހުންގެ އިއްތިފާޤުވާ މިންވަރެކެވެ. މި ފަންޑު ބެލެހެއްޓުމަށް އިސްކަންދަރު ރަސްގެފާނު ވަނީ ބަޔަކު ލައްވާފައެވެ. އެ ބައި މީހުންގެ ވެރިޔަކަށް ލެއްވީ ކުރު މޫސަ ކިޔާ މީހެއްކަމަށް ވެސް މި ފިލާފައި ލިޔެފައިވެއެވެ.
މަސްދަރު:
ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލިސް. (1984). މާލޭ ހުކުރު މިސްކިތް. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ،. ދެވަނަ ޗާޕު، 2004 ގައި.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment
One Response
މަނަދޫ ބޮޑު ރޯނު ކުއްލިއަކަށް ފަލަ ރޯނަށް މި ލިޔުމުގެ ފަހުބައިގައި މިބަދަލުވީ ކީއްވެބާ؟ރ