Support Us

އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތް. ދޮންބަންޑާރައިންގެ މަޤްބަރާ ހުންނަ ހުންނަނީ ވެސް މި ޒިޔާރަތުގައި. ފޮޓޯ: ނާޖިހު ދީދީ

އިބްރާހީމް ރަސްގެފާނަށް ހެދި ސިހުރުގެ ވާހަކަ އަޑުއެހިންތަ؟

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދުން 1721 ވަނަ އަހަރުން 1750 ވަނަ އަހަރަށެވެ. އެއީ ހިޖުރައިން 1133 ވަނަ އަހަރުން 1163 ވަނަ އަހަރަށެވެ.

މި ރަދުން ފަސް ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. ލިބިވަޑައިގަތީ ހަތް ބޭފުޅުންނެވެ. މީގެ ތެރެއިން ފުރަތަމަ ދަރިކަނބަލުން އައިމިނާ ރަނިކިލެގެފާނު ލިބިވަޑައިގެންނެވީ ރަދުންގެ އުމުރުފުޅުން 15 އަހަރުފުޅުގައެވެ. އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ނަން އަރާހުރި ބޭފުޅަކީ މުޙައްމަދު މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. ޣިޔާޘުއްދީން ރަދުންނެވެ. މަޝްހޫރު ހާޖީ ބަންޑާރައިންނެވެ.

އިބްރާހީމް ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންނެވީ ބައްޕާފުޅު ދިޔަމިގިލި ރަދުން އަވަހާރަވުމުންނެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ދެވަނަ) އެވެ

އިބްރާހީމް ރަސްގެފާނު ރަސްކަމަށް އިސްކުރެވުނީ އުމުރުފުޅުން 13 އަހަރުފުޅުގައެވެ. މި ރަދުންނަކީ ރަސްކަމުގެ ކުރީކޮޅު މާ ހަރުދަނާ ކަމެއްނެތް ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅަކަށް ވިޔަސް ފަހުން ވީ ވަރަށް ބުއްދިފުޅު ހުރި ދީލަތި، ރައްޔިތުންނަށް އޯގާތެރި އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށް އަރުމާޒު ހައްދަވައިގެން ދަތުރުފުޅު ކުރެއްވި "ރަޙުމަތް ބޮޑު" ރަސްކަލަށެވެ.

އިބްރާހީމް ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު އާދަޔާ ޚިލާފު ކަންތައްތަކެއް ހިނގިއެވެ. އެއިގެ ތެރެއިން އެއް ކަމަކީ ބޮޑުބަނޑޭރިކަން ދެއްވާ ކޮންމެ ބޭފުޅަކު އަވަހާރަވުމެވެ. މިގޮތުން ބޮޑުބަނޑޭރިކަން ދެއްވި ތިން ބޭފުޅުން ވެސް އެއް ބޭފުޅަކަށްފަހު އަނެއް ބޭފުޅަކު އެއް އަހަރުގެ ތެރޭގައި އަވަހާރަވިއެވެ. އެ ދުވަސްވަރު ކީރިތި މަހާރަދުންނަށް ސިހުރެއް ހަދަގެން އެ ރަދުން އަވަހާރަކޮށްލަން ބަޔަކު އުޅޭ ޚަބަރު ލިބިވަޑައިގަތެވެ. މިކަމުގެ އަޑީގައި ހުންނެވީ ޙުސައިން ވެލާނާ މަނިކުފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނެވެ.

ކީރިތި މަހާރަދުން އަވަހާރަކޮށްލުމަށް ސިހުރު ހެދި މައްސަލަ ފަޅާއެރިއިރު ރަސްގެފާނުގެ އެންމެ އަރިސް ވަޒީރުންގެ ބަޔަކު ވެސް މިކަމުގައި އޮތީ ބައިވެރިވެފައެވެ. މި މައްސަލަ ރަސްކަމުގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ބައްލަވައި ތަހުގީގު ކުރެއްވިއެވެ.

ޙުސައިން ވެލާނާ މަނިކުފާނުގެ މުޙައްމަދު މަނިކުފާނު ބަޔަކާ ސައްލާ ކުރައްވައި އޭނާގެ ކޮޅަށް ބަޔަކު ލަންބުވައި ސިހުރުވެރިއަކު ހޯއްދަވައިގެން ރަދުން އަވަހާރަކޮށްލަން ސިހުރު ހެއްދުވީއެވެ. މި މައްސަލައިގައި މި މުޙައްމަދު މަނިކުފާނާ އޭނާއަށް މިކަމުގައި އެންމެ ބޮޑަށް ވާގިވެރިވެވަޑައިގެންނެވި މުލަކު މަނިކުފާނު ކިޔާ ކުޑަ ވަޒީރަކާ ދެ ބޭފުޅުން އަރުވާލެއްވީއެވެ. މި ބޭފުޅުން އަރުވާ ލެއްވީ މާޅޮހަށެވެ. މި ނޫން ބޭފުޅުން ވެސް އަރުވާލެއްވިއެވެ. ސިހުރު ހެއްދުމުގައި އިސްކޮށް ތިއްބެވި މި ދެ ބޭފުޅުން ވިދާޅުވެގެން ސިހުރު ހެދި މީހާ އޭނާގެ ކުށަށް އިޢުތިރާފުވިއެވެ.

އެ ދުވަސްވަރަކީ ރާއްޖޭގައި ގިނަ އަދަދަކަށް ދީނީ ޢިލްމުވެރިން ތިއްބެވި ޒަމާނެކެވެ. އަދި އެ ދުވަސްވަރަކީ ބުނެވޭގޮތުގައި ފަނޑިޔާރުން މިނިވަން ކަމާއެކު ޢަދުލަށް ޙުކުމްކުރެއްވި ދުވަސްވަރެކެވެ. ރަދުންނަށް ހެދި ސިހުރުގެ މައްސަލަ ބައްލަވައި އެކަމުގައި ޝާމިލުވި މީހުންނާއި ދެނެތިބި މީހުންގެ ހެކިބަހަށާއި ސިހުރު ހެދި މީހާގެ އިޢުތިރާފަށް ބައްލަވައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކަލޭގެ ޤަތުލުކުރައްވައި ސިހުރުގެ މައްސަލަ ނިންމެވީއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *