ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖޭގެ ވެލާ ރިސޯޓަށް ޕާޓީ ކުރަައްވަން ވަޑައިގެން 50 މިލިއަން ޑޮލަރު ހަރަދު ކުރެއްވި ކަމަށް ނިޔުޔޯކް ޕޯސްޓުން ބުނެފިއެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ގުޅޭގޮތުން ވޯލްސްޓްރީޓް ޖަރނަލްގެ ދެ ނޫސްވެރިޔަކު ލިޔުނު ފޮތެއް ކަމަށްވާ "ބްލަޑް އެންޑް އޮއިލް: މުހައްމަދު ބިން ސަލްމާންސް ރޫތްލަސް ކުއެސްޓް ފޮރ ގްލޯބަލް ޕަވަރ" އަށް ހަވާލާދީ ނިއުޔޯކް ޕޯސްޓުން ބުނީ ބްރެޒިލް އާއި ރަޝިއާ ފަދަ ގައުމުތަކުން 150 އަންހެނުން ރާއްޖެ ގެނެސް، 2015 ވަނަ އަހަރު ވަލީ އަހުދު އެ މީހުންނާއެކު ވަރަށް ސިއްރިއްޔާތުގައި ވެލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވާފައިވާ ކަމަށެވެ.
ވަލީ އަހުދާ ގުޅޭގޮތުން ލިޔުނު ފޮތް މިއަދު ބާޒާރަށް ނެރިފައިވާއިރު، އެ ފޮތުގައި ވަލީ އަހުދުގެ މައްޗަށް އެތައް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ދިވެހި ރާއްޖެ ވަޑައިގެން ދަތުރުގައި ވެލާ ރިސޯޓުގައި ހުންނެވިއިރު ބަނގުރާ ހިއްޕެވި ކަމަށާއި، ބްރެޒިލް އަދި ރަޝިއާ ހިމެނޭ ގޮތަށް އެކި ކަންކޮޅުތަކުން 150 އަންހެނުން ގެނެސް، އެ މީހުންނާއެކު ޕާޓީކޮށްފައިވާ ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ.

"ވަލީ އަހުދު ރިސޯޓަށް ވަޑައިގަތުމުގެ ކުރިން އަންހެނުންތައް ރިސޯޓަށް ގެނެސް، އެސް.ޓީ.ޑީ ހުރިތޯ ޓެސްޓު ކުރި. އަދި ވަލީއަހުދާއި އޭނާގެ ރަހުމަތްތެރިން ސީޕްލޭނުގައި ރިސޯޓަށް ފޭބީ، އެ މީހުން (އަންހެނުންތައް) ޓެސްޓުކޮށް، ކޮޓަރިތަކަށް ދިޔަފަހުން،" އެ ފޮތުގައި ލިޔެފައިވެއެވެ.
އެ ފޮތުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ ދަތުރަށް 50 މިލިއަން ޑޮލަރު ހޭދަކުރިއިރު، ވެލާ ރިސޯޓުގައި އެވަގުތު ތިބި 300 މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކަށް ޓިޕްސްގެ ގޮތުގައި 5000 ޑޮލަރު ދިނެވެ. އަދި އެ ރިސޯޓުގެ މުވައްޒަފުންނަށް އާންމު ގޮތެއްގައި ޓިޕްސްގެ ގޮތުގައި ލިބެނީ އެއްހާސް ޑޮލަރާއި ބާރަސަތޭކަ ޑޮލަރާއި ދެމެދުގެ އަދަދެއް ކަމަށް ވެސް އެފޮތުގައި ވެއެވެ.
މީގެ އިތުރުން ވަލީއަހުދުގެ ދަތުރުފުޅާ ބެހޭ މައުލޫމާތު ލީކުވިޔަނުދިނުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓު މުވައްޒަފުން ސްމާޓުފޯނު ބޭނުން ކުރުން މަނާކުރި ކަމަށާއި، ޒަރޫރީ މުއާމަލާތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ބައްތި ނޮކިއާ ފޯނެއް ބޭނުންކުރަން ހުއްދަދީފައިވާ ކަމަށް ވެސް އެ ފޮތުގައި ވަނީ ބުނެފައެވެ. އަދި އެ އަމުރާ ހިލާފުވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ވެސް އެ ފޮތުގައި ބުނެފައިވެއެވެ.
އަދި ވަލީ އަހުދަށް މިއުޒިކް ޝޯ ދިނުމަށް ދުނިޔޭގެ މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ ޝަކީރާ އާއި ޕިޓްބުލް ވެސް ރާއްޖެ ގެނައި ކަމަށް އެ ނޫހުގައިވެއެވެ.
@pitbull arrives in Maldives for a private show / holiday ! http://t.co/QzNYrqBO3D pic.twitter.com/SYselKW8Lp
— Supporting Pit! (@supporting_pit) June 9, 2015
ވަލީ އަހުދު ބަނގުރާ ހިއްޕެވިއިރު ކައިރީގައި ގެންގުޅުއްވީ އެމަނިކުފާނުގެ އަމިއްލަ މުވައްޒަފުންތަކެއް ކަމަށާއި، އެގޮތަށް އަމަލުކުރެއްވީ މުސްލިމް އެހެން ގައުމެއްގެ ރައްޔިތުންނަށް ސައުދީ މީހުން ބަނގުރާ ބޯ މަންޒަރު ފެންނަން ބޭނުން ނުވާތީ ކަމަށްވެސް އެ ފޮތުގައި ވަނީ ބުނެފައެވެ. އެއް މަސް ދުވަހަށް ރޭވި އެ ދަތުރު ކުރުކޮށްލަން ޖެހުނީ ވަލީ އަހުދު ރިސޯޓަށް ވަޑައިގެން ހަބަރު ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތަކަށް ލީކުވުމުން ކަމަށް ވެސް އެ ފޮތުގައި ވަނީ ބުނެފައެވެ.
ތިންސަތޭކަ ފަސްދޮޅަސް އަށް ސަފުހާގެ އެ ފޮތުގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ޒުވާން ދުވަސްވަރުގެ ވާހަކަތަކުން ފެށިގެން، އެމަނިކުފާނު ދުނިޔޭގެ އެންމެ ވަރުގަދަ ލީޑަރުންގެ ލިސްޓަށް އައި ގޮތުގެ ވާހަކަތައް ހިމެނެއެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަކީ ސައުދީ ރަސްގެފާނުގެ އަށް ވަނަ ދަރިކަލުން، އަދި ރަސްގެފާނުގެ ތިން ވަނަ އަނބިކަބަލުންނަށް ލިބުނު ފުރަތަމަ ދަރިކަލެވެ.



advertisment
One Response
ނަމުގަ މުސްލިމުން. ދުނިޔޭގާ ލެ އްވިހާ ފާހިޝް އަމަލެ އް ހިންގާ