Support Us

ތިނަދޫ އިން ކޮވިޑްގެ ބަލި މީހަކު ފެނުމުން މުޅި ހުވަދު އަތޮޅު ހުއްޓުމަކަށް

ކޯވިޑް19 އަށް ގ.ދ ތިނަދޫ އިން މީހަކު އިއްޔެ ޕޮޒިޓިވްވި ޚަބަރު ވެގެން ދިޔައީ މުޅި ހުވަދު އަތޮޅަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. ގއ. އަދި ގދ. އަތޮޅު ހުއްޓުމަކަށް ގެނުވި ކަމަކަށެވެ. އެކަން ވާނީ ވެސް އެހެންތާއެވެ. މިއީ އަތޮޅުގެ މައި މަރުކަޒެވެ. ޒަރޫރީ ހުރިހާ ބޭނުމަކަށް އަތޮޅު އެންމެން ކޮންމެ ދުވަހަކު ޖަމާވަނީ މި ރަށަށެވެ. އެހެންކަމުން ތިނަދޫ މޮނިޓަރިންގެ ޙާލަތަށް ދިޔުމުން ހުރިހާ ރަށެއް ވެސް މިހާރު ވަނީ ގާތްގަނޑަކަށް އެއް ޙާލަތަކަށް ޢަމަލު ކުރަން ފަށައިފައެވެ.
ތިނަދޫއާ އެންމެ ކައިރީގައި އޮންނަ މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނީ ތިނަދޫ އަކީ އެރަށުގެ އަވަށެއް ކަމަށާއި ދުވާލާއި ރޭގަނޑު އެތައް ދަތުރެއް އެ ރަށު ރައްޔިތުން ތިނަދު އަށް ކުރާ ކަމަށެވެ. އެހެންކަމުން ތިނަދޫ އިން ފެނުނު ކޭސްއާ ގުޅިގެން އެ ރަށުގައި ވެސް މިހާރު ވަނީ ޚާއްސަ ފިޔަވަޅު ތަކެއް އަޅަން ފަށައިފައި ކަމަށެވެ.
އެހެން ރަށަކުން ވާހަކަ ދެއްކި ކައުންސިލް މެމްބަރަކު ވިދާޅުވީ ތިނަދޫ އިން ފެނުން ކޯވިޑް-19ގެ ބަލިމީހާގެ ކޮންޓެކްޓް ހުރި ގޮތުން އަތޮޅު ކޮންމެ މީހަކީވެސް ނުރައްކާތެރި ޙާލަތެއް ކުރިމަތިވެދާނެ ފަރާތެއް ކަމަށެވެ.
"އަޅުގަނޑުމެން ވެސް މިހާރު ވަނީ އަތޮޅުގެ އެހެން ރަށްތަކުންވެސް ފިޔަވަޅު އަޅާފައިވާ ގޮތަށް ފިޔަވަޅު އަޅައިފައި. މިއީ ވަރަށް ދެރަކޮށް ތިނަދޫގައި ހިނގައިދިޔަ ކަމެއް. ކަރަންޓީންގައި ހުރި މީހަކު ފައްސިވި ނަމަ އޯކޭ،" މެންބަރު ވިދާޅުވިއެވެ.
ތިނަދޫ މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ މެދުކަނޑާލައިފައެވެ. ކުޅިވަރު ކުޅޭ ތަންތަން ވެސް ވަނީ ބަނދުކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް ވަނީ ވީހާވެސް ބޮޑަކަށް ރައްކާތެރިކޮށް އުޅުމަށް އަންގައި ގޭގައި މަޑުކުރަން ނަޞޭޙަތްތެރިވެފައެވެ.
ތިނަދޫ އިން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައި ވަނީ އޭނާ ބަލިވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމުން އެތަނުން ޓެސްޓު ކުރުމުންނެވެ. ޕޮޒިޓިވްވި މީހާ އަކީ މާލެ އާއި ތިނަދޫއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ތިނަދޫ މީހަކެވެ.
އުމުރުން 60 އަހަރުގެ އެ މީހާއާ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާ ކަމަށް ދަނީ ބުނަމުންނެވެ. އަދި އެޗް.ޕީ.އޭ އިން ދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން ބަލަމުންނެވެ.
ތިނަދޫގެ މިހާރުގެ ޙާލަތަށް ބަލާއިރު މުޅި ރަށް ވަނީ އެއްކޮށް ހަމަހިމޭންވެފައެވެ. މަގުމަތީގައި ހިނގާބިނގާވާ މީހުން ވެސް ފެންނަނީ ވަރަށް މަދުންނެވެ. ހަމަ އެހެންމެ ހުރިހާ އެންމެން ވަނީ މާސްކް އަޅަން ފަށައިފައެވެ.
ކޯވިޑް19ގެ ތިނަދޫ ޓާސްކް ފޯސް ޓީމުގެ އޮފިޝަލަކު ވިދާޅުވީ ތިނަދޫ އިން ކޯވިޑް ކޭސް އެއް ފެނުމާ އެކު އެޗް.ޕީ.އޭގެ  އެންގެވުންތަކާ އެއްގޮތަށް ގިނަގުނަ ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން އެކަންތައް ތަކުގައި ލިބެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު މި ކުރަނީ ތިނަދޫ އާއި މުޅި އަތޮޅު ވެސް ލަސްތަކެއްނުވެ އާންމު ހާލަތަށް ބަދަލުވެދާނެ ކަމަށް. އަތޮޅަށް އައިސްފައިވާ ހުއްޓުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް،" ތިނަދޫ ޓާސްކް ފޯސްގެ އޮފިޝަލް ވިދާޅުވިއެވެ.
ތިނަދޫ އިން ޕޮޒިޓިވްވި މީހާ އަށް ފަރުވާދެމުން ދަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް