ރައީސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމާއި ރައީސްކަމުގެ ދައުރުގައި ވެސް ކަކާގޭ އިބްރާހީމް ޙިލްމީއަށް ސަރުކާރުން އިސް މަގާމެއް ނުދެއްވައެވެ. އެހެން ނަމަވެސް ވަރަށް އިތުބާރު ކުރެވޭ ބޭފުޅަކަށް ނޫނީ ހަވާލު ނުކުރައްވާނެ ފަދަ ތިންކަމެއް އިބްރާހީމް ޙިލްމީއާ ރައީސް ނާޞިރު ހަވާލު ކުރެއްވި ކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. އެ ތިންކަމަކީ ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް އެކުލަވާލެއްވި ޢިލްމުވެރީންގެ ކޮމެޓީގައި ހިމެނުއްވުމާއި، ޖަމީލު ދީދީގެ ފަނޑިޔާރުކަމުގައި ބަޔަކު އެ މަނިކުފާނުގެ އަބުރުފުޅާ ބެހުނު މައްސަލައެއް ބެލުމަށް އެކުލަވާލެއްވި ފަނޑިޔާރުގެ ކޮމެޓީގެ އިސް ފަނޑިޔާރަކަށް އައްޔަންކުރެއްވުމާއި، ރޭޑިޔޯއިން އެންމެ ފުރަތަމަ ފޮނުވި ދީނީ ޕްރޮގްރާމުގެ ސިލްސިލާގައި ވާހަކަ ދެއްކުމަށް ހަމަޖެއްސެވި ފަސް ޢިލްމުވެރީންގެ ތެރޭގައި ހިމެނުއްވުމެވެ.
ބައްޕަގެ ސުވާލަކީ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމެއް ދެއްވާފައިނުވާ އިބްރާހީމް ޙިލްމީއަށް އިސްވެ ދެންނެވުނު މުހިންމު ކަންތައްތައް ހަވާލުކުރެއްވީ ކީއްވެގެން ހެއްޔެވެ. މި ސުވާލު އޭރުގެ އިސް ބައެއް ބޭފުޅުންނާ ވެސް ބައްޕަ ކުރެއްވިކަމަށް ވެއެވެ. ގިނަ ބޭފުޅުންގެ ޖަވާބަކީ "އިބްރާހީމް ޙިލްމީއަކީ ޢިލްމީގޮތުން ޤާބިލު ބޭފުޅެކެވެ."
ކަކާގޭ އިބްރާހީމް ޙިލްމީ ވަނީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން އަރިހުންނާއި ޞަލާޙުއްދީނުގެ ދޮށީ ދަރިކަލުން ފަޟީލަތުއް ޝައިޚް މުޙައްމަދު ސަޢީދު ދީދީ އަލްއަޒްހަރީގެ އަރިހުން އަރަބި ބަހާއި، ދީނީ ތަޢުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު ރާއްޖެއިން ބޭރަށް ވަޑައިގެން އިންޑިޔާގެ ސެންޓް ލޯރެންސް ކޮލެޖުންނާއި އަލީގަޅު ޔުނިވަސިޓީން ތަޢުލީމު ހާސިލުކުރެއްވިއެވެ. އިބްރާހީމް ޙިލްމީއަކީ ޢަރަބިބަހާއި އިނގިރޭސި ބަހާއި އުރުދޫބަސް ވެސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެ ޒަމާނަށް ބަލާއިރު އިބްރާހީމް ޙިލްމީއަކީ ޒަމާނީ ތަޢުލީމީ ބޭފުޅެކެވެ.
އިބްރާހީމް ޙިލްމީ ހިމެނިވަޑައިގެންނެވި ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވި ކޮމެޓީގައި އެ މަނިކުފާނުގެ އިތުރުން ހިމެނިވަޑައިގެންނެވީ މިސްރުގެ އަޒުހަރު ޔުނިވަރސިޓީން ކިޔަވާ ވިދާޅުވެފައިވާ ވަރަށް ޢިލްމީ ހަތަރު ބޭފުޅުންނެވެ. އެއީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއާއި، ފަޟީލަތުއްޝައިޚް މޫސާ ފަތުހީ އަޒްހަރީ އާއި، އަލްއުސްތާޛު ފަތުޙުﷲ ޖަމީލާއި، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނެވެ.
އިބްރާހީމް ޙިލްމީ އިސް ފަނޑިޔާރަކަށް އިސްކުރެއްވި ފަނޑިޔާރުންގެ ކޮމެޓީއަކީ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އައްޔަން ކުރެއްވި ކޮމެޓީއެކެވެ. މި ފަނޑިޔާރުންގެ ކޮމެޓީ އެކުލަވާލެއްވީ އޭރުގެ ފަނޑިޔާރު މަނިކުފާނު އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ އަބުރުފުޅާ ބަޔަކު ބެހުނު މައްސަލައެއް ބައްލަވައި ނިޔާކަނޑައެޅުއްވުމަށެވެ. މި މައްސަލައިގައި ފަނޑިޔާރު މަނިކުފާނުގެ އަބުރުފުޅާ ބެހުނުކަމަށް ދައުވާ ކުރެވުނީ ތިމަރަފުށީ ބޮޑު ދޮހުއްތު އާއި، މާވާގޭ މުޙައްމަދު މަނިކާއި، ޢަބްދުލްޙަކީމް ޙުސައިންމަނިކުގެ މައްޗަށެވެ. މި މައްސަލަ އެ ޝަރީޢަތުގެ ކޮމެޓީން ވަނީ ނިންމަވާފައެވެ.
ރޭަޑިޔޯއިން ފޮނުވި ދީނީ ޕްރޮގްރާމަކީ ސިލްސިލާކޮށް ފޮނުވި ޕްރޮގްރާމެކެވެ. މިއީ ދިވެހިރާއްޖޭގެ ރޭޑިޔޯއަކުން މާތްވެގެންވާ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރިކަން އިތުރުކުރުމަށް ފޮނުވި ފުރަތަމަ ދީނީ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކެވުމަށް ސަރުކާރުން ކަނޑައެޅުއްވި ބޭފުޅުންނަކީ އަލްއުސްތާޛު އަދުނާން ޙުސައިނާއި، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއާއި، ފަޟީލަތުއްޝައިޚް މޫސާ ފަތުހީއާއި، އަލްއުސްތާޛު އިބްރާހީމް ޝިހާބާއި، އިބްރާހީމް ޙިލްމީ އެވެ.
އިބްރާހީމް ޙިލްމީ ހިމެނިވަޑައިގެންނެވި މިއިން ކޮންމެ ކޮމެޓީއެއްގައި ވެސް ތިއްބެވީ ރާއްޖޭގެ ވަރަށް ފުންނާބު އުސް ޢިލްމުވެރީންނެވެ. އޭރު އިބްރާހީމް ޙިލްމީ ފިޔަވައި މިއިން ކޮންމެ ބޭފުޅަކީ ވެސް ސަރުކާރުގެ އިސް މަޤާމުތަކެއްގައި ތިއްބެވި ބޭފުޅުންނެވެ. އަދިވެސް އަޅުގަނޑުގެ ބައްޕަގެ އަސްލު ސުވާލަކަށް ޖަވާބެއް ނުލިބެއެވެ. ބައްޕަ ވިދާޅުވިއެވެ. ރާއްޖޭގެ އޭރުގެ އެންމެ މަތީ ޢިލްމުވެރީންގެ ދަރަޖައިގައި އިބްރާހީމް ޙިލްމީ ގުނާލެވުނަސް ސަރުކާރުން އެ ފެންވަރުގެ މަތީ މަޤާމެއް ނުދެއްވީ ބާވައެވެ. ނުވަތަ އިބްރާހީމް ޙިލްމީ އެފަދަ މަގާމެއް ގަބޫލު ނުކުރެއްވީ ބާއްވައެވެ.
އިބްރާހީމް ޙިލްމީއަކީ 1940 ގެ އަހަރުތަކުގެ ތެރޭގައި (މުޙައްމަދު އަމީން ދައުލަތް ހިންގެވި ދުވަސްވަރު) ވަޒީރުއް ދާޚިލިއްޔާގެ ވަކީލުކަމާއި، ވަޒީރުއް ޞިއްޙާގެ ވަކީލުކަމާއި، ގަލޮޅު އަވަށުވެރިޔާކަމާއި، ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން ކުރައްވާފައެވެ. ރައީސް ނާޞިރުގެ ވެރިކަމުގައި ރައްޔިތުން މަޖުލީހުގެ މެންބަރުކަން ކުރެއްވިއެވެ. އަދި އިމްތިހާން ކޮމިޓީގެ މެންބަރުކަމާއި ސިލޯނުގައި ތިބި ދިވެހި ކިޔަވާކުދިންގެ ވެރިޔާކަން ކުރެއްވިއެވެ. އިބްރާހީމް ޙިލްމީ އަވަހާރަވީ 5 ސެޕްޓެންބަރު 1992 ގައެވެ. މަރުޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment
One Response
ބަލަ މަ ހީކުރީ އިބްރާހިމް ހިލްމީ ކޮންމެ ހިސާބެއްގަ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭޅެއް ކަމަށް! އެ ކިޔަނީވިއްޔާ މުހައްމަދު އަމީނު ބަގާވާތަކުން ވެރިކަމުން ބޭލުމަށް ފަހު އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭޅުންގެ ތެރޭގައި އިބްރާހިމް ހިލްމީ ހިމެނިވަޑައިގަންނަވާ ކަމަށާއި އެ ބޭޅާ ބޭނުންފުޅުވެލެއްވީ ރާއްޖޭގައި ރަސްކަމަށް ވަޑައިގަންނަވަން ކަމަށެވެ. މީ ކިހާ ވަރެއްގެ ތެދެއް ކަމެއް ނޭނގޭ!