Support Us

އެސް.ބީ.އައި ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

އާޓިފިޝަލް ބީޗުގައި އެސް.ބީ.އައި ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ. އެ ތަނުގައި ރޯވެފައި ހުރި ހުޅުގަނޑު މާލެ މަތިން ވަރަށް ބޮޑަށް ފެނެ އެވެ.

އަލިފާން ހިފައިފައި ހުރީ ލަކުޑިން ހަދައިފައިވާ ކެފޭ ޓިއޯލޯ (ކުރީގެ ޖަލަޕީނޯ ރެސްޓޯރަންޓު) ހުންނަ ދެ ބުރި އިމާރާތުގަ އެވެ. ފުރަތަމަ ރޯވީ ރެސްޓޯރަންޓުގެ ދެވަނަ ބުރީގައެވެ. އެއާއެކު އިސާހިތަކު އަލިފާންގަނޑު ވަނީ ތިރީ ބައިގައި ވެސް ހިފައިފަ އެވެ.

ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ކުރަމުންނެވެ.

އެ އިމާރާތުގައި ރޯވި އަލިފާންގަނޑު، އެސް.ބީ.އައި އަދި އުރީދޫގެ އޮފީހެއް ހުންނަ 10 ބުރީގެ ގަދަގޭމުހައްމަދުފުޅު ބިލްޑިންގެ ބޭރުގެ ކްލެޑިންގައި ފުރަތަމަ ހިފައި، އެ އިމާރާތުގެ ޓެރަސްގައި ވެސް ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައިފަ އެވެ.

އެޗް.ޕީ.އޭގެ އިލްތިމާސް: "މިވަގުތު ބޮޑުތަކުރުފާނު މަގު އެސް.ބީ.އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރަން"

އެމް.އެންޑީ.އެފް: "އަލިފާން ނިއްވުމަށް ފަޔަރ ޓީމުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން. އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުން އެ ސަރަހައްދުން ދިއުމަށް އިލްތިމާސްކުރަން."

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިވުމަށް މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ލޮރީ މީގެ އިރުކޮޅެއް ކުރިން ވަނީ އެ ސަރަހައްދަށް އައިސްފައެވެ.

އިމާރާތްތަކުން ނެރުނު މީހުން ބޭތިއްބުމަށް ކަލާފާނު ސްކޫލް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަލިފާން ހިފައިވާ ޓެރަސް އަށް ފެންޖެހުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ދަނީ ކުރަމުންނެވެ. ހުޅުގަނޑުގެ ބޮޑު ބައެއް ވަނީ ނިވިފަ އެވެ.

އެމް.އެންޑީ.އެފް: އަލިފާން ފެތުރުން ކޮންޓްރޯލްވެއްޖެ. އަދި މީހަކަށް އަނިޔާވި ކަމަށް ރިޕޯޓް ލިބިފައިނުވޭ

އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ތަނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނީ 9.43 ގައި ކަމަށާއި ދެ ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑުގެ 85 ޕަސަންޓް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށާއި އިމާރާތުގެ ތެރޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އަލިފާން ނިއްވުމަށް ބޭނުންކުރީ އެއްލީމާ ހުޅުގަނޑު ނިވޭ ބޯޅަ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމު އެ ސަރަހައްދަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވެސް އެ ސަރަހައްދަށް ވަޑައިގެންފިއެވެ. މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވ 95 ޕަސަންޓް ނިވިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *