ދުނިޔޭގައި ޙަޟާރަތްތައް (ސިވިލައިޒޭޝަންތައް) އުފެދެމުން ދިޔައިރު ދުނިޔޭގައި ވެރިކަން ހިންގި ނިޒާމަކީ ރަސްކަމުގެ ނިޒާމެވެ. އެހެންވީމާ ދުނިޔޭގެ އެންމެ ގަދީމީ ވެރިކަމުގެ ނިޒާމަކީ އެއީއެވެ. ރަސްކަން ފިޔަވައި ވެރިކަމުގެ އާ ނިޒާމަކާ ބެހޭގޮތުން ފުރަތަމަ ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ގްރީކުގެ ފިލޯސަފަރެއް ކަމަށްވާ ޕްލޯޓޯއެވެ. އޭނާ އެ ވާހަކަ ދެއްކެވީ ޢީސާއީ ސަނަތުން 380 އަހަރު ކުރިންނެވެ. އޭނާ "ރިޕަބްލިކް"ގެ ނަމުގައި ލިޔުއްވި ފޮތުގައި ޖުމްހޫރީ ނިޒާމުގެ ވާހަކަ ލިޔުއްވާފައިވެއެވެ. ޕްލޯޓޯ ގަބޫލުކުރެއްވި ނިޒާމަށް ވެރިކަން އެންމެ ފުރަތަމަ ދީލެއްވި ދެ ޤައުމަކީ ގުރީސް އާއި އިޓަލީވިލާތެވެ. ރިޕަބްލިކް މި ލަފުޒު ނެގިފައިވަނީ ލެޓިން ބަހުގެ "ރިސް ޕަބްލިކާ" އިންނެވެ. މާނައަކީ ރައްޔިތުންގެ ވެރިކަމެވެ.
ދިވެހިރާއްޖޭގައި ވެސް އެންމެ ކުރިން އޮތީ ރަސްކަމުގެ ނިޒާމެވެ. ދިވެހިރާއްޖެ 1153 ވަނަ އަހަރު އިސްލާމުވިއިރު ވެސް އޮތީ ރަސްކަމެކެވެ. އިސްލާމްވުމަށް ފަހުގައި ވެސް އޮތީ ރަސްކަމެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ 1 ޖަނަވަރީ 1953 ގައެވެ. ރައީސް މުޙައްމަދު އަމީން އިސްވެ ހުންނަވައި ގެންނެވި މި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ބޭނުންވެގެން ގެނައި ނިޒާމެއް ނޫނެވެ. އެކަމަކު އޭރުގެ ހާލަތަށް ބައްލަވައި ރައީސް އަމީނަށް ތަޢާރަފު ކުރެއްވުމަށް ފެނިވަޑައި ގެންނެވި ނިޒާމެކެވެ. ޚުދު އެ މަނިކުފާނު ވެސް ގަޔާވެވަޑައިގަންނަވަނީ ރަސްކަމުގެ ނިޒާމަކަށެވެ. އެކަމަކު ހާލަތު ޖުމްހޫރީ ނިޒާމަކަށް ރައީސް މުޙައްމަދު އަމީނަށް ވެސް މަޖުބޫރު ކުޅައީއެވެ.
ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ (1939-1945) ގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ މަތީ ބާރު ނުވަތަ ޤައުމުގެ ވަލީ، ވަޒީރުލްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމްއެފެއަރޒް) ސުމުއްވުލްއަމީރު ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގަތެވެ. ރަސްކަލަކާއި ބޮޑުވަޒީރެއް ހުންނަވަނިކޮށެވެ. ނަތީޖާއަކީ ރަދުންނާއި ބޮޑުވަޒީރު 1943 ވަނަ އަހަރު އިސްތިޢުފާ ދެއްވުމެވެ. އެއަށްފަހު ރަސްކަން ހިންގެވުމަށް އެކުލަވާލެވުނީ ވަލީކޮމެޓީއެކެވެ. މި ކޮމެޓީން ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެއްވީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. ރަސްކަމަށް އިންތިޚާބުކުރެއްވި ނަމަވެސް އިނގިރޭސީންގެ ރުހުމެއް އެމަނިކުފާނަކަށް ނެތެވެ. އެހެންވެ ތަޚުތަށް އިސްވެވަޑައިނުގެން ދިރިއުޅުއްވަމުން ގެންދެވީ މިސްރާއި ސިލޯނު (ސްރީލަންކާ) ގައެވެ. ދިވެހީންނާއި އިނގިރޭސީންނާ ދެމެދުގައި ވެފައިވާ ހިމާޔަތުގެ އެއްބަސްވުމުގައިވާގޮތުން ރަސްކަލަކަށް އިންތިޚާބުކުރެވޭ ބޭފުޅަކަށް ތަޚުތަށް އިސްވެވަޑައިގެންނެވޭނީ އިނގިރޭސީންގެ ރުހުން ލިބިގެންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ގެ ރަސްކަމުގައި 1932 ވަނަ އަހަރު އެކުލަވާލެވުނެވެ. ޒަމާނުއްސުރެ ވިރާސީގޮތުން ވާރުތަވާ ގޮތަށް އޮތް ރަސްކަން ރަންނަބަނޑޭރިކިލެގެފާނުގެ ސިޔާސީ ބާރާއެކު "ސަބަބުތަކެއް ހުރެގެން" އާ ޤާނޫނު އަސާސީން އިންތިޚާބީ ރަސްކަމަކަށް އޮތީ ބަދަލުކޮށްފައެވެ.
ރަންނަބަޑޭރި ކިލެގެފާނު ތަޚުތަށް އިންތިޚާބުކޮށްގެން އެމަނިކުފާނުގެ ދަރިކަލުން ވަޒީރުލްދާޚިލިއްޔާ ޙަސަން ފަރީދަށް ދައުލަތުގެ ހުރިހާ ބާރެއް އޮވެގެން ދިވެހި ދައުލަތް ހިންގަވަމުން ގެންދަވަނީއެވެ. އެހެން ހިނގަމުން އައިސް ޙަސަން ފަރީދު ޗުއްޓީއެއް ބޭނުންފުޅުވެގެން އޭނާގެ އެހީތެރިޔަކަށް ހުންނެވި މުޙައްމަދު އަމީނަށް ޤައުމު ހިނގެވުން ހަވާލުކުރެއްވީއެވެ. އެ ދުވަސްވަރު އިނގިރޭަސި މަނަވަރެއްގައި ޙަސަން ފަރީދު ރާއްޖެއިން ސިލޯނަށް ދަތުރުކުރައްވަނިކޮށް ޖަޕާނުން ދިން ޓްރޮޕިޑޯ ހަމަލާއެއްގައި އެ މަނަވަރު ގޮއްވާލިއެވެ. މި ހާދިސާގައި އެ މަނަވަރުން ދަތުރުކުރި އެންމެން މަރުވިއިރު ޙަސަން ފަރީދު ގެއްލިވަޑައިގަތީއެވެ. އެއަށްފަހު ޙަސަން ފަރީދު ހުންނެވި މަގާމުގައި ޤައުމު ހިންގެވުމުގެ ހުރިހާ ބާރަކާއެކު ޤައުމުގެ ހުންގާނު އަމީނަށް ލިބިވަޑައި ގެންނެވީއެވެ.
މުޙައްމަދު އަމީނު ޖުމްހޫރީ ވެރިކަމެއް ގެންނެވީ ވޯޓަކުން "ރައްޔިތުންގެ ޚިޔާލާއެކު" ގައެވެ. ރައްޔިތުންނަށް ރަސްކަމާއި ޖުމްހޫރީވެރިކަމުގެ ތަފާތާއި އެ ދެ ނިޒާމުގައިހުރި ރަނގަޅު ނުރަނގަޅު އެނގިގެންނެއް ނޫނެވެ. އެ ވޯޓަކީ ވެރިން ބޭނުންފުޅުގޮތަކަށް ރައްޔިތުން ދިން ވޯޓެކެވެ. އެ ވޯޓުގައި ބައިވެރިވީ މާލޭގެ އަންހެނުންނާއި ފިރިހެނުންގެ އިތުރުން މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނެވެ.
ރައްޔިތުންގެ މެދުގައި ވޯޓު ނެގުނީ ރާއްޖޭގައި އޮންނަން ފެންނަނީ ވިރާސީ ރަސްކަމަށްތޯ ނުވަތަ އިންތިޚާބީ ރަސްކަމަށްތޯ ނުވަތަ ޖުމްހޫރިއްޔެއްތޯއެވެ.
މުޙައްމަދު އަމީން ވިދާޅުވެފައިވަނީ ރަސްކަލެއްގެ ގޮތުގައި ހުންނަވާނަމަ އޭރުގެ ހާލަތު އޮތްގޮތުން ދައުލަތުގެ ވާޖިބުތައް އަދާކުރައްވަން ދަތިފުޅުވާނެ ކަމަށެވެ. ސިލޯނުން ކާޑު ގެންނަވަން އިރުއިރުކޮޅާ ވަޑައިގަތުންފަދަ ކަންކަން ކުރެއްވުމަށް ފަސޭހަފުޅު ނުވާނެކަމަށެވެ. އަނެއް ކަމަކީ ރަސްކަލެއްގެ ގޮތުގައި ތަޚުތަށް އަރައިވަޑައިގެންނެވެން އޮތީ އިނގިރޭސީންގެ ރުހުން ލިބިގެން ކަމަށްވާތީއެވެ. ރަންނަބަނޑޭރި ކިލެގެފާނަށް އިނގިރޭސީން ރުހުން ދީފައިނުވުމާއެކު އެ ހާލަތަށް ވެއްޓިވަޑައިގަންނަވާކަށް އަމީނު ބޭނުންފުޅެއް ނުވިއެވެ. ވިރާސީ ގޮތުން އަންނަ ބޭފުޅަކަށް ނޫނީ އިނގިރޭސީންގެ ރުހުން ނުލިބޭނެކަން މުޙައްމަދު އަމީނު ގަބޫލުފުޅު ކުރެއްވިއެވެ. ފުރަތަމަ ޤާނޫނު އަސާސީ 1932 ގައި އެކުލަވާލެއްވި އިރު ރާއްޖޭގެ ރަސްކަން ވިރާސީ ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް ބަދަލުކުރެވިފައި ވީ ނަމަވެހެވެ. އޭރު ދިވެހީންގެ ތެރޭގައި ވެސް ވިރާސީ ގޮތުން ރަސްކަން ވާރުތަވުމުގެ ފިކުރާއި ވިސްނުން ފިލާނުދާތީއާއެކުގައެވެ.
ފުރަތަމަ ޖުމްހޫރިއްޔާ ހަ ދުވަހަށްފަހު އުވިހިގައްޖެއެވެ. އަލުން ރަސްކަމެއްގެ ފެށިއްޖެއެވެ. އޭގެފަހުން އަނެއްކާ ވެސް ޖުމްހޫރީ ވެރިކަމެއް ފެށިއްޖެއެވެ. އެއީ 11 ނޮވެންބަރު 1968ގައެވެ. ޖުމްހޫރީ ދުވަސް ފާހަގަކުރެވެނީ އެ ތާރީޚުން ފެށިގެންނެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment
One Response
ދިވެހިރާއްޖެ ހަނގުރާމަވިލާ ގަނޑެއްގެ ދަށުގަ
މި ފޮތުގަ ވާގޮތުން އިނގެރޭސިން ގެ ހުއްދަ މަޖީދު
އަށް ލިބިވަޑައިހެންފައިވޭ