Support Us

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ:

ފުރާނަފުޅާމެދު އޮނަރަބަލް މުޖުތަބާ އުންމީދު ކަނޑާލެއްވި 4 ސަބަބަކީ މިއީ

ނޮވެންބަރު 3، 1988ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ސިފައިން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން ދުޝްމިނުން ބަލިވެގެން ޕްރޮގްރެސްލައިޓްގައި ފުރައިގެން ދިޔައިރު ގެންދިޔަ ރަހީނުންގެ ތެރޭގައި ހުންނެވި ސަރުކާރުގެ އެންމެ އިސް ބޭފުޅަކީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖުތަބާއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ރަހީނެއްގެ ގޮތުގައި ދުޝްމިނުން އެ އާގުބޯޓުގައި ގެންދިޔައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އައި އިންޑިއާ ސިފައިން ރާއްޖެއައިސް ހުޅުލޭ ވައިގެ ބަނދަރަށް ފޭބިއިރު ދުޝްމިނުން ތިބީ އެ ހަމަލާއިން ބަލިވެގެން ފިލައިގެން ދިއުމަށް ޓަކައި އެ މީހުން ހައިޖެކްކުރި ޕްރޮގްރެސްލައިޓަށް އަރައެވެ.

ޓެރަރިސްޓުން ރަހީނުކޮށްގެން މާލެއިން ބޯޓަށް އެރުވި 14 މީހުން ފުރަތަމަ ގެންދިޔައީ ކެޕްޓަންގެ ކޮޓަރިއަށެވެ. އެ މީހުންނާ ވާހަކަ ދެއްކީ މި ޙަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. އޭނާއާ މުޖުތަބާ ސުވާލު ކުރެއްވުމުން ބުނީ ރަހީނުން ގެނައީ ސިޓީއެއް ލިޔެ ސިފައިންގެއަށް ފޮނުވަން ކަމަށާއި ބޭނުންވަނީ ސިފައިން ހަތިޔާރު ބަހައްޓައި އަމާންދިނުމަށް މަޖުބޫރުކުރުން ކަމަށެވެ. އޭރު ރަހީނުންގެ ތެރޭގައި ގަވާއިދުން ބޭސްކާންޖެހޭ ބަލި މީހުން ތިއްބެވެ. ހަކުރު ބައްޔާއި ލޭމައްޗަށްދާތީ ބޭސް ކާންޖެހޭ މި ފަދަ ބަލި މީހުންގެ އަތުގައި ބޭސް ނެތްކަމަށް ބުނެ އެ މީހުން ދިޔައީ ދޫކޮށްލައިދިނުމަށް އެދި ރޮއި އާދޭސްކުރަމުންނެވެ. އެވަގުތު މުޖުތަބާ އެދިވަޑައިގަތީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅުންނަކީ މުޖުތަބާއާއި މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރު ކަމަށްވާތީ އެ ދެ ބޭފުޅުން ބައިތިއްބާފައި އެހެން ރަހީނުން ދޫކޮށްލުމަށެވެ. އެކަމަކު ޓެރަރިސްޓުން އެގޮތެއް ނުހެދިނެވެ.

ބޯޓު ދަތުރަށް ފެށިއިރު ޓެރަރިސްޓުންނަށް އަމުރު މައުރޫފު ހިންގަމުން ގެންދިޔައީ ޓެރަރިސްޓުންގެ އިސް މީހެއްކަމަށްވާ ބާބޫ އެވެ. އޭނާގެ އަސްލު ނަމަކީ އެންތަނީ ޔެސްދާސަން އެވެ. މުޖުތަބާއަށް މަޖުބޫރުކުރުވައިގެން ދުޝްމިނުން ގެންދިޔައީ ރޭޑިއޯމަނެއްގެ ގޮތުގައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީއާ ވާހަކަދައްކުވަމުންނެވެ. ގޯދާވަރީން އެދެމުން ދިޔައީ އަމާންދީ ރަހީނުން ދޫކޮށްލުމަށެވެ. އަދި ސުލުހަވެރިކަމާއެކު ވާހަކަ ދެއްކުމަށް ބޯޓު އަނބުރާލާފައި ރާއްޖެއަށް އައުމަށް ނުވަތަ އިންޑިއާގެ ބަނދަރަކަށް މިސްރާބު ބަދަލުކުރުމަށެވެ. އެކަމަކު ބޯޓު ދަތުރުކުރަމުން ދިޔައީ ސްރީލަންކާގެ މުއްލި ކުލަމުގައި ހުންނަ ޓެރަރިސްޓުންގެ ކޭމްޕުން އަންގާގޮތަށް ސްރީލަންކާއާ ދިމާއަށެވެ.

މި ބިރުވެރިކަމުގެ ތެރޭގައި 1988 ނޮވެންބަރު ފަސް ވަނަ ދުވަހު އޮނަރަބަލް އަޙްމަދު މުޖުތަބާއަށް އެ މަނިކުފާނާއި އެހެން ރަހީނުންގެ ފުރާނަ ސަލާމަތް ނުވާނެކަން ޔަގީންވިއެވެ. އޭގެފަހުން ހޭދަވަމުން ދިޔަ ކޮންމެ ހިނދުކޮޅެއް ސިފަކުރެއްވުނީ އެއީ އެންމެ ފަހު ވަގުތުކޮޅުގެ ގޮތުގައެވެ. އޮނަރަބަލް އަޙްމަދު މުޖުތަބާ ވިދާޅުވިގޮތުގައި ފުރާނަފުޅު ސަލާމަތްވާނެކަމުގެ އުންމީދު ގެއްލިވަޑައިގަތީ ހަތަރު ސަބަބަކާ ގުޅިގެންނެވެ.

ފުރަތަމަ ސަބަބަކީ ޕްރޮގްރެސްލައިޓް ވަށައިގެން އެކްސްޕްލޯސިވް ހަރުކޮށް، ވައިރުކޮށްފައިވާކަމަށް ޓެރަރިސްޓުން ބުނުމެވެ. ޓެރަރިސްޓުން ކޮންމެ ވަގުތަކު ވެސް ބޯޓު ގޮއްވާލަފާނެކަމުގެ ބިރު އިންތިހާއަށް އޮތުމެވެ. ތަމަޅަ ޓެރަރިސްޓުންނަކީ ޖާނުންފިދާވުމަށް ފަސްނުޖެހޭ އަދި އެކަމަށް މަޝްހޫރު ބަޔަކަށްވުމެވެ.

ދެވަނަ ސަބަބަކީ ބޯޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ބޯޓު ފެތިގެން އަޑިއަށް ހިނގައިދާނެތީ އުފެދިފައިއޮތް ބިރުވެރިކަމެވެ. އެންޓިއެއަރކްރާފުޓް ބަޑިފަދަ ބޮޑެތި އާރޓިލަރީ ބޮޑެތި ބަޑިތަކުން އިންޑިއާ ސިފައިން ބޯޓަށް ދިން ހަމަލާތަކުގެ ސަބަބުން އޭރު ބޯޓު އޮތީ އެއް ފަރާތަށް އަރިއަޅާލާފައެވެ. އެހެން ގޮސް ބޯޓު އަޑިއަށް ހިގައްޖެނަމަ ކަނޑުގެ ލޮނުގަނޑުގެ އަޑިއަށް ގެނބިގެންދާއިރު އުފެދޭ ދަމައިގަތުމުގެ ބާރުގަދަ އޮއިވަރުގެ ތެރޭގައި ފަތަން ކިތަންމެ މޮޅު މީހަކަށް ވެސް ސަލާމަތްވާން އުނދަގޫވާނެތީއެވެ.

ތިންވަނަ ސަބަބަކީ ރަހީނުން ތިބި ތަންތަން ނޭނގި އިންޑިއާ ސިފައިން ދޭ ހަމަލާއަކުން އަވަހާރަވެދާނެކަމަށް ގަބޫލުކުރެވުނު ގަބޫލުކުރެއްވުމެވެ.

ހަތަރުވަނަ ސަބަބަކީ އޮނަރަބަލް މުޖުތަބާގެ ދެ ކަނބަލުން ބައިތިއްބާފައި ތިބި ހުންގާނު ކޮޓަރީގައި ހަތިޔާރާއެކު އެ ދެކަނބަލުން ގާޑުކޮށްގެން ހުރި ޓެރަރިސްޓް އެ ބޭފުޅުންނަށް ކޮންމެ ވަގުތަކު ވެސް ހަމަލާދީފާނެ ކަމަށް ގަބޫލުކުރެއްވުނު ގަބޫލުކުރެއްވުމެވެ. ހަމަލާދީ ދެ ބޭފުޅުން އަވަހާރަކޮށްލުމަކުން އެ ޓެރަރިސްޓަށް ވާނެ ގެއްލުމެއްނެތެވެ. އެކަމަކީ އޭނާގެ ހިތަށް އެރި ކޮންމެ ވަގުތަކު ވެސް ކުރެވެން އޮތް ކަމެކެވެ. އެކަމަކަށް އެއްވެސް ހުރަހެއްނެތެވެ.

އޮނަރަބަލް އަޙްމަދު މުޖުތަބާ ވިދާޅުވިގޮތުގައި އެ ބިރުވެރި ވަގުތު ޚިޔާލުތައް އެނބުރެމުން ދިޔައީ ސަލާމަތްވެވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ހިތްޕުޅަށް އަރާވަޑައިގަތީ އަވަހާރަވެގެންދާނީ އިސްވެ ދެންނެވި ހަތަރު ގޮތުގެ ތެރެއިން ކޮން ގޮތެއް މެދުވެރިވެގެންތޯއެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *