Support Us

ޑީއާރްޕީ އާއެކު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މި މަހު19 ވަނަ ދުވަހު ބައްދަލުކުރަނީ -ފޮޓޯ: ޕީ.ޕީ.އެމް

ޖާބިރު ދެއްކެވި "ހަޑިހުތުރު، ލާއިންސާނީ ވާހަކަތައް" ކުށްވެރިކުރަން: ޕީ.ޕީ.އެމް/ޕީ.އެން.ސީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް19 ޖެހި، ހޮސްޕިޓަލްގައި ރޭ އެޑްމިޓްކުރި ވަގުތު، 29 މިލިއަން ރުފިޔާގެ ދަރަންޏެއް ހޯއްދަވަން ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނުގެ ދަރިކަލުން އަދި ޕީ.ޕީ.އެމްގެ ނައިބު ރައީސް ޣައްސާން މައުމޫނަށް ފޮނުއްވި އޯޑިއޯ މެސެޖްގައި ދައްކައިފައިވާ "ހަޑިހުތުރު، ލާއިންސާނީ ވާހަކަތައް" އިދިކޮޅު ކޯލީޝަނުން ކުށްވެރިކޮށްފި އެވެ.

"ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ) ކޯވިޑް 19 އަށް ޕޮސިޓިވްވި ކަމުގެ ޚަބަރު ލިބުމާއެކު، މިކޯލިޝަނަށް ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވސްގެ ނާއިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ޑިއާރްޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖްގައި ދައްކާފައިވާ ހަޑިހުތުރު ލާއިންސާނީ ވާހަކަތައް މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ކޯލީޝަނުން ނެރުނު މިއަދު ބަޔާނުގައި ވެ އެވެ. "އަޅުގަނޑުމެންގެ ދުޢާއަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ) އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަމަ ސިއްޙަތެއް ދެއްވުމެވެ. އަދި ޕީ.ޕީ.އެމް. ގެ ނާއިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި އެމަނިކުފާނުގެ ޢާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ފުރިހަމަ ސިއްޙަތެއް މިންވަރުކުރެއްވުމެވެ."

ޖާބިރުގެ އޯޑިއޯ މެސެޖްގެ ރެކޯޑިންއާއެކު ޣައްސާން ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ، "މަޖިލިސްތެރޭގައި ކިއުއްވި އެއްޗެހި ސަމާސާއެއް ކަމަށް ހީކުރިން" ކަމަށާއި "އެކަމަކު އަޅުގަނޑުމެންގެ އާއިލާ އަށް ދިމާވެފައި އޮތް ހާސްކަމުގެ ވަގުތު ޗެއާމަން ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާ ތިލެއްވީ" ކަމަށެވެ. އަދި "ވަރަށް ދެރަވެއްޖެ" ކަމަށާއި "ކޮންމެ ދިރުމެއް ވެސް ނިމިދިއުން ހުރީ އެކަލާނގެ ހަޒުރަތަށް" ކަމުގައި ޣައްސާން ވިދާޅުވި އެވެ.


ޕީ.ޕީ.އެމް/ޕީ.އެން.ސީއާއެކު އިހަށް ދުވަހު މަޝްވަރާ ކުރި ޑީ.އާރް.ޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ވިދާޅުވަމުން ގެންދަވަނީ އެއީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން ނެންގެވި ދަރަންޏެއް ކަމަށެވެ. ނަމަވެސް އެކަމަށް ރައީސް މައުމޫން އިންކާރުކުރައްވަ އެވެ. އެ މައްސަލަ ޖާބިރު ވަނީ ފުލުސް އޮފީހަށާއި ކޯޓަށް ވެސް ހުށަހަޅުއްވައިފަ އެވެ.

ކޮވިޑަށް ޕޮޒިިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން، 83، އެޑްމިޓްކުރީ ރޭގައެވެ.

ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީ އަށް މި މަހު 24 ގައި ޖާބިރު އިސްލާހު ހުށަހެޅުއްވުމުން އެކަމަށް ތާއީދު ނުކުރައްވާ ކަމަށް އެންމެ ފުރަތަމަ ފާޅުގައި ވިދާޅުވި ލީޑަރަކީ ރައީސް މައުމޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *