Support Us

އެފްރިކާއިން ޕޯލިއޯ ނައްތާލައިފި

އެފްރިކާއިން ވައިލްޑް ޕޯލިއޯގެ ހުރިހާ ސްޓްރެއިނެއް ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފިއެވެ.

އާންމު ގޮތެއްގައި ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ މި ބަލި ނައްތާލެވުނުކަން އިއުލާންކޮށް، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ވިދާޅުވީ އެފްރިކާއިން ވައިލްޑް ޕޯލިއޯ ވައިރަސް ނައްތާލެވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

"އެފްރިކާއިން ވައިލްޑް ޕޯލިއޯ ނައްތާލެވުމަކީ މުޅި ދުނިޔެއަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ އެފްރިކާއަށް އުފާވެރި ދުވަހެއް،" މިކަމާއި ގުޅިގެން ބޭއްވި ލައިވްސްޓްރީމްގައި ވާހަކަފުޅު ދައްކަވަމުން ޓެޑްރޯސް ވިދާޅުވިއެވެ.

ޕޯލިއޯއަށް އަދި ފަރުވާއެއް ހޯދިފައި ނުވިނަމަވެސް، ވެކްސިން ދިނުމުން އެ ބަލި ޖެހުމުން ސަލާމަތްކޮށްދެއެވެ. ޕޯލިއޯ ޖެހުމުން ގުނަވަންތަކުން ވާގިނެތެއެވެ. އަދި ނޭވާލާން ބޭނުންކުރާ މަސަލްތަކަށް މި ބަލީގެ އަސަރުކޮށްފިނަމަ ފުރާނައަށް ވެސް ނުރައްކާވެއެވެ. އެފްރިކާއިން ޕޯލިއޯ ނައްތާލަން އެ ސަރަހައްދުގެ ގައުމުތަކުންނާއި އެކިއެކި ޖަމިއްޔާތަކުން 1996 ވަނަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ސަރަހައްދީ ގައުމުތަކުން ކުރިއަށް ގެންދިޔަ ވެކްސިން ކޭމްޕޭނުތަކަށް ނުވަ ބިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދީފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނިގޮތުގައި 1985 ވަނަ އަހަރަށް ފަހު ދުނިޔޭގައި ޕޯލިއޯ ޖެހޭ މީހުންގެ އަދަދު ވަނީ 99 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި 2019 ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ ޕޯލިއޯގެ 175 ކޭހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *