Support Us

އަހަރެންގެ ދުނިޔެ ތަފާތެވެ.

ސެރެބްރަލް ޕަލްސީގެ ސަބަބުން ނުހިނގޭތީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ކުއްޖެއްގެ މަންމަ އެއް ދުވަހަކު ކިޔައިދިނެވެ. ތަމްރީނު ދޭ މަރުކަޒުން ބޭއްވި ހަރަކާތެއްގައި ބައިވެރިވުމަށްޓަކައި އެ ކުއްޖާ ގޮވައިގެން މަންމަ އެތަނަށް ދިޔައެވެ. ދެވުނީ ގަޑިޖެހުމުގެ ތަންކޮޅެއް ކުރިން ކަމަށްވާތީ އެ ސަރަހައްދު ވަށައިގެން ކުއްޖާއާ އެކު ކުޑަކޮށް ގޮނޑި ދުއްވާލިއެވެ. ތަފާތު ތިން ފަހަރެއްގެ މަތިން ތިން މީހަކު އައިސް 5 ރުފިޔާ، 10 ރުފިޔާ ދިއްކޮށްލިއެވެ. އެ މަންމަ ކޮންމެ ފަހަރަކު އެ މީހުންނަށް ބުނަންޖެހުނީ "މީ ސަލާންޖަހާ ކުއްޖެއް ނޫން" ކަމަށެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ އެއް ހަޤީޤަތަކީ އަހަރުމެން ދިރިއުޅޭ މުޖުތަމައަކީ ތަފާތު ވައްތަރުގެ، ތަފާތު މިޒާޖުގެ، ތަފާތު ފިކުރުގެ މީހުންގެ މައްޗަށް ބިނާވެފައި އޮތް ތަނެއް ކަމެވެ. ކޮންމެ ވަކި ފަރުދަކީ ތަފާތު މީހެކެވެ. އެހެނަސް މުޖުތަމައުގެ އުސޫލުތަކާއި ޤަބޫލުކުރުންތަކާއި ވިސްނުންތައް އަދި ވަށައިގެންވާ މާހައުލު ބައްޓަން ކުރެވިފައިވަނީ ފަރުދީ ތަފާތުތަކަށް ޖާގަދޭ ގޮތަކަށް ނޫނެވެ.

އާންމު އުސޫލަށް ބަލާއިރު، ގިނަ ބައެއްގެ ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ އެކު ވަކި ކަންކަން ކޮންމެހެން ހުންނަން ޖެހެނީ ވަކިގޮތަކަށް ކަމަށް ކަނޑައެޅިފައިވާ ގިނަ ކަންތައްތައް ހުރެއެވެ. މިސާލެއް ނެގޭ ވަރަށް ވުރެންވެސް މިފަދަ ކަންކަން ގިނައެވެ. އެހެނަސް މި ލިއުމުގައި ދައްކަން އުޅޭ ވާހަކަތައް ފަހުމްކޮށްދިނުމަށް ފަސޭހަޔަކަށް ބައެއް މިސާލު ނަގާނަމެވެ.

ގިނަ ބަޔަކު ހިނގާބިގާވެ އުޅެނީ ދެފައިން ކަމުގައި ވެދާނެއެވެ. އެހެނަސް ފުރޮޅުލީ ގޮނޑީގައި ހިނގާ މީހުންވެސް އުޅެއެވެ. ގިނަ ބަޔަކު ވާހަކަ ދައްކަނީ ބަހުގެ ޒަރިއްޔާއިން ކަމުގައި ވެދާނެއެވެ. އެހެނަސް އިޝާރާތުން ވާހަކަ ދައްކާ މީހުންވެސް އުޅެއެވެ. މި ފަދަ ތަފާތުތަކާ އެކު ދިރިއުޅެނީ ނިސްބަތުން މަދު ބަޔަކަށް ވެދާނެއެވެ. އެހެނަސް އެއީ ވެސް މުޖުތަމައުގެ ބައެއް ނޫންބާއެވެ؟ އެ ފަދަ ބަޔަކު ބާކީކުރުން ނުވަތަ ބައިވެރިކުރުން މީ ވަކި ބަޔަކު ކޮށްދޭންޖެހޭ ކަމަކަށްވެފައި ވަނީ ކީއްވެބާއެވެ؟

މި ވާހަކައިގެ ތަންކޮޅެއް ފުނަށް ފީނާލާއިރު މި އުޅެނީ ހަމައެކަނި ބައިވެރިކުރުމާއި ނުކުރުމުގެ ވާހަކަ އެކަންޏެއް ނޫނެވެ. ބައެއް ފަރާތްތަކުން އުޅެމުންދާ ތަފާތު ދުނިޔެ ފަހުމްނުވުމުގެ ސަބަބުން އެފަރާތްތަކާމެދު އަމަލު ކުރެވޭގޮތުގެ ވެސް ވާހަކަ އެވެ. އަދި އެފަދަ ކަންކަން ދެނެގަތުމަށް އެއްވެސް މަސައްކަތެއް ކުރެވޭތަން ނުފެންނަކަމީ އިންތިހާއަށް ހިތާމަހުރި ކަމަކެވެ.

އަޅުގަނޑުމެންގެ ތެރޭގައި މީހެއްގެ އައިބެއް ހުރިނަމަ އެމީހެއްގެ ނަމުގެ ބައެއްގެ ގޮތުގައި އެ އައިބު ވެއެވެ. މިސާލަކަށް ބީރު މަރިޔަބު، ކޮރު ހަސަނު ފަދަ ގޮތްގޮތަށް ނަންކިޔާ އުޅެއެވެ. އަދި އެއީ އެ މީހުން އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތް ކަމަށް ގިނަ ބަޔަކަށް ވިސްނޭ ގޮތެވެ. އެއީ އެމީހުންގެ އިހުތިރާމާއި ޤަދަރު އުނިކުރެވެނީ ކަމަށް ބަލަނީ ކާކުހެއްޔެވެ؟ އެފަދަ ނަޒަރަކުން މި ކަންކަން މިނެކިރަނީ ވަރަށް މަދު މީސްކޮޅެކެވެ.

ފުރޮޅުލީ ގޮނޑިއެއްގައި މީހަކު ނުވަތަ ކުއްޖަކު އިނދެއްޖެނަމަ ދެން ތިބީންނަށް އެމީހަކާ ދިމާލަށް ބެލެނީ ހަމްދަރުދީގެ ނަޒަރުންނެވެ. ދެވަނަ ދަރަޖައިގެ އިންސާނެއްގެ ގޮތަށެވެ. އެއީ އެމީހުންނަށް މުޖުތަމައުން ލިބެންޖެހޭ ހައްޤު ޖާގަ ނޫންކަން ޔަޤީނެވެ. ސިކުނޑީގެ އުނިކަމެއް ހުރި ފަރާތެއްނަމަ އުޅުމުގައި އަދި ކަންކަން ވިސްނައިގަތުމުގައި ތަފާތުތަކެއް ހުންނާނެއެވެ. ގިނަފަހަރު ފެންނަނީ އެފަދަ ތަފާތުތަކަކީ އެހެން މީހުން އެކަމާ ހީނ ސަކަރާތްޖަހަން އަދި ބޮޑު މަޖާގަނޑެއް ނަގަން ލިބޭ ފުރުސަތަކަށެވެ. މިފަދަ މަންޒަރު ކުރިމަތިން ފެންނަނީ މަދެއްކޮށް ނޫނެވެ. އަދި މިޒަމާނަކީ ސޯޝަލް މީޑިއާ ވަރަށް ފުޅާކޮށް އޮތް ޒަމާނަކަށް ވާތީ އެ ޒާތުގެ ކަންކަން މުޅިން އެހެން މަރުހަލާއަކަށް ޖެހިފައިވާތަން ފެނިގެން ދެއެވެ.

ސިކުނޑީގެ ބަލި މީހުން ނުވަތަ ނުކުޅެދުމެއް ހުންނަ ފަރާތްތަކުގެ މަންޒަރުތަކާއި ވީޑިއޯތައް ފަތުރާ އެކަމާ ޖޯކު ޖެހުން މީ ގިނަބައެއްގެ ހިތްހަމަޖެހުމެކެވެ. ތަރައްޤީވެފައިވާ ތައުލީމީ މުޖުތަމައުއަކުން މިފަދަ މަންޒަރުތައް ތާއަބަދު ފެންނަމުން ދިއުމަކީ ބަލަން ފަސޭހަކަމެއް ނޫނެވެ. އެހެނަސް ހިތައް އުނދަގޫވާ ހަޤީޤަތަކީ މިއީއެވެ. އެކި ގޮތްގޮތުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި މީހުން ބަލަހައްޓާ އާއިލާތަކުގެ ކޮންމެ ދުވަހެއްގެ ހާލަކީ ބުނެވިދިޔަ ފަދަ ހާދިސާތަކާ ކުރިމަތިލުމެވެ.

މުޖުތަމައުގައި ތަފާތު ވައްތަރުގެ މީހުންނަށް ޖާގަ އޮންނަން ޖެހެއެވެ. އެއީ އެމީހުންގެ ތަފާތުތަކާ އެކީ އެވެ. އެމީހުންގެ ދުނިޔެ ތަފާތެވެ. އެކަން އެންމެން ދަންނަންޖެހެއެވެ.

ފުރޮޅުލީ ގޮނޑީގައި ދަރިފުޅު ގޮވައިގެން ދިޔަ މަންމަ އަށް ކުރިމަތިވި ހާދިސާއިން ދޭހަވަނީ ޖުމްލަ ގޮތެއްގައި އެފަދަ ކުދިންނާ ދޭތެރޭ މީހުންގެ ހުންނަ ވިސްނުމެވެ. ފައިސާ ދިއްކޮށްލީ ރަނގަޅު ނިޔަތުގައި އެހީތެރިވުމަށް ކަމަށް ވެދާނެއެވެ. އެހެނަސް ދޭންވާނީ ބޭނުންވާ ފަދަ އެހީތެރިކަމެއް ނޫންބާވައެވެ؟ އެމީހުންގެ ދުނިޔެ ތަފާތުކަން ބަލައިގަތުމަކީ ވެދެވޭ ވަރަށް ބޮޑު އެހީއަކަށް ވެދާނެއެވެ. ފައިސާއަކުން އަދި އަގުބޮޑު ހަދިޔާއަކުން އަގު ނުކުރެވޭ ވަރުގެ އަގުހުރި އަދި އެމީހުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ ކަމަކަށް ވެދާނެއެވެ.

މި ވިސްނުން ގެންނަން ޖެހެނީ ހަމައެކަނި ފެންނަން ހުންނަ ތަފާތު ހާލަތް ތަކަކަށް ނޫނެވެ. ފެންނަން ނުހުންނަ ހާލާތްތައްވެސް ހުރެއެވެ. އޭގެ ތެރޭގައި ނަފްސާނީ އަދި ސިކުނޑީގެ ބަލިމަޑުކަމެއް ހުންނަ މީހަކު ތަހައްމަލު ކުރާނީ ވަރަށް ތަފާތު ކަންތައް ތަކެކެވެ. އޭނަގެ ދުނިޔެ އަދި މުޅިން ތަފާތެވެ. އޭނައަށް "ނޯމަލް" ކަންކަމަކީ އެހެން މީހުންނަށް "ނޯމަލް" ކަންކަމަށް ނުވެދާނެއެވެ. އެހެނަސް އޭނަޔަށް ފަސޭހައިން އުޅެވޭނެ ފަދަ މާހައުލެއް އޮންނަންޖެހެއެވެ. އޭނަގެ ކަންކަމާ ހަޖޫޖަހާ ފުރައްސާރަ ކުރެވޭނަމަ އޭނަޔަށް އުފުލަން އެ ޖެއްސެނީ އިތުރު ތުރާލެކެވެ. އޭގެ ސަބަބުން ހިތަށް ނާރާ ފަދަ ގެއްލުން އޭނާއަށް ކުރާނެއެވެ. މަދުން ނަމަވެސް މިފަދަ ކަންކަމާ ހެދީ ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މިއިން ކޮންމެ ހާލަތެއްގައިވެސް އެމީހެއްގެ އިއްޒަތާއި ކަރާމާތާ އެކު ދިރިއުޅުމުގެ ފުރުސަތު ކޮންމެ މީހަކަށްމެ އޮންނަންޖެހެއެވެ. އެފަދަ ފަރާތްތަކުގެ ޖާގައަށް އަރައިގަތުމުގެ ހައްޤު އެއްވެސް އެހެން މީހަކަށް ލިބިގެންނުވެއެވެ. އޭގެ ބަދަލުގައި އެހެން މީހުންގެ ސިކުނޑި ހުޅުވާލުން މުހިންމެވެ. ޖާގަ ތަނަވަސްކޮށްދިނުން މުހިންމެވެ. އެ މީހުންނީ އަހަރުމެންގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. ތަފާތުތަކާ އެކު ބަލައިގަތުން މުހިންމެވެ. އޭނާގެ ދުނިޔެ އަހަރެންގެ ލެންސުން ބެލުން ހުއްޓާލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *