Support Us

އަދުގެ ތަޢުލީމީ ނާ މުޅި ރާއްޖެއަށް ކުރި ދަތުރު 

މިއީ، އޭރުގެ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި، އިންސާނީ ވަސީލަތާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ޖޯގުރަފީއާއި ރާއްޖެތެރޭގައި ތަޢުލީމު އޮތް ދެރަވަރުކަމަށް ބަލާއިރު ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނާ ވަރަށް ދުރަށް ދަތުރުކޮށްފިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ދަތުރުގެ ބައިވެރިއެކެވެ.

މީލާދީން 1970 ގެ އަހަރުތައް ފެށުނުއިރު މާލޭގައި ހުރީ ސަރުކާރުގެ އެންމެ ތިން މަދަރުސާއެވެ. ރާއްޖެތެރޭގައި ސަރުކާރުގެ އެންމެ މަދަރުސާއެއް ވެސް ނެތެވެ. އަޅުގަނޑު މި ދަންނަވާ ނާގެ ފަށަން ދަމާލެވޭ ހިސާބަކީ މިއީއެވެ. ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި ރާއްޖެތެރެއަށް ތަޢުލީމު ފެތުރުމުގެ މަސައްކަތުގެ ފެށްޓެވީ ބޭރުގެ މާހިރުންގެ އެހީގައި ހެއްދެވި ދެ ދިރާސާއަކަށް ފަހުއެވެ. މިގޮތުން ޔުނެސްކޯގެ ތަޖުރިބާކާރެއް ކަމަށްވާ ބޮބަޓް 1973 ވަނަ އަހަރު ހެއްދެވި ދިރާސާގެ މައްޗަށް ދިވެހިރާއްޖޭގެ ތަޢުލީމީ ފުރަތަމަ މަޝްރޫޢު އެކުލަވާލެއްވިއެވެ. މި މަޝްރޫޢުގައި އޮތީ މައިގަނޑު ތިން ކަމެކެވެ. އެއީ ދިވެހިރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ހަތަރު ކޮމިޔުނިޓީ ސްކޫލު ބިނާކުރުމާއި، ފަށާތަޢުލީމު ދޭނެ މުދައްރިސުން ތަމުރީނުކުރަން ފެށުމާއި، ޖަމާޢަތުގެ ތަޢުލީމު ފެތުރުމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ތަޢުލީމީ މަޝްރޫޢު ޢަމަލީގޮތުން ފެށުނީ 1976 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮގަސްޓު 16 ވަނަ ދުވަހު ބ. އޭދަފުށީގައި ބިންގާއެޅުނު ކޮމިޔުނިޓީ ސްކޫލު 24 ފެބުރުވަރީ 1978 ގައި ހުޅުވުނެވެ. ސަރުކާރުގެ ޚަރަދުގައި ރާއްޖެތެރޭގައި ތަޢުލީމީ ދަންމަރެއް ފުރަތަމަ ފަހަރަށް ދިއްލާލިއެވެ.

ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނަވުގެ ދުވެއްޔަށް ލިބުނު އެންމެ ބޮޑު ފަހި ކަމަކީ 1978 ނޮވެންބަރު 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ހަވާލުވެވަޑައިގެންނެވުމެވެ. އިންސާނާ ދިރިހުރުމަށް ކާނާއާއި ފެން ބޭނުންވާ ފަދައިން އިންސާނާގެ ކުރިއެރުމަށް ތަޢުލީމު ބޭނުންވާކަމަށް ވިދާޅުވެ ކުރެއްވި މިންނަތް މަސައްކަތްޕުޅާއެކު ތަޢުލީމީ ނާ ހުރިހާ ރިޔަލެއްގައި ވައިއަޅުވާފައި ދުއްވާލިއެވެ. މި ދަތުރުގައި ތަޢުލީމާ ބެހޭ ވަޒީރުގެ ނާއިބެއްގެ ގޮތުގައާއި ތަޢުލީމާ ބެހޭ ވަޒީރެއްގެ ހައިސިއްޔަތުން އެންމެ އަގުހުރި ޚިދުމަތެއް ކޮށްދެއްވި ބޭފުޅަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.

ރައީސް މަޢުމޫނު ރައީސްކަމާ ހަވާލުވެވަޑައި ގެންނެވުމަށްފަހު ރާއްޖެތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ނ. މަނަދޫއަށް ވަޑައިގެން 1 މާރިޗު 1979 ގައި ހުޅުވައިދެއްވި މަނަދޫ ޕްރައިމަރީ ސްކޫލަކީ ރައީސް މައުމޫނު މުޅި ރާއްޖެއަށް ފަތުރާލެއްވި ތަޢުލީމީ ހިޔާގެ ފެށުމެވެ. މިއީ ރައީސް މައުމޫނުގެ މާލިމީކަމުގައި މި ރާއްޖޭގެ ތަޢުލީމީ ނާ ކޮށްފައިވާ ދިގު އަދި ކާމިޔާބު ދަތުރުގެ ފެށުމެވެ. އެމަނިކުފާނުގެ ރައީސްކަމުގައި ފުރަތަމަ ކަނޑާލަދެއްވި ރިބަންފަށެވެ. އެއަށްފަހު އިޢުލާން ކުރެއްވީ ރައީސް މައުމޫނުގެ ތަޢުލީމީ ސިޔާސަތެވެ.

ރާއްޖޭގެ އެންމެ ހަތަރު އަތޮޅުގައި ބިނާކުރަން ކަނޑައެޅިފައި އޮތް ހަތަރު ކޮމިއުނިޓީ ސްކޫލުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮމިޔުނިޓީ ސްކޫލެއް ބިނާކުރެއްވިއެވެ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ޕްރައިމަރީ ސްކޫލެއް ބިނާކޮށްދެއްވިއެވެ. މީގެއިތުރުން ރާއްޖެތެރޭގައި މެދުނުކެނޑި ހިންގަމުންދާތާ 10 އަހަރު ވެފައިވާ ރައްޔިތުންގެ މަދަރުސާތަކާއި މަކުތަބުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގަވާ ތަންތަނަށް ހެއްދެވިއެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިއްލެމުން ދިޔަ ޢިލްމީ ދަންމަރުތަކުން މުޅި ރާއްޖެ އަލިވެ އުޖާލާވަމުން ދިޔައެވެ. މާރިޗު 15، 1981 ގައި އަތޮޅު ކޮމިޔުނިޓީ ސްކޫލުތަކުގެ ނަންތައް އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމަށް އަދި އަތޮޅު ޕްރައިމަރީ ސްކޫލުތަކުގެ ނަންތައް އަތޮޅު މަދަރުސާގެ ނަމަށް ބަދަލު ކުރެއްވިއެވެ.

މުޅިރާއްޖޭގައި ފަހި ދުވެލީގައި ދެކަންކަށިން ރާޅުތައް ކަފަމުން ތަޢުލީމީ ނާ ދުވަމުން ދިޔައިރު މާލޭގައި ވެސް ސަރުކާރުގެ އެތައް ސްކޫލެއް އަލަށް ދިޔައީ ހުޅުވެމުންނެވެ. މީގެ ތެރެއިން ވެސް ފެބުރުވަރީ 9، 1980 ގައި ދިވެހިރާއްޖޭގައި ސަރުކާރުން ޢަރަބި އިސްލާމީ ތަޢުލީމަށް އަމާޒުކޮށް ހުޅުވި މައުހަދާއި ފަހުން ހުޅުވި ޢަރަބިއްޔާ ސްކޫލަކީ ތަޢުލީމީ ރޮނގުން ސަރުކާރުން ކުރެއްވި އެންމެ އަގުހުރި އެއް މަސައްކަތެވެ.

ތަޢުލީމުން މުޅި ރާއްޖެ ހުޅުދާންވީއިރު މަތީ ސާނަވީއަށް އަމާޒުކޮށް 17 ޖަނަވަރީ 1998 ގައި ސަދަން ސެކަންޑަރީ ސްކޫލު (މުޙިއްބުއްދީން ސްކޫލު) އައްޑު އަތޮޅު ހިތަދޫގައި ހުޅުވައިދެއްވައިފިއެވެ. އަދި 15 ފެބުރުވަރީ 1998 ގައި ނޮދަން ސެކަންޑަރީ ސްކޫލު (ޖަލާލުއްދީން ސްކޫލު) ހދ. ކުޅުދުއްފުށީގައި ހުޅުވައި ދެއްވައިފިއެވެ. ދެން އޮތީ ތަފާސްހިސާބުތައް ދައްކާ ނަތީޖާއެވެ. ތަޢުލީމީ މި ދަތުރުގައި 1978 ވަނަ އަހަރު ސާނަވީ އިމުތިހާނު ހެދީ 102 ދަރިވަރުންނެވެ. އަދި 1980 ވަނަ އަހަރު ޖީސީއީ އިމްތިހާނު 135 ދަރިވަރުން ހެދިއެވެ. މި އަދަދު 1990 ވަނަ އަހަރު 438 އަށް މައްޗަށް ޖެހުނެވެ. އަދި 2000 ވަނަ އަހަރު 3353 އަށް މި އަދަދު މައްޗަށް އަރައިގެން ދިޔައެވެ. މިއަދު ރާއްޖޭގައި ސަރުކާރުގެ ދެ ޔުނިވަރސިޓީ އެބަހުއްޓެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޔުނިވަރުސިޓީތަކުގެ ކެމްޕަސްތައް އެބަހުއްޓެވެ. ރާއްޖޭގެ ޔުނިވަރުސިޓީތައް މެދުވެރިކޮށް ޕީއެޗްޑީއާ ހަމައަށް ދިވެހީން އެބަ ދަތުރުކުރެއެވެ. ދިވެހި ކިޔަވާ ކުދީން ދުނިޔޭގެ އެންމެ މަތީ ދަރަޖަތައް ހޯދައި އަރުތަވެރީންނަށް އެބަވެއެވެ.

މަޢުލޫމާތު:

ޢަބްދުﷲ ޒާމިރު. (2008). ޖަމާޢަތުގެ ޚަބަރު. މާރިޗުމަހުގެ އަދަދު.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *