"ރާދަވަޅި" ކިޔަނީ ކުރުކޮށް އަދި ޚުލާޞާކޮށް ލިޔެފައި ހުރި ދިވެހި ތާރީޚުގެ ފޮތްތަކަކަށެވެ. ރާދަވަޅިތައް ދިވެސް އަކުރުންނާއި ޢަރަބިން ވެސް ލިޔެފައިވާކަމަށް ވެއެވެ. ނަމަވެސް ފެންނަންހުރި ރާދަވަޅިތައް ލިޔެފައިވަނީ ތާނައިންނެވެ. ރާދަވަޅިތައް ލިޔަމުން އައިސްފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީޚުތައް ހިމަނައިގެންނެވެ. މިއީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރަމުން ގެންގުޅެފައިވާ ތާރީޚީ މުހިންމު ލިޔެކިޔުންތަކެކެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ލިޔަމުން އައިސްފައިވާ މި ރާދަވަޅިތަކުގައި އާންމުކޮށް ލިޔެފައި ވަނީ ރަސްރަސްކަލުންގެ ނަންފުޅުތަކާއި، ކޮލީނަންފުޅުތަކާއި، ރަސްރަސްކަލުންގެ ނަސަބުފުޅުތަކެވެ. އަދި ރަސްކަމަށް އިސްވެވަޑައިގަތް އަހަރާއި، ރަސްކަން ނިމުމަކަށް އައި އަހަރު ނުވަތަ އަވަހާރަވީ އަހަރެވެ. ރާދަވަޅިތަކުގައި އެއްފޮތްތާއި އަނެއް ފޮތުގައި ޚިލާފުތައް ހުރެއެވެ. މިގޮތަށް ދިމާވީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރުމުގެ ތެރޭގައި ކަމަށް ގަބޫލުކުރެވެއެވެ. ރާދަވަޅީގައި ތާރީޚުތައް ލިޔުމަށާއި، އަދަދު ބަޔާންކުރުމަށް ބޭނުންކޮށްފައި ހުރީ އެޒަމާނުގައި ދިވެހިން ބޭނުން ކުރި ވިޔަ އަކުރުތަކެވެ. އެއީ މ، ފ، ދ، ތ، ލ، ގ، ޏ، ސ، ޑ، 0 އެވެ.
ރާދަވަޅިތަކާ ބެހޭ ގޮތުން އެޗްސީޕީ ބެލް ހޯއްދެވި ހޯއްދެވުމުގެ އަލީގައި ރާދަވަޅިތައް ތިން ބަޔަކަށް ވަނީ ބައްސަވާފައެވެ. އެއީ އިނގިރޭސިބަހުގެ A,B, C އެވެ.
"އޭ" އަކުރު ދެއްވި ރާދަވަޅިތަކުގައި 67 ރަސްކަލުންގެ މަޢުލޫމާތު އޮންނަންވާނެ ކަމަށް ބެލް ވިދާޅުވެފައިވެއެވެ. ނަމަވެސް 36 ވަނަ ރަސްގެފާނުން ފެށިގެން 48 ވަނަ ރަސްގެފާނާ ހަމައަށް މަޢުލޫމާތެއް ނެތެވެ. މި ރާދަވަޅި ނިންމާލާފައި ވަނީ 67 ވަނަ ރަސްގެފާނުގެ ތާރީޚާ އެކުގައެވެ. މި ރާދަވަޅިތައް ލިޔެފައި ވަނީ މުސްކުޅި ތާނައިންނެވެ. މުސްކުޅި ތާނައަކީ މީލާދީން 18 ވަނަ ގަރުނުގައި ދިވެހީން ލިޔެއުޅުނު ތާނައެވެ.
"ބީ" އަކުރު ދެއްވާފައިވާ ރާދަވަޅީގައި ސައްޔިދު މުޙައްމަދު (871 – 872) އާއި މުޙައްމަދު (887 – 898) ދެމެދުގައި ރަސްކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތެއް ނެތެވެ. މި ރާދަވަޅީގައި ރާދަވަޅި-އޭ ގައި ނެތް ނަންފުޅެއް ކަމުގައިވާ މުޙައްމަދު ކަލަމިންޖާގެ ނަންފުޅު އޮވެއެވެ. މިއީ ދިވެހިރާއްޖެ ހޮޅީން (މަލަބާރީން) ގެ އަތްދަށަށް ދިވެހިރާއްޖެ ދިޔައިރު އިންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނެވެ. މިއިން ކޮންމެ ރާދަވަޅިއެއް ލިޔެފައިވަނީ ބިސްމިއަށް ފަހުއެވެ. ނިންމާފައިވަނީ ވަﷲ އަޢުލަމް އިންނެވެ.
"ސީ" އަކުރު ދެއްވާފައިވާ ރާދަވަޅި ފެށިފައިވަނީ ރާދަވަޅި-ބީގެ 12 ވަނަ ފޮޅުވަތުން ފެށިގެންނެވެ. އަދި ރާދަވަޅި-ބީ އަށްވުރެ 30 ނުވަތަ 40 އަހަރުގެ ފަހުގެ ތާރީޚު މި ރާދަވަޅީގައި ލިޔެފައިވެއެވެ. މި ރާދަވަޅީގައި ހިޖުރައިން 1192 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން ނޫރައްދީން (އައްސުލްޠާން ޝައިޚު ޙާޖީ ޙަސަން) އާ ހަމައަށް ލިޔެފައިވެއެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައިވާ އަދަދަށް މި ރާދަވަޅީގައި ރަސްރަސްކަލުންގެ ނަންފުޅުތައް ހިމަނާފައިވެއެވެ.
މަލާބާރީން ދިވެހިރާއްޖެ ހިފިއިރު ރަސްކަމުގެ ގަނޑުވަރުގައި ހުޅުޖަހައި އަންދާލިއިރު އަނދައިގެން ދިޔަ މުހިންމު ތަކެތީގެ ތެރޭގައި ރާދަވަޅިތަކާއި ތާޖުއްދީނުގެ ތާރީޚު ފޮތުގެ އަސްލު ފޮތް ވެސް ހިމެނެއެވެ. ފަހުން ފެންނަން ހުރީ އެ ފޮތްތަކުން ނަކަލުކޮށްގެން އެކިއެކި ބޭފުޅުންގެ އަތްޕުޅުގައިހުރި ނަކަލުތަކެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment