Support Us

ތާރީޚުގެ ތެރެއިން ދިވެހި ވެރިކަމުގެ ނިޒާމު

ދިވެހިރާއްޖޭގައި ހަރުދަނާ ވެރިކަމުގެ ނިޒާމެއް ނެތް ދުވަސްވަރެއް ދިވެހި ތާރީޚުން ފެންނާކަށް ނެތެވެ. ގަދީމީ ނުވަތަ ބޯދާ ޒަމާނުގެ ބޭރުގެ އެކިއެކި ރަސްމީ ލިޔުންތަކުންނާއި ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ބޭރުގެ ލިޔުންތެރިންގެ ލިޔުންތަކުން ވެސް އެނގެނީ ދިވެހިރާއްޖެ އޮތީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަމާއި، ދިވެހި ވެރިކަމުގެ ނިޒާމަކީ ދިވެހިވަންތަ ސިފަތަކެއްގެ މައްޗަށް ބިނާވެފައި އޮތް ހަރުދަނާ ނިޒާމެއްކަމެވެ.

ބޯދާ ތާރީޚުގެ ތެރެއިން ދިވެހި ވެރިކަން

ގަދީމީ ދުނިޔޭގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު ގަބީލާތަކާއި، ވަންހަ ތަކުގައި އެބައިމީހުން ތަބާވާ ވެރިއަކު ހުރެއެވެ. ޤައުމެއްގެ ގޮތުގައި ބަޔަކަށް އެއްބަސްވެވި، އެބައިމީހުންނަށް ރާއްޖެއެއް ލިބި ދައުލަތްތައް ވުޖޫދަށް އަންނަން ފެށި ދުވަސްވަރުއްސުރެ އިންސާނީ ތާރީޚު ދަންނަ ވެރިކަމުގެ އެންމެ މުސްކުޅި ނިޒާމަކީ ރަސްކަމުގެ ނިޒާމެވެ. ދިވެހިރާއްޖޭގައި ވެސް އެންމެ ކުރިން އޮތީ ރަސްކަމުގެ ނިޒާމެކެވެ. ދިވެހި ރަސްކަން އޮތީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި، އަވަށްޓެރި ދައުލަތްތަކާ ވެސް މުއާމަލާތްކުރި ހައިބަތާއި ގަދަރާއި އިހުތިރާމު ލިބިގެންވާ ރަސްކަމެއްގެ ގޮތުގައެވެ.

މީލާދުން 321 ވަނަ އަހަރު ރޯމަނުންގެ އަންބަރާތޫރުގެ އަރިހަށް ދިވެހި ވަފުދެއް (ރޯމަނުން ފާރިސްކަރަ ހިފައިގެން ތިބި ދުވަސްވަރު ފާރިސްކަރައިގެ ސިރަފަށް) ދިޔައެވެ. ދިވެހި ދައުލަތުން މި ވަފުދު ފޮނުވުމަކީ އޭރު ވެސް ހިނގަހިނގާ އޮތް ވެރިކަމުގެ ހަރުދަނާ ނިޒާމެއް އޮތްކަމުގެ ދަލީލެކެވެ. މީގެ އިތުރުން މީލާދީން ހަތް ވަނަ ޤަރުނުގައި ސީނު ކަރައިގެ ރަސްގެފާނު އަރިހަށް ވެދުން ހިފައިގެން ދިވެހި ވަފުދެއް ދިޔުމަކީ ވެސް ދިވެހި ދައުލަތުގެ ދޮށިކަމާއި ދިވެހި ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔެއިން ބަލައިގެންފައިވާ ދައުލަތެއްކަން އެނގޭ ކަމެކެވެ. ދިވެހި ދައުލަތުން އެހެން ދައުލަތަކަށް ވެދުމާދިއުމަކީ ޑިޕްލޮމެޓިކް ދާއިރާގައި ދެ ދައުލަތުގެ ދެމެދުގައި މި ޒަމާނުގައި ވެސް ހިނގާ ފަދަ އެންމެ މަތީ ފެންވަރުގެ މުއާމަލާތްތަކެވެ.

ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު

ރަސްކަމުގެ ނިޒާމުގައި އެންމެ ކުރިއްސުރެ ވަރަށް ޚާއްޞަ ދެ ސިފައެއް އެކުލެވިފައި އޮވެއެވެ. އެއީ ވިރާސީގޮތުން ވާރުތަވުމާއި، ބޮޑުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުން ނުވަތަ ބައިޢަތުހިފުމަކުން ރަސްކަލަކު ކަނޑައެޅުމެވެ. ރާއްޖޭގައި ވެސް ކަން ހިނގަމުން އައީ މި ދެ ގޮތަށެވެ. އެހެންކަމުން ފަޟީލަތުން ޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވަނީ ރާއްޖޭގައި އޮތީ "ވިރާސިއްޔަ އަދި އިންތިޚާބިއްޔަ" ރަސްކަމެއްކަމަށެވެ. ދިވެހިރާއްޖެ އިސްލާމްވީއްސުރެ 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއާ ހަމައަށް 90 ވަރަކަށް ރަސްކަލުން ރަސްކަން ކުރެއްވިއިރު ޞަލާޙުއްދީނު ވިދާޅުވެފައިވަނީ އޭގެ ތެރެއިން ރައްޔިތުންގެ ރުހުމެއް ނެތި ގަދަބާރުން ރަސްކަމުގެ ތަޚުތަށް އަރާވައިގެންނެވި ރަސްކަލުންގެ އަދަދު 10 އަކަށްވެސް ނާރާނެކަމަށެވެ.

ޤާނޫނު އަސާސީގެ ކުރިން ވެސް ދިވެހި ރަސްކަމުގެ ނިޒާމުން ދުސްތޫރީ ސިފަތައް ފެނެއެވެ. އޭގެ ތެރޭގައި ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަންވީ އަޚުލާޤީ އަދި ސުލޫކީ ރިވެތި ސިފަތައް ގެއްލިއްޖެނަމަ ނުވަތަ ރަސްގެފާނު އެ މަގާމަށް އެކަށީގެންވާ ކަމަށް ނުފެންނަ ނަމަ އެ ބޭފުޅަކު ރަސްކަމުން އަޒުލުކުރުމުގެ ބާރު ހަވަރަށް އޮތުން ހިމެނެއެވެ. މިގޮތުން މީލާދުން 1340 އިން 1347 އަށް ރަސްކަން ކުރެއްވި އައްސުލްޠާން އަޙްމަދު ޝިހާބުއްދީން (ޝިހާބުއްދީން ރަދުން) ރަސްކަމުން އަޒުލުކުރެވުނީ ބަދުއަޚުލާޤީ މައްސަލައެއްގައިކަން ފާހަގަ ކުރެވެއެވެ.

ނޫރައްދީން ބަންޑާރައިން 1893 ވަނަ އަހަރު އަވަހާރަވުމުން ރާއްޖޭގެ ރަސްކަން ބަދަލުވެގެން އައި ގޮތްތަކަކީ މީގެ މިސާލެކެވެ. ރަސްކަމުގެ ބޮޑުން ފުރަތަމަ ރަސްކަމަށް އިސްކުރެއްވީ ނޫރައްދީނު ބަންޑާރައިންގެ ދެ ބަނޑަށް ތިއްބެވި ދެ ދަރިކަލުންގެ ތެރެއިން ހަގު ބަނޑުގެ ދަރިކަލުން އުމުރުން އަށް އަހަރުފުޅުގެ އާގަނޑުވަރު މަނިއްޕުޅު (ފަހުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (5 ވަނަ) އެވެ. މި ރަސްކަން ބަދަލުވެގެން ދިޔައީ ހަވަރު ހުއްޓިލެއްވުމުންނެވެ. ހަވަރުހުއްޓިލައްވައި ރަސްކަން ޙައްޤުވަނީ ދޮށީ ބަނޑުފުޅުގެ މުލީގޭ މަނިއްޕުޅު ނުވަތަ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ކަމަށް ދެންނެވުމުން އެ ދެންނެވި ގޮތަށް ރަސްކަން ބަދަލުވިއެވެ. އަދި އޭގެ 76 ދުވަސް ފަހުން އަނެއްކާ ހަވަރު ހުއްޓިލައްވައި، 14 އަހަރުފުޅުގެ ޝަމްސުއްދީން ރަދުންނަކީ ރަސްކަމަށް އެކަށޭނަ ބޭފުޅެއް ނޫން ކަމަށާއި ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6 ވަނަ) އަށް ރަސްކަން ހަވާލުކުރުމަށް ދެންނެވުމުން އެގޮތަށް ރަސްކަން ބަދަލުވެގެން ދިޔައެވެ.

ފަހުން ދިވެހި ތާރީޚުގައި ނަން މަޝްހޫރުވި ޙާޖީ ޢީމާދުއްދީނުގެ ރަސްކަން ނިމުމަކަށް އައީ ޝަމުސުއްދީން ރަދުން ބޮޑުފުޅުވުމުން ރަސްކަމުގެ ތަޚުތުގެ ހަގީގީ ހައްގުވެެރިޔަކީ އެ ރަދުންކަމުގައި ވެގެންނެވެ. ޝަމުސުއްދީން ރަދުންގެ ޒަމާންވީ ދިގު ރަސްކަން ނިމުމަކަށް އައީ އެ ރަދުން ޤާނޫނާ ޚިލާފުވެވަޑައިގަތުމާ ގުޅިގެން ރަސްކަމުން އަޒުލުކުރުމުންނެވެ. އޭރު ރާއްޖޭގައި ޤާނޫނު އަސާސީން މަގުދައްކައިދޭ ދުސްތޫރީ ނިޒާމެއް އޮތެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްކަމުގެ ނިޒާމުގައި އެހެން ޚާއްޞަ ސިފައެއް ވެސް އޮތެވެ. އެއީ ވިރާސީގޮތުން ރަސްކަން ވާރުތަވާނެ ބޭފުޅެއްނެތް ހާލަތްތަކުގައި ކީރިތި ރަސޫލާގެ ދަރިފަސްކޮޅަށް ރަސްކަން ވާރުތަވާގޮތެވެ. މި ދެންނެވި ހާލަތުގައި އައުލާދުއްރަސޫލު ނުވަތަ ސައްޔިދު ބޭކަލެއް ނުވަތަ ޤުރައިޝް ވަންހައިގެ ބޭފުޅަކަށްވާނަމަ އެ ބޭފުޅަކު ރަސްކަމަށް އިސްކުރުމެވެ. މި ބީދައިން މައްކާގެ ބޭފުޅެއްކަމުގައިވާ އައްސުލްޠާން އަޙްމަދު ޝަރީފާއި، ޔަމަންކަރައިގެ ބޭފުޅެއް ކަމުގައިވާ އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނާއި، ބައްޕާފުޅުގެ ނަސަބުފުޅުން ޔަމަންކަރައިގެ ސައްޔިދު ބޭފުޅެއްކަމަށްވާ މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނު ރާއްޖޭގެ ރަސްކަމަށް އިސްކުރެވިފައިވެއެވެ. މި ބޭފުޅުންނަކީ ޤުރައިޝީންނެވެ. ޙާޝިމީންނެވެ. މާތް ނަބިއްޔާގެ ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ސައްޔިދު ބޭފުޅުންނެވެ.

ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމުގައި ރަދުންނަށް ބޮޑުފުޅުވާ ކަންކަމުގައި ލަފާހޯދާ ކޮމެޓީއެއް ރަދުން އުފައްދަވާފައި އޮވެއެވެ. މި ކޮމެޓީގައި ތިއްބަވަނީ ރަދުންގެ ގާތް ބޭފުޅުންނާއި އިތުބާރުކުރައްވާ ބޭފުޅުންނެވެ. އަތޮޅުތެރޭގައި ވެސް މަޖިލިހަށް އަރުއްވާ ބޭކަލުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ތިއްބަވައެވެ. އަތޮޅުގެ ޚަބަރުތައް ސާފުކުރައްވައި ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވުމުގައި މި ބޭފުޅުންގެ ބޭނުން ރަދުން ހިއްޕަވައެވެ. މި ސިފަތަކާއެކު ދިވެހި ރަސްކަމުގެ ދިގު މާޒީގައި ގިނަ ދުވަސްތަކެއްގައި ރަސްކަން ހިންގާފައި ވަނީ ޚުދުމުޚުތާރު ރަސްކަމެއް ނުވަތަ އިނގިރޭސި ބަހުން ކިޔާގޮތަށް "އެބްޒޮލިއުޓް މޮނާކީ" އެއްގެ ގޮތެއްގައެއް ނޫނެވެ. ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅުތެރެއަށް ވަޑައިގަންނަވައެވެ. މިގޮތުން އެންމެ ފަހުން އަރުމާޒު ދަތުރުފުޅު ކުރެއްވި ރަސްކަލަކީ މުސްކުޅި ބަންޑާރައިން (1835- 1882) ނެވެ.

ރަސްކަމުގެ ދަރިކޮޅުތައް

ލިޔެފައިވާ ދިވެހި ތާރީޚުން ފެންނަނީ ދިވެހިރާއްޖޭގައި މައިގަނޑު ހަތް ދަރިކޮޅަކުން ރަސްކަން ކޮށްފައިވާތީއެވެ. މި ދަރިކޮޅުތަކަކީ އެ ބޭފުޅުންގެ އާއިލީ ގުޅުންތަކަށް ބައްލަވައިގެން ދިވެހި ތާރީޚު ދިރާސާކުރެއްވި ބޭފުޅުން ފަހުން ބައްސަވާފައިވާ ދަރިކޮޅުތަކެކެވެ. މަައިގަނޑު މި ހަތް ދަރިކޮޅުގައި ނުހިމެނޭ ރަސްރަސްކަލުން ވެސް ރަސްކަންކުރައްވާފައި ވެއެވެ. ދިވެހި ރަސްކަމުގެ ދަރިކޮޅުތައް ބެހިގެންވާ މައިގަނޑު 7 ދަރިކޮޅަކީ:-

1. ތީމުގޭ ދަރިކޮޅު

2. އުމަރުވީރު ދަރިކޮޅު

3. ހިލާލީ ދަރިކޮޅު

4. އުތީމު ދަރިކޮޅު

5. އިސްދޫ ދަރިކޮޅު

6. ދިޔަމިގިލީ ދަރިކޮޅު

7. ހުރާ ދަރިކޮޅު އެވެ.

މި ދަރިކޮޅުތަކުގެ ކުރިން ސޫރިޔަވަންޝަ (އިރުވަންހަ) އާއި ސޯމަވަންތަ (ހަނދުވަންހަ) ގެ ރަސްކަން ރާއްޖޭގައި އޮތެވެ. އަދި އަންހެން މަތިފުށަށާއި ފިރިހެން މަތިފުށަށް ވެސް ރަސްކަން ވާރުތަވަމުން އައިސްފައިވެއެވެ.

ސަރުކާރުގެ ހިންގުމުގެ ބާރާއި ސަރުކާރުގެ އޮނިގަނޑު

ހިޖުރައިން 592 ވަނަ އަހަރު (މީލާދީން 1194 ވަނަ އަހަރު) ލިޔެފައިވާ އިސްދޫ ލޯމާފާނުން ފާހަގަކުރެވޭ އެއް ކަމަކީ އޭރު ވެސް ދިވެހި ވެރިކަން ހިންގީ ހަރުދަނާ އޮނިގަނޑެއް އޮވެގެންކަމެވެ. އޭރު ވެސް ރަދުންގެ މަޖިލިހުގައި ފަނޑިޔާރު، އުއްތަމަ ފަނޑިޔާރު، ދަންޑަނާއިކަ (ރަސްގެފާނުގެ އޮފީސްހިންގާ ވެރިޔާ) އަނިއަންގަ (ރަސްމީ ޚަބަރު ފަތުރާވެރިޔާ)، ވަލާނާއިކަ (އެޑަމްރޭލު)، ސެނެވިރަސް ( ސިފައިންގެ ވެރިޔާ)، ފަދަ މަގާމުތައް ހުއްޓެވެ. އޭގެފަހުން ރަދުންގެ ފަރާތްޕުޅުން ކޮލިލައްވާ އެކިއެކި ދަރަޖަތަކުގެ ބޮޑުބޭކަލުން އެކިއެކި މަގާމުތަކަށް ލައްވުން ގެންދެވިއެވެ. ސަރުކާރު ހިންގުމުގެ ނިޒާމުގައި ބޭނުން ކުރަމުން އައި މިފަދަ މަގާމުތަކުގެ ނަންތަކުގެ ތެރޭގައި؛-

1. ދޮށިމޭނާ ކިލެގެ (ދިވެހި ލަޝްކަރުގެ ވެރިޔާ ނުވަތަ ދިފާޢީ ވަޒީރު / ޑިފެންސް މިނިސްޓަރު)

2.ހަނދޭގިރި (ދާޚިލިއްޔާގެ ވެރިޔާ / ހޯމު މިނިސްޓަރު)،

3. ވެލާނާ (ޚާރިޖިއްޔާގެ ވެރިޔާ ނުވަތަ ފޮރިން މިނިސްޓަރު)

4. ފާމުލަދޭރި (ސިއްހަތާ ބެހޭ ވަޒީރު ނުވަތަ ހެލްތު މިނިސްޓަރު)

5. ހަކުރާ (ޕަބްލިކް ވާރކްސް މިނިސްޓަރު)

6. ބޮޑު ބަނޑޭރި (ފިނޭންސް މިނިސްޓަރު)

7. މާބަނޑޭރި (ރަދުންގެ ކަންކަން ބަލަހައްޓާ ވެރިޔާ) ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932 ވަނަ އަހަރު އެކުލަވާލެއްވި ފުރިހަމަ ދުސްތޫރީ ޙުކޫމަތަށް ދިވެހި ވެރިކަން ފުރޮޅުނުއިރު އެ ޤާނޫނު އަސާސީގައި ބަޔާންކޮށްގެން 12 މަޙްކަމާއެއް ނުވަތަ މިނިސްޓްރީއެއް އޮތެއެވެ.

އެ މަޙްކަމާތަކަކީ;

1. ވަޒީރުލް އަޢުޡަމްގެ މަޙްކަމާ (ޕްރައިމް މިނިސްޓަރުގެ އޮފީސް)

2. ވަޒީރުލް ޢަސްކަރިއްޔާގެ މަޙްކަމާ (ޑިފެންސް މިނިސްޓްރީ)

3. ވަޒީރުލް ޙައްޤާނިއްޔާގެ މަޙްކަމާ (ޖަސްޓިސް މިނިސްޓްރީ)

4. ވަޒީރުލް މާލިއްޔާގެ މަޙްކަމާ (ފިނޭސް މިނިސްޓްރީ)

5. ވަޒީރުލް ދާޚިލިއްޔާގެ މަޙްކަމާ (ހޯމް މިނިސްޓްރީ)

6. ވަޒީރުލް ޚާރިޖިއްޔާގެ މަޙްކަމާ (ފޮރިން މިނިސްޓްރީ)

7. ވަޒީރުއް މަޢާރިފްގެ މަޙްކަމާ (އެޑިޔުކޭޝަން މިނިސްޓްރީ)

8. ވަޒީރުއް ތިޖާރާގެ މަޙްކަމާ (ޓްރޭޑް މިނިސްޓްރީ)

9. ވަޒީރުއް ޞިއްޙާގެ މަޙްކަމާ (ހެލްތު މިނިސްޓްރީ)

10. ވަޒީރުލް އަޝްޣާލްގެ މަޙްކަމާ (ޕަބްލިކް ވާރކްސް މިނިސްޓްރީ)

11. ވަޒީރުލް އައުޤާފްގެ މަޙްކަމާ (ޕަބްލިކް އެންޑައުމެންޓް މިނިސްޓްރީ)

12. ވަޒީރުއް ޒިރާޢަތުގެ މަޙްކަމާ (އެގްރިކަލްޗަރ މިނިސްޓްރީ)

މީލާދީން 1890 ވަނަ އަހަރާ ހަމައިން ދައުލަތާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލެއްއައެވެ. މި ބަދަލާއެކު ދައުލަތުގެ އެންމެ އިސްވެރިއަކަށް ރަދުން ހުންނެވުމާއެކު ރަދުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގަވަމުން ގެންދެވީ ބޮޑުވަޒީރަކު ހުންނަވައިގެންނެވެ. ދައުލަތުގެ ބާރުތަކުގެ ތެރެއިން ސަރުކާރު ނުވަތަ ވެރިކަން ހިންގުމުގެ ބާރު ވަރަށް ބޮޑަށް ވަކިވެގެން ދިޔައެވެ. މި ބަދަލާއެކު ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއް ރާވާ ހިންގަމުން އައީ ބަނޑޭރިގެއިންނެވެ. ރާއްޖޭގެ އަތޮޅުތަކާއި ރާއްޖޭން ބޭރާ ބެހޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓަމުން އައީ ބޮޑު ބަނޑޭރިގެއިންނެވެ.

މި ބަދަލު އައުމުގެ ކުރިން (1890ގެ އަހަރުތަކަށް ވުރެ ކުރިން) ރަސްގެފާނުގެ ފަރާތްޕުޅުން ނެރުއްވާ އަމުރުތައް ނެރުއްވަނީ ހަނދޭގިރި (ދާޚިލީ ވަޒީރު) އެވެ. އޭރު ވެސް އަތޮޅުތަކަށާއި ރަށްރަށަށް ރަސްގެފާނުގެ އަމުރުފުޅުތަކާއި ފަތްތޫރަތައް ހިންގަވަމުން ގެންދެވިއެވެ.

ޢަދުލްއިންސާފު ޤާއިމުކުރުމުގެ ބާރު

ދިވެހިރާއްޖޭގައި އެންމެ ކުރިއްސުރެ ޢަދުލް އިންސާފު ޤާއިމުކުރުމުގެ ބާރު ނުވަތަ ފަނޑިޔާރުގެ އޮތީ ޢިލްމުވެރިންގެ އަތްޕުޅުމަތީގައެވެ. ދިވެހި ވެރިކަމުގެ ނިޒާމުގައި ދައުލަތުގެ އިސްވެރިއަކު ހުންނަވާހެން ޢަދުލްވެރިކަން ޤާއިމުކުރުމަށް އިސް ބޭފުޅަކު ރަދުން އިސްކުރައްވާފައި ހުންނަވައެވެ. ރަށްރަށުގައި ޢަދުލްއިންސާފު ޤާއިމުކުރުމަށް ތިއްބަވަނީ ނާއިބު ބޭކަލުންނެވެ.

ދިވެހިރާއްޖޭގެ ޢަދުލްއިންސާފުގެ ތާރީޚުގައި ފަނޑިޔާރުންނަކީ ރައްޔިތުންގެ އިޙުތިރާމު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންނަށް ވުމަކީ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދިޔަ ސަބަބެވެ. އަދި ދިވެހީން އިސްލާމްދީން ގަބޫލުކުރުމަށްފަހު ރާއްޖޭގައި ދިރިއުޅުއްވި ޢަރަބި ޢިލްމުވެރިން ފަނޑިޔާރުކަމަށް އިސްކުރައްވާފައިވެއެވެ. މިގޮތުން ފަނޑިޔާރުކަމަށް އިސްކުރެއްވި ބޭރުގެ ޢަރަބި ޢިލްމުވެރިންގެ ތެރޭގައި ދިވެހި ތާރީޚު ލިޔުއްވި މަޣުރިބު ކަރައިގެ މަޝްހޫރު ދަތުރުވެރިޔާ އިބްނުބަތޫތާއާއި، ފާރިސްކަރައިގެ ސީރާޒުގެ އަލްޤާޟީ ޙަސަން ސީރާޒީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފަނޑިޔާރުންނަކީ ކީރިތި މަހާރަދުން އައްޔަންކުރައްވާ މަޤާމެއްކަމުގައި ވިޔަސް، މި ނިޒާމުގައި ފަނޑިޔާރުގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ރަދުން އެންމެ ހިތްޕުޅާ ހަމަކުރައްވާ ބޭފުޅުން ނޫންކަން ވެސް ތާރީޚުން އެނގެއެވެ. އަދި ބައެއް ބޭފުޅުން ކުރައްވާފައިވާ ޙުކުމްތަކަކީ ރަސްގެފާނު އެންމެ ހިތްޕުޅާވީ ޙުކުމްތައް ނޫންކަން ވެސް އެނގެއެވެ. މިގޮތުން ބަލާއިރު އެއް ބޭފުޅަކީ އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ނުވަތަ ހަދި ޙަސަން ރަސްގެފާނުގެ ރަސްކަމުގައި ފަނޑިޔާރުކަން ދެއްވި އަލްޤާޟީ ޙަސަން ޝިރާޒީއެވެ. ރިވާވެގެންވާ ގޮތުގައި މި ފަނޑިޔާރުކަލޭގެފާނަށް ފަނޑިޔާރުކަން ރަދުން ދެއްވީ "ރަސްކަމުގެ ބޮޑުންނާއި، ސާހިބުންނާއި، ލަސްކަރީން" އެރުވި ލަފާގެމަތިންނެވެ.

ދިވެހި ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ބާރުތައް

ދިވެހި ވެރިކަމުގެ ނިޒާމުގައި ރަސްކަން އޮތް ދުވަސްވަރު ރަދުންގެ ފަރާތްޕުޅުން ރައްޔިތުންނަށް އަންގަވާ އެންގެވުންތަކުގައި ރައްޔިތުންނަކީ ރަދުންގެ އަޅުންގެ ގޮތުގައި ސިފަކުރެވި "އަޅުތަކުންނަށް ބަހެއް" ފަދަ ޢިބާރާތްތައް ހުންނަކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ޢަމަލީ ގޮތުން އެ ޚުދުމުޚުތާރުކަން ފެނިގެން ގޮސްފައިވަނީ ވަރަށް މަދުންނެވެ. ގިނަ ރަސްރަސްކަލުންނަކީ ރައްޔިތުންނަށް ވަރަށް އޯގާތެރި ބޭފުޅުންކަން އެނގެއެވެ. އަދި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި ދައުލަތުގެ އެކިއެކި ފެންވަރުގެ ވެރިންނާ ހަމައަށް އާދެވޭ ފަދައިން ރަށްރަށާއި އަތޮޅުތަކާ އަދި އިޖުތިމާޢީ ބޮޑެތި ކަންތައްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރަދުންގެ ފައިންޕުޅު ދުށުމުގެ ފުރުސަތު ވެސް އޮތްކަން އެނގެއެވެ.

ދިވެހި ވެރިކަމުގެ ނިޒާމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރަކީ ހަވަރަށް އޮތް ރަދުން ބަދަލުކުރުމުގެ ބާރެވެ. ހަވަރުހުއްޓިލެއްވުމުން އެއީ ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާ މެދު އެއްޗެއް ދަންނަވަން ޖެހުނީކަން ރަސްގެފާނަށް އެނގިވަޑައިގަންނަވައެވެ. މިއީ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުމެވެ. މި އެއްވުން ގިނަ ފަހަރަށް އެއްވަނީ ހުކުރު ދުވަހު ހުކުރުން ފައިބައިގެންނެވެ.

ދިވެހި ވެރިކަމުގައި ބޯދާ ނިޒާމުގައި އޮތީ ވަރަށް ހަރުދަނާ ލާމަރުކަޒީ ނިޒާމެކެވެ. މި ރާއްޖެ ހިންގަމުންއައީ ދުސްތޫރީ ހުކޫމަތެއްގެ ތެރެއިން ފެޑެރަލް ދައުލަތެއް ސިފައަށެވެ. މި ރާއްޖޭގެ ހިންގުމުގެ ނިޒާމު އެންމެ އެވޭލާ ޒަމާނުގައި އޮތީ 13 ޕްރޮވިންސެއް ނުވަތަ އިދާރީ ދާއިރާއެއްގެ މައްޗަށެވެ. ފަހުން އެކި ދުވަސްވަރު އިދާރީ ފަސޭހަޔަށް ޓަަކައި އިދާރީ ދާއިރާތަކުގެ އަދަދަށް ބަދަލު ގެންނަވަމުން އައިސްފައިވެއެވެ.

ދިވެހިރާއްޖޭގައި ކުރިން އޮތް ލާމަރުކަޒީ ނިޒާމުގައި އަތޮޅުތައް ހިނެގަވަމުން ގެންދެވީ ވާރުވެރިން ނުވަތަ އަތޮޅުވެރިންނެވެ. އަތޮޅުވެރިންނަކީ ރަސްގެފާނުގެ ފަރާތްޕުޅުން ފަތްކޮޅު ދެއްވާ މަގާމެކެވެ. އަތޮޅުން ވާރު ނުވަތަ ޓެކްސް ނެންގެވުމާއި އެތަކެތި މާލެއަށް ފޮނުވުމުގެ ޒިންމާ އަދާކުރައްވަނީ އަތޮޅުވެރީންނެވެ. ރަށްރަށުގެ ވެރިންނާއި ނާއިބު ބޭކަލުންގެ ކަންތައްތައް ބައްލަވައި އެންމެ އިސް ބޭފުޅަކީ އަތޮޅުވެރީންނެވެ. އަތޮޅުގައި ދިވެހި ދައުލަތް ތަމްސީލުކުރައްވާ އެންމެ އިސް ބޭފުޅަކީ އަތޮޅުވެރީންނެވެ. އަތޮޅުވެރީންގެ ލަފާފުޅާ އެއްގޮތަށް ރަށް ހިންގަވައި ރައްޔިތުން ބަލަހައްޓަވަމުން ގެންދަވަނީ ކަތީބުންނާއި މުދިމުންނެވެ. އަދުލް އިންސާފު ޤާއިމުކުރަނީ ނާއިބު ބޭކަލުންނެވެ.

ބޯދާ ޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތަކަކީ ވިޔަފާރީގެ މަރުކަޒުތަކެކެވެ. އުފެއްދުންތައް އެހެން އަތޮޅުތަކަށް ވިއްކުމާއި، ސީދާ ރާއްޖޭން ބޭރަށް ވިއްކައި ވިޔާފާރީކޮށް މުދާ އެތެރެކުރަމުން ދިޔައީ އަތޮޅުތަކަށެވެ. ދައުލަތަށް ޓެކްސް ދައްކަމުން ކުރަމުން ދިޔަ މި ވިޔަފާރީގައި އަތޮޅުތަކުގައި ބޮޑެތި ވިޔަފާރިވެރީން އުފެދިފައިވެއެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަށް ބަދަލުވީ 1 ޖަނަވަރީ 1953 ގައެވެ. ޖުމްހޫރީވެރިކަމަކީ ރައްޔިތުންގެ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ނުވަތަ ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނަށްލިބެންޖެހޭ ޙައްޤުތަކާއިފުރުޞަތުތަކެއް ހުރެއެވެ. އަދި މި ޙައްޤުތަކާއި ފުރުސަތުތައް އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެންޖެހެއެވެ. އެކަމަކު ރާއްޖޭގައި ޖުމްހޫރީ ވެރިކަން އެންމެ ފުރަތަމަ ތައާރަފުވީ މި ދެންނެވި މަގުސަދުތައް ހާސިލުކުރުމަށްވުރެ ބޮޑަށް ވެރިކަމުގެ ބާރުތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅާ އެއްގޮތަށެވެ. އޭގެ ނަތީޖާއަކަށްވީ ފުރަތަމަ ޖުމްހޫރިއްޔާ އެކުލަވާލެއްވިތާ 7 މަސް ފަހުން ޖުމްހޫރީ ވެރިކަން ނިމުމަކަށް އައުމެވެ. ދެން އުފެދުނީ އިންތިޚާބީ ރަސްކަމެކެވެ.

ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ވެރިކަމުގެ ނިޒާމު އެއްކޮށް އުވިގެން ދިޔައީ 11 ނޮވެންބަރު 1968 ގައި ދެވަނަ ޖުމްހޫރިއްޔާ އުފެދުމުންނެވެ. ކުރިން އޮތް ވަރުގަދަ ލާމަރުކަޒީ ނިޒާމު ވެސް މި ބަދަލާއެކު އުވި މަރުކަޒީ ކަމުގެ ނިޒާމެއް ޤާއިމުވެގެން ދިޔައެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ދިވެހި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މިއަދު ދިވެހި ޖުމްހޫރިއްޔާއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަމެއްކުރާ، ދިމިޤުރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *