Support Us

ފިލިޕީންސްގެ މުސްލިމް ރަށެއްގައި ދިން ބޮމުގެ ހަމަލާތަކެއްގައި 14 މީހުން މަރުވެއްޖެ

ފިލިޕީންސްގެ މުސްލިމުން ދިރިއުޅޭ ރަށެއްގައި ދިން ބޮމުގެ ހަމަލާތަކެއްގައި 14 މީހުން މަރުވެ، 75 މީހުން ޒަހަމްވެއްޖެއެވެ.

ފިލިޕީންސް ރެޑް ކްރޮސްގެ ޗީފް ރިޗަރޑް ގޯޑަން ވިދާޅުވި ގޮތުގައި އެ ހަމަލާތައް ދީފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެ ގައުމުގެ ދެކުނު ސޫލޫ ޕްރޮވިންސްގެ ރަށެއް ކަމަށްވާ ޖޯލޯގައެވެ. ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ އުޅަނދެއް ކައިރީގައި ގޮވާ ތަކެއްޗާއެކު ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވައިލައިގެން ކަމަށާއި، އެ ހަމަލާގައި ފުލުހުންގެ އިތުރުން އާންމުންގެ ބަޔަކުވެސް މަރުވެފައިވާ ކަމަށް ގޯޑަން ވިދާޅުވިއެވެ.

ފިލިޕީންސްގެ ރޭޑިއޯ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް ރޮނާލްޑޯ މަޓިއޯ ވިދާޅުވީ، މިއަދުގެ ދެވަނަ ހަމަލާ ދީފައި ވަނީ ފުރަތަމަ ހަމަލާ ދިން ސަރަހައްދު ބަންދުކުރުމަށް ފުލުހުން ހަރަކާތްތެރިވަނިކޮށް، އެ ސަރަހައްދަށް ދިޔަ އަންހެނެއް ޖާނުންފިދާވެގެން ކަމަށެވެ. މި ދެ ހަމަލާގައި ފުލުހުންގެ އަށް މީހުންނާއި އާންމުންގެ ހަ މީހުންގެ އިތުރުން ބޮމުގެ ހަމަލާދިން އަންހެން މީހާވެސް ވަނީ މަރުވެފައެވެ. އަދި ޒަހަމްވި މީހުންގެ ތެރޭގައި އަސްކަރިއްޔާގެ 27 މީހުންނާއި އާންމުންގެ 48 މީހުން ހިމެނޭ ކަމަށް މަޓީއޯ ވިދާޅުވިއެވެ.

މިއަދު ދިން ހަމަލާއަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ފިލިޕީންސްގައި ޖާނުންފިދާވެގެން ދީފައިވާ ހަ ވަނަ ހަމަލާކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *