ނިއުޒިލެންޑްގެ ކްރިސްޓްޗަރޗުގެ ދެ މިސްކިތަކަށް ހަމަލާދީ، 51 މީހުން މަރާލި ބްރެންޓަން ޓެރެންޓް ބޭނުންވީ ވީހާވެސް ގިނަ މުސްލިމުން މަރަން ކަމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ބުނެފިއެވެ.
އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޓެރެންޓް، 29، ގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ އާއި، 51 މީހުން މަރާލުމާއި، 40 މީހުން މަރާލަން މަސައްކަތް ކުރިކަމުގެ ދައުވާއަށް އޭނާ ވަނީ މީގެ ކުރިން ޝަރީއަތުގައި އިއުތިރާފްވެފައެވެ.
ޓެރެންޓްގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ބާނަބީ ހަވެސް ވިދާޅުވީ، މިސްކިތްތަކަށް ހަމަލާދޭން އެތައް އަހަރެއް ވަންދެން ޓެރެންޓް ރާވަމުންގެންދިޔަ ކަމަށާއި، އަލް ނޫރު މިސްކިތަށް ހަމަލާދިނުމުގެ އެތައް މަހެއް ކުރިން އެ ސަރަހައްދު ރަނގަޅަށް ދެނެގަތުމަށް ޑްރޯނެއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ހަމަލާތައް ދޭން ރޭވީ، މިސްކިތުގައި މީހުން އެންމެ ގިނަ ވަގުތު ބަލާފައި ކަމަށާއި، އޭނާގެ ބޭނުމަކީ ނިއުޒިލެންޑްގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފުލުހުންގެ ތަހުގީގުގައި ޓެރެންޓް ބުނެފައިވާ ކަމަށް ވެސް ބާނަބީ ވިދާޅުވިއެވެ.
ހަމަލާތަކުގައި އިތުރަށް މީހުން ނުމެރުނީތީ ދެރަވާ ކަމަށް ފުލުހުންގެ ތަހުގީގުތަކުގައި ޓެރެންޓު ބުނެފައިވާ ކަމަށް ވެސް ބާނަބީ ވިދާޅުވިއެވެ. އަދި އޭނާ ކުރިން ރާވާފައި ވަނީ މިސްކިތުގައި ތިބި މީހުންނަށް ހަމާލާދިނުމަށްފަހު މިސްކިތްތަކުގައި ހުޅުޖަހަން ކަމަށާއި، އެހެން އެކަން ކުރެވުންނަމައޭ ހިތަށް އަރާ ކަމަށް ވެސް ޓެރެންޓު ވަނީ ތަހުގީގުގައި ބުނެފައެވެ. މި މައްސަލައިގައި ޓެރެންޓްގެ މައްޗަށް ޕެރޯލަކާއި ނުލާ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިއަދުގެ ޝަރީއަތުގައި ބައިވެރިވި މީހުން ކްރިސްޓްޗަރޗްގެ ތަފާތު ހަތް ކޯޓްރޫމެއްގައި ބައިތިއްބައި، އެމީހުންނަށް ޝަރީއަތުގެ އަޑުއެހުން ދައްކާފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ.



advertisment