ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީ ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުުޅުމާލޭ ފޭސް އެކެއްގައި ޑައިވް ސެންޓަރެއް ތަރައްގީ ކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން މި މަހުގެ 29 ވާ އަންގާރަ ދުވަހުގެ 2:00 އަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޑައިވް ސެންޓަރ ދޫކުރުމަށް ހަމަޖެހިފައިވާ ލޭންޑްލީސް މޮޑަލްއަށް ކަަމަށާއި ނަމަވެސް އެޗްޑީސީއަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑަލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
"އީއައިއޯތަކުގައި ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓްތަކާއި ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތައް ހިމަނަންވާނެ،" އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ޝައުގުވެރިކަން ފާޅުކޮށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ، އެ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އެޗްޑީސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަރައްގީ ކުރަންޖެހޭ މި ޑައިވް ސެންޓަރ ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ހުށަހަޅާ ބިޒްނަސް މޮޑެލްއާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު އަށް ކަަމަށް ވެސް އެޗްޑީސީން ބުނެ އެވެ.



advertisment

