ހުޅުމާލޭގައި ދުވާރުތައް މަތީ އާއްމުންނަށް ދަތިވާ ގޮތަށް ބަހައްޓައިފައި ހުރި ގޮނޑިތަކާއި މޭޒުތައް ފުލުހުންނާއެކު އެޗްޑީސީން ނުކުމެ ނަގަން ފަށައިފި އެވެ.
ހުޅުމާލޭގެ މަގުމަތީގެ ދުވާރުތަކާއި ހެޖްތަކުގައި ބަހައްޓައިފައިވާ ގޮނޑިތައް ނެގުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ފެށީ އެ ތަކެތި ނެގުމަށް މުއްދަތެއް ދިނުމަށްފަހު، އެ އެންގުމާ އެއްގޮތަށް ބައެއް ފަރާތްތަކުން އަމަލް ނުކުރުމުންނެވެ.
އެޗްޑީސީން ބުނީ އާއްމު ފަރާތްތަކަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމުގެ މަސައްކަތް ފަށައިފައިވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ.
"މި މަސައްކަތަކީ ހުޅުމާލެއަކީ އާއްމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް،" އެޗްޑީސީންް ބުނެ އެވެ.

ހުުޅުމާލޭގެ ކެފޭތަކާއި ޓޭކްއަވޭ ތަކުން ދުވާރުމައްޗާއި ހެޖްތަކުގައި މޭޒާއި ގޮނޑި ބަހައްޓައިގެން ހިދުމަތް ދެމުން ގެންދާތީ އާއްމުންގެ ޝަކުވާތައް އެޗްޑީސީއަށް ލިބިފައިވާ ކަަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ވިޔަފާރިކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލް ކުރުމަށާއި އެ އުސޫލާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ކަމާ ގުޅުން ހުރި ވުޒާރާތައް މެދުވެރިކޮށް އުސޫލްގެ މަތިން އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.



advertisment

