ޑްރެގަން ފުރުޓަކީ ބަލައިލަން ރީތި އަދި ކައިލާން ވެސް އެހައި މީރު މޭވާއެކެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގައި ހައްދާ މޭވާގެ ތެރެއިން އެހާ އާއްމުކޮށް ހައްދާ އުޅޭ މޭވާއެއް ނޫނެވެ. ސްކޫލް ދައުރުގައި ވެސް ވަރުގަދަ ހިތްވަރެއް ދައްކައި ދުނިޔޭގެ އެއްވަނަ ހޯދައިފައިވާ، ށ. ފޯކައިދޫއަށް އުފަން އައިޝަތު ލީނާޒު، 28، އަނެއްކާ ވެސް މިވަނީ އޭނާގެ އަޒުމް ވަރުގަދަ މަސައްކަތެއް ސާބިތުކޮށްދީފަ އެވެ; ޑްރެގަން ފުރުޓް ހައްދައިގެންނެވެ.
ލީނާޒު ބުނި ގޮތުގައި ޕިތާޔާ ނުވަތަ ޑްރެގަން ފުރުޓް ރާއްޖޭގައި ހެއްދުމުގެ ޝައުގުވެރިކަން އޭނާ އަށް އައިސްފައިވަނީ އޭލެވެލްގެ ޓޮޕް ޓެންގައި ހިމެނި، މަތީ ސާނަވީއަށް ކިޔަވަން ލިބުނު ފުރުސަތުގައި އޮސްޓްރޭލިއާގައި އުޅުނު ދުވަސްވަރު އެވެ.
ކުޑައިރުއްސުރެ ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ ލީނާޒް "އަދިވެސް" އަށްް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނި ގޮތުތައި އޭނާއަށް މި މޭވާ އޮސްޓްރޭލިއާގެ މާކެޓަކުން ފެނުނު ދުވަހުން ފެށިގެން، އެ މޭވާއާ ބެހޭ މައުލޫމާތު ޔޫޓިއުބް މެދުވެރިކޮށްގެން ހޯދައިގެން، އެ މޭވާ ރާއްޖޭގައި ހެއްދުމުގެ ޝައުގުވެރިކަން ވަނީ އުފެދިފަ އެެވެ.

ރާއްޖޭގައި 2015 ވަނަ އަަހަރު ބޭއްވި އޭލެވެލް އިމްތިހާނުގައި ހައިއެޗީވާސްގައި އެއްވަނަ އަދި އެކައުންޓްސް އިން ދުނިޔޭގެ އެއްވަނައިގައި ހިމެނިގެން ލީނާޒު ރައީސުލްޖުމްހޫރިއްޔާ ދެެއްވާ ސްކޮލާޝިޕް ހޯދި އެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްގައި ބެޗެލާސް އޮފް ހެލްތް އެންޑް ސައިންސް އިން ޑިގްރީ ހާސިލްކުރުމަށްފަހު ލީނާޒު، 2019 ވަނަ އަހަރުގެ ފަހުކޮޅު ރާއްްޖެ އައިސް މި މޭވާ ހެއްދުމުގެ މަސައްކަަތް ފެށިއެވެ.
"އެންމެ ފުރަތަމަ ރާއްޖެ އައިސް ފޭސްބުކް އިން ފެނުނު ފޮޓޯގަނޑެއްގައި ޑްރެގަން ފުރުޓް ގަހެއްގައި މޭވާ އަޅައިފައި ހުއްޓާ ފެނިގެން، އެ ފޮޓޯ ނަގައިފައިވާ އެ ކުއްޖާއަށް ގުޅައިގެން އޭނާގެ އަތުން ދެ ކުރި ގެނެސް ޖެހީ ގޭގައި. އޭގެ ފަހުން ވެސް ދެ ކުރި ގެނައިން. ދެން ބޭރުން ވެސް ގެނެސްގެން ގަސް އިންދިން. އޭރު މީހުން ބުނި ތީގައި މޭވާ ނާޅާނޭ."

މީީހުންގެ އެ ކޮމެންތަކަށް އިޖާބަ ނުދީ ލީނާޒު ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ 14 މަސް ތެރޭގައި އެ ގަސްތަކުގައި މާއެޅުމެވެ.
ލީނާޒު ބުނި ގޮތުގައި މި ގަސްތަކުގައި މާއަޅަން ފަށާތާ 15 ދުވަހުގެ ތެރޭގައި މާ ފޮޅޭނެ އެވެ. މާ ފޮޅޭތާ 30 ދުވަހުގެ ތެރޭގައި މޭވާ ބިނދެވޭނެއެވެ. މޭވާ ކަނޑާތާ ދެ މަސް ފަަހުން އަނެއްކާ ވެސް ގަސްތަކުގައި މާ އަޅަ އެވެ. އެގޮތަށް އަަހަރަކު ފަސް ބުރަށް މޭވާ އަޅަ އެވެ.
ދަަނޑުވެރިކަމަށް ޝައުގު ހުންނަ ލީނާޒް ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ވެސް ގޭގައި މޭވާ އާއި ތަރުކާރީގެ ތަފާތު ބާވަތްތައް ހެއްދުމުގައި އުޅެ އެވެ. އޭގެތެރޭގައި ބައްޓާއި މިރުހާއި ޕެޝަން ފުރުޓް ފަދަ އެއްްޗެހި ހިމެނެ އެވެ.

ލީނާޒް ބުނި ގޮތުގައި އޭނާ 2021 ގައި ޑްރެގަންފުރުޓް ހައްދަން ފެށި ފަހުން އިއްޔެ އަކީ އެންމެ ގިނަ މޭވާ އެއްފަަހަރާ ކަނޑަން ލިބުނު ދުވަހެވެ. އެގޮތުން އެ ގަސްތަކުން އިއްޔެ އެކަނި އޭނާ ވަނީ 40 މޭވާ ކަނޑައިފަ އެވެ.
"މިއީ މިހާތަނަށް ރިކޯޑް އަދަދަކަށް މޭވާ ލިބުނު ފުރަތަމަ ފަހަރު،" ލީނާޒު ބުންޏެވެ.
މި މޭވާއަކީ މޫސުމީ އެއްޗަކަށްވާއިރު މާޗުން ފެށިގެން ނޮވެންބަރާ ހަމައަށް އޭގައި މާއަޅަ އެވެ. އެގޮތަށް އަހަރަކު ފަސް ބުރަަށް މޭވާ އެ ގަސްތަކުން ލިބޭ ކަމަށް ލީނާޒު ކިޔައިދިނެވެ.
ކުޑަކުޑަ ދެކުރި ހޯދައިގެން ފެށި މަސައްކަތް މިހާރު ފުޅާވެ ސަތޭކައެއްހާ ގަސް ލީނާޒް ވަނީ ހައްދަައިފަ އެވެ. އެ މަސައްކަތް ކުރާތާ ހަތަރު އަހަރު ވެފައިވާއިރު އޭނާގެ އުއްމީދަކީ މި މޭވާގެ ވީހާ ވެސް ގިނަ ވައްތަރުތައް ގެނެސް ހައްދައި، މާކެޓް ފުޅާކުރުމެވެ.

ޑްރެގަން ފުރުޓް ލީނާޒު އެންމެ ފުރަތަމަ ހައްދަން ފެށީ އޭނާ ދިރިއުޅޭ ގޭގައެވެ. އަދި މިހާރު އޭނާގެ ކާފަމެންގޭގެ ގޯތިތެރޭގައި ވެސް ވަނީ ހައްދައިފަ އެވެ.
"މާއަޅަން ފެށިފަހުން 2023 ވަނަ އަހަރު 100 އެއްހާ މޭވާ ލިބިފައިވާއިރު މިއަހަރުގެ މިހާތަނަށް އެކަނި 100 އަށްވުރެ ގިނަ މޭވާ ވަނީ ލިބިފައި،" ލީނާޒް ކިޔައިދިނެވެ.
ލީނާޒު ބުނި ގޮތުގައި އޭނާ ކިޔަވައިގެން އައިސް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ފޯކައިދޫ ސްކޫލްގެ ސެކެންޑްރީ ޓީޗަރެއްގެ ގޮތުގަ އެވެ. އަދި ހެލްތްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރި ނަމަވެސް އެޑިއުކޭޝަންގެ ދާއިރާގައި ކުރިއަށްދަނީ މިވަގުތު އެރަށުގައި ހެލްތްގެ ދާއިރާގައި މާބޮޑު ފުރުސަތެއް ނެތުމުންނެވެ.
"ރަށުގައި އުޅޭ ހިތް ވަނީ، އެހެންވެ ރަށު ޓީޗަރެއްގެ ވަޒީފާ ހިޔާރު ކުރީ،" ލީނާޒު ބުންޏެވެ.
ރަށު ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރަމުން ގެންދަނީ މެތަމެޓިކްސް ޓީޗިިން އިން ވިލާ ކޮލެޖުން އެޑްވާންސް ޑިޕްލޮމާ ހެދުމަށްފަހު އެވެ. އަދި މިހާރު ވެސް އޭނާ ގެންދަނީ ކިޔަވަމުންނެވެ.
ލީނާޒް ބުނާ ގޮތުގައި ސްކޫލްގެ މަސައްކަތުގެ އިތުރުން ލިބޭ ހުސް ވަގުތުތަކުގައި ދަނޑުވެރިކަން ކުރާއިރު މި މޭވާ ހެއްދުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދަނީ އޭނާގެ ބައްޕަ އެވެ. އަދި ބައްޕަގެ އިތުރުން ފިރިމީހާގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބޭ ކަން ލީނާޒު ފާހަގަކުރި އެވެ.
ރަށުގައި މި މޭވާއަށް ވަރަށް ޑިމާންޑް ބޮޑުވެފައިވާއިރު މޭވާ ކިލޯއެއް ވިއްކަނީ 180ރ. އާއި 200ރ. އަށް ކަމަށް އޭނާ ކިޔައިދިނެވެ.
ލީނާޒު ބުނާ ގޮތުގައި މިހާރު އޭނާއަށް އެރަށުން ގޯއްޗެއް ވެސް ލިބިފައިވާތީ އުއްމީދަކީ އެ ގަސްތައް ގޯތީގައި ވެސް އިތުރުކުރުމެވެ. އެގޮތުން ޑްރެގަން ފުރުޓްގެ ތަފާތު ވައްތަރުތައް ހޯދައިގެން ހެދުމަށްޓައި އޭނާ މިހާރު ވަނީ ފިލިޕީންސްއަށް ގަސް ގެނައުމަށް އޯޑަރު ޖަހައިފަ އެވެ.



advertisment