Support Us

އެސްޓީއޯއިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅަނީ

އެސްޓީއޯއިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.

އެސްޓީއޯގެ އިޢުލާނެއްގައި ބުނެފައިވަނީ އެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ އެ ކުންފުނީގެ 15،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.

"މި އިމާރާތުގެ ބޭނުމަކީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ ހޯދައި، ކުންފުނީގެ ވިޔަފާރި ފުޅާކުރުން،" އެސްޓީއޯއިން ބުނެ އެވެ.

ޝައުގުވެރިކަން ހާމަކުރުމަށް އެސްޓީއޯއިން އާއްމުކޮށްފައިވާ ކަރުދާހުގައިވާ ގޮތުން އެ މަޝްރޫއު ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށެވެ.

އެސްޓީއޯގެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަަރާތަކީ ޕްރައިމަރީ ކޮންޓްރެކްޓަރެއްގެ ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި މަސައްކަތްކޮށް، 18 މިލިއަން ރުފިޔާގެ އަގުހުރި ނުވަތަ އެއަށްވުރެ އަގު ބޮޑު މަޝްރޫއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި އިމާރާތް އެޅުމަށް ހަމަޖައްސާފައިވަނީ ކާރާއި ސައިކަލް ޕާކިން ޖާގަތަކާއި ޖިމް އާއި ކެޕެޓީރިއާ އަދި އޯޕަން ކޮންސެޕްޓް އޮފީސް ސަރަހައްދާއި އޮޑިޓޯރިއަމްއާއި ކްލާސްރޫމާއި ލެކްޗާ ހޯލްގެ އިތުރުން ޕަލްޓި ޕާޕަސް ހޯލްތައް ހިމެނޭ ގޮތަށެވެ.

މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ހުށަހަޅަންޖެހެ އެވެ.