Support Us

ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި އެހެން ބޭފުޅަކު އިންނަވާތަން ބަލަން ނުކެރިގެން، ލަގޮނޑިއަށް ތަދުވާތީ: އަދުރޭ

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ލީޑޝިޕާ ދުރަށްވަޑައިގެންނެވީ އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި އިންނަވާތަން ބައްލަވަން ލަގޮނޑިއަށް ކެތްނުވާތީ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްގެ ލީޑަޝިޕުން ދުރަށް ވަޑައިގެންނެވީ މި ސަރުކާރުން ހަދާ ގޯސްތައް ހަޖަމް ނުކުރެވިގެނޭ ވިދާޅުވި ނަމަވެސް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ހަ ދުވަސްތެރޭގައި ހެދި ގޯހެއް ފެންނަން ނެތް" ކަމަށެވެ.

"އެއެއް ނޫން ދުރަށް ދިޔަ ސަބަބަކީ. ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތްނުވީ އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެ ލޮލަށް ކުޅަދާނަނުވީ. އެމަނިކުފާނު (ޑރ. މުއިއްޒު) ރައީސްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ،" ކުރިން ރައީސް ޔާމީނަށް ތައުރީފު ކުރައްވައި އަބަދު ވާހަކަފުޅު ދެއްކެވި އަބްދުއްރަހީމް ރޭ ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މިދިޔަ އަހަރު ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބަށްފަހު ރައީސް ޔާމީން ގެއަށް ގެންނަކަން އެނގިވަޑައިގެން އޭރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު އެ ސަރަހައްދަށް އޭނާއާ އެކު ވަޑައިގެންނެވުމުން ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތް ވީޑިއޯތަކުން ފެންނާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުވުމުން އެކަމަށް ރައްޔިތުންނަށް ޝުކުރު އަދާކުރަން ބާއްވަން އުޅުނު ޖަލްސާ ބޭއްވުމަށް ވެސް ރައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގެންނެވުމަށްފަހު ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ޝުކުރު އަދާކުރައްވަން ބޭއްވެވި ޖަލްސާގައި ގައުމާ މުހާތަބްކުރައްވާ ތިމަންމަނިކުފާގެ މައްޗަށް "އެހެން އެއްވެސް މީހެއްގެ ބާރެއް ނުހިނގާނެ" ކަމަށް ރައީސް މުއިއްޒު ވިދާޅުވި ހިސާބަކީ ރައީސް ޔާމީން، ރައީސް މުއިއްޒު ދޫކޮށްލައްވައި ގެއަށް ވަޑައިގެންނެވި މައިގަނޑު ސަބަބު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވިތާ ދެވަނައަށްވީ ދުވަހު، އަބޫދާބީގައި މިހާރު ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ރައީސް ޔާމީން މެސެޖް ކުރައްވައި، "މުންދު ތިހުރީ ތިމަންނައާ އެކީގަހޭ ނޫނީ މުއިއްޒުއާ އެކީގައިހޭ؟" އެއްސެވި މެސެޖް މުންދު އަތްޕުޅުގައި މިހާރު ވެސް އޮންނާނެ ކަމަށެވެ.

"ކޮން ގޯހެއްތޯ މި ހެދުނީ؟ ހެދުނު ގޯހަކީ ތިމަންނަގެ މައްޗަށް ހަމައެކަނި ހިނގާނީ ރައްޔިތުންގެ ބާރޭ ވިދާޅުވި ވިދާޅުވުން. އެ ނޫން އެއްވެސް ގޯހެއް ހަދައިގެނެއް ނޫން މިއުޅެނީ،" ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު އިންތިހާބުވި ހިސާބުން، ސަރުކާރު އެކުލަވާލާނެ ކޮމިޓީއެއް ހަދަންވީ ގޮތް މެސެޖްގެ ޒަރިއްޔާއިން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކިޔައިދެއްވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ޖަމީލަށް ރައީސް މުއިއްޒު ޖަވާބު ދެއްވީ އެންމެ ފަހަރަކު ކަމަށާއި ރާއްޖޭގެ ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކުރީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި ހިސާބުން މެސެޖްކުރުން ހުއްޓުނީ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"ރައީސް ޔާމީން އަޅުގަނޑުމެން ދޫކުރައްވައި ވަޑައިގެންނެވީ ގޯސްތަކެއް ހަދާތީއެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެންމެ ގާތްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމުގައިވާ ޑރ. ޖަމީލާއި މަލީހަށް ނިސްބަތްކުރައްވައި އަދުރޭ ދެއްކެވި ވާހަކަފުޅުގައި، އިލްމަކީ ކޯއްޗެއް ބާވައޭ ހިތްޕުޅަށް އަރާ ކަމަށް ވިދާޅުވެ، "އެ ދެ ބޭފުޅުންނަށް ލިބުނު ކަހަލަ އިލްމެއް ބޭނުމެއް ނޫން" ކަމަށް ވިދާޅުވި އެވެ.

"އިލްމުގެ ބޭނުމަކީ ކޮބައިބާވައޭ (ހިތަށްއަރާ) އަޅުގަނޑަށް ރަނގަޅީ ޑރ. ޖަމީލާއި މަލީހަށް ލިބުނު ކަހަލަ އިލްމު އަޅުގަނޑަށް ނުލިބުނިއްޔާ. އެއަކުން ގައުމަކަށް ފައިދާއެއް ވަނީއެއް ނޫން، ރައްޔިތުންނަށް ފައިދާވަނީއެއް ނޫން، އެ މީހުންނަކަށް ވެސް ފައިދާ ވަނީއެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ބަޔަކު ކިތަންމެ ރުޅިއަޔަސް، ހިނިއަޔަސް މިއަދު މަޖިލީސްގެ ރައީސްއަކީ އަޅުގަނޑު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ އޭނާ ވަރަށް ގަދަރުކުރައްވައި، އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އޭނާގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރެއްވީ ރައީސް ޔާމީނާ އެކީގައި ކަމަށެވެ. ނަމަވެސް "މިއަދު ވެސް މީހުން އެމަނިކުފާނަށް ނޭނގޭތީ އެކަމާ ބުނާނެ އެއްޗެއް ނޭނގޭ" ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންނަށް ޅެން ބަހުރުވައިން ދެއްވި މެސެޖެއްގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"ހީވަނީ މިލްކެއް ކަމަށްހޭ ދިވެހި ވެރިކަމަކީ މަގޭ

ބީވުމުން ތިޔަ ރޫޅެނީ ބަަލަ ވެއްޓެނީ ނަފްސުގެ އަގޭ

ނެއްޓި ހަމައިން ބުއްދި ލުހިގެންދާތަނޭ އަދު ފެންނަނީ

ވެއްޓިގެން އަބުރާ އިއްޒަތް ދާވަރުގެ ހަދަނީ ދޮގޭ"

ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ ލޯންޗްކޮޅުގައި ބޮންގޮއްވާލި ހާދިސާގެ އަޑީގައި ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވާ ބޭފުޅުންނާއި މި ގައުމަށް ބާރު ސްޕީޑުގައި ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ގެންނެވީ ރައީސް ޔާމީން ކަމަށް ވިދާޅުވާ ބޭފުޅުން ވެސް މިއަދު ތިއްބެވީ އެމަނިކުފާނުގެ އެންމެ އަރިހުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒަށް ވެރިކަން ކުރައްވަން ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރައްވަން ރައީސް ޑރ. މުއިއްޒުއަށް އެނގިވަޑައިނުގންނަވާނަމަ ރައްޔިތުންގެ މަޖިލީހުގެ 75 ގޮނޑި ސަރުކާރަށް ރައްޔިތުން ނުދޭނެ ކަމަށެވެ.

"ވެރިކަން ހޯދީ ހުސްގޮނޑިއެއް ހިފައިގެންނޭ ބުނީމަ، އަޅުގަނޑުމެން ނިކުތީ ހުސްގޮނޑިއާ ނުލައި. ނިކުމެ ރައްޔިތުންގެ މަޖިލީހުގެ 75 ގޮނޑި ރައީސް ޑރ. މުއިއްޒަށް ރައްޔިތުން ދިނީ. ހުސްގޮނޑި ހިފައިގެން ދުވުނު މީހުންނަށް 93 ގޮނޑިން އެންމެ ގޮނޑިއެއް ވެސް ނުދިން. އެބުނީ ގެއަށް ވަންނާށޭ، ސިޔާސީ ކަންކަމުން ދުރަށްދާށޭ، ވައްކަން ކޮށްގެންނޭ ތިހުރީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވުރެ ރައީސް ޔާމީންނަށް އިހުލާސްތެރި ބަޔަކު ނުލިބޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމާއި ޕީއެންސީ މަގުމަތިވަމުންދިޔަ ވަގުތު ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް އެ ދެ ޕާޓީ ހިންގެވުމާ ހަވާލުވި ހިސާބުން ރައީސް ޔާމީން އޭނާއަށް ތައުރީފްކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާ އަބްދުއްރަހީމް ވިދާޅުވީ މިފަހަރު ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް އެކަން ނިންމި ނަމަ އޭނާހާ މޮޅު މީހެއް "މި އުޑު ބަޅުކުރެއްވި ހިސާބުގައި ވެސް ޔާމީންގެ ނަޒަރުގައި ނުހުންނާނެ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *