ކޮވިޑް-19 އަށް އިންޑިއާގައި އުފައްދާ ވެކްސިން ކުރިއަށް އޮތް 73 ދުވަސް ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އިސް އޮފިޝަލަކަށް ހަވާލާދީ، ބިޒްނަސްޓުޑޭއިން ބުނެފިއެވެ.
އޮކްސްފޯޑް ޔުނިވަރސިޓީ އާއި އަސްޓްރާ-ޒެނެކާ ކުންފުނި ގުޅިގެން އުފައްދާ "ކޮވިޝީލްޑް" ނަމަކަށް ކިޔާ މި ވެކްސިން، އިންޑިއާގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ މި ވެކްސިން އުފެއްދުމަށް ސަރުކާރުން އެކުންފުންޏަށް ހާއްސަ ހުއްދަތަކެއް ދީފައިވާއިރު، ވެކްސިންގެ ތިންވަނަ މަރުހަލާގެ މަސައްކަތް، 1600 ވޮލަންޓިއަރުންނާއެކު 17 ސެންޓަރެއްގައި އިއްޔެ ފަށައިފައިވާ ކަމަށެވެ.
އިންޑިއާގެ ބިޒްނަސް ޓުޑޭއިން ބުނިގޮތުގައި "ކޮވިޝީލްޑް" އާއި ބެހޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވީނަމަވެސް އެ ކުންފުނީގެ އޮފިޝަލެއް ވަނީ ވެކްސިން ބާޒާރަށް ނެރެން އުޅޭކަން އެ ނޫހަށް ކަށަވަރުކޮށްދީފައެވެ.
މިކަމާއި ގުޅިގެން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ގައުމުގެ ސަރުކާރުން އެ ކުންފުންޏަށް އަދި ހުއްދަ ދީފައި ވަނީ ވެކްސިން އުފައްދައި، ވެކްސިންގެ ޓްރެއިލްތައް ފެށުމަށް ކަމަށެވެ. އަދި ވެކްސިން ބާޒާރަށް ނެރޭނީ، ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެއީ ކާމިޔާބު ވެކްސިނެއްކަން ޔަގީންކުރެވުމުން، ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ހޯދުމަށްފަހު ކަމަށެވެ.



advertisment