ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މުޙައްމަދު ޒުބައިރު، ނޫރާނީއާގެ ގއ. ވިލިނގިލި އަކީ ވަރަށް ތަފާތު ބޭފުޅެކެވެ. ޒުބައިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 މޭ 1988 ގައި، މާލޭ މުނިސިޕަލްޓީގެ ޕިޔޯނު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، މުނިސިޕަލްޓީގެ އިންސްޕެކްޓަރ ކަމާއި، ސީނިއަރ އިންސްޕެކްޓަރ ކަމާއި، ސުޕަވައިޒަރ ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ސުޕަވައިޒަރ ކަމާއި، މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. ޑިސެންބަރު 4، 2018 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާއެވެ.
ޒުބައިރު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ މާލޭ މުނިސިޕަލްޓީގައެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރޭގަނޑާއި ދުވާލުގެ ގިނަ ވަގުތުތަކުގައި މާލޭގެ މަގުމަތި ބެލެހެއްޓެވުމުގެ މަސައްކަތާއި، މަގުމަތީގެ ޕާކިން ޒޯންތައް ކުރަހައި، ސައިން ބޯޑުތައް ހެދުމާއި، ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި، މަގުމަތީގެ ޕާކިންގ ޒޯންތަކުގައި ހުންނަ ވެހިކަލްތައް، ރަޖިސްޓަރީ ކޮށްފައިވާ ފަރާތް ނޫން ފަރާތްތަކުން ޕާކުކުރާ މައްސަލަ ބޮޑުވަމުންދާތީ، އޮފީސް މެދުވެރިކުރައްވައި، އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅުއްވައިގެން ހައްލު ކުރެއްވުމުގެ މަސައްކަތްވެސް ޒުބައިރު ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން، މާލެއާއި ވިލިމާލޭގައި، މަގަށް އުނދަގޫވާ ގޮތަށް ހުންނަ ގަސްތައް ކޮށުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓިފައި ހުންނަ ގަސްތައް، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ނެގުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޒުބައިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، އެކިއެކި ހަނދާނީ ލިޔުން ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން، 1996 ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަޙައްދުގައި ބޭއްވުނު ޚާއްޞަ އިހުތިފާލުގެ މަސައްކަތަށް މުޙައްމަދު ޒުބައިރު ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ޚާއްޞަ ސިޓީފުޅެއް ދެއްވައިފައި ވެއެވެ. އަދި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން 2007ވަނަ އަހަރު ހިންގެވި "ޑޮމެސްޓިކް ޓްރާންސްޕޯޓް ސެކްޓަރ ސްޓަޑީ ސަރވޭ" ގައި ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެ މިނިސްޓްރީން ދެއްވި ލިޔުންވެސް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، 2014ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކި ރޮނގުރޮނގުން ޒުބައިރު ވެދެއްވައިފައިވާ އިޚުލާޞްތެރި އެހީތެރިކަމުގެ އަގު ވަޒަންކުރައްވައި ދެއްވި ލިޔުމާއި، 2015ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވި ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، މާލޭ މުނިސިޕަލްޓީއަށާއި، މާލޭ ސިޓީ ކައުންސިލަށް މުޙައްމަދު ޒުބައިރު މެދުނުކެނޑި 30 އަހަރު ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ދެއްވި ހަނދާނީ ލިޔުން، 24 ނޮވެންބަރު 2022ގައި ވަނީ ލިބިވަޑައިގެންފައެވެ.
ޒުބައިރު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި ހާޒިރީއަށް ފަރުވާތެރި، މުވައްޒަފުންނަށް ނަމޫނާ ދައްކަވަމުން ގެންދަވާ، މަސައްކަތުގެ އަޚުލާޤު ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ.



advertisment
One Response
ވަރަށް ހިތްހެޔޮ ހިތްތިރި މަދަދުގާރެއް. އަބަދުވެސް ފެންނަނީ ހިނިތުންވުމާއެކު. ސާދާ މިޒާޖެއް.