ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގެންނެވި އަޙްމަދު ސަލީމް (ކިޔަވާ) އަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މުހިންމު ހިދުމަތްތެރިއެކެވެ. ސަލީމް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމުގެ މަގާމުން 21 އެޕްރީލް 1980 ގައެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ކަރުދާސްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭގެފަހުން، 23 ސެޕްޓެންބަރު 1980 އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެއަރ މޯލްޑިވްސްގައި އަދި މިހާރުގެ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައެވެ. އެއަރ މޯލްޑިވްސްއިން ޚިދުމަތް ފަށްޓަވައި، މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
މިި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސަލީމް އެއަރ މޯލްޑިވްސްގެ ޓްރެފިކް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ޓްރެފިކް އޮފިސަރު ކަމާއި، މޯލްޑިވްސް އެއަރ ސަރވިސަސް ލިމިޓެޑުގެ ސީނިއަރ ޓްރެފިކް އޮފިސަރު ކަމާއި، ސްޓޭޝަން މެނޭޖަރު ކަމާއި، އެއަރ މޯލްޑިވްސް ލިމިޓެޑުގެ ކަސްޓަމަރ ސަރވިސަސް އެގްޒެކެޓިވް ކަމާއި، މާކެޓިންގ އެންޑް ސޭލްސް އެގްޒެކެޓިވް ކަމާއި، ޓްރިވެންޑްރަމްގައި ހުންނަ ޑިސްޓްރިކްޓް މެނޭޖަރު ކަމާއި، މެނޭޖަރު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓް މެނޭޖަރ، ޑޮމެސްޓިކް އޮޕަރޭޝަންސްގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ޑޮމެސްޓިކް އޮޕަރޭޝަންސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮޕަޓީ އެންޑް މެއިންޓެނަންސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ލައުންޖް ސަރވިސަސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، މެއިންޓެނަންސް އެންޑް ޕްރޮޕަޓީ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ކާގޯ ސަރވިސަސް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ސަލީމް، ހީވާގިކަމާއެކުގައި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މޯލްޑިވިއަން ކާގޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. އަޙްމަދު ސަލީމަކީ ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ މިއަދާ ހަމަޔަށް، ހަވާލުވެވަޑައިގެންނެވި ހުރިހާ މަގާމުތަކެއްގެ ޒިންމާ، ފަރުވާތެރިކަމާއެކުގައި ފުރިހަމައަށް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވުމުގައި އެހީތެރިވެ ދެއްވުމުގެ އިތުރުން، މަސައްކަތުގެ ތަޖުރިބާގެ އަލީގައި ކަންކަން ކުރަންވީގޮތް މުވައްޒަފުންނަށް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.
ކްލަބު ވެލެންސިއާގައި މޮޅަށް ފުޓުބޯޅަ ކުޅުއްވި ސަލީމަކީ، މިހާރު އައިލެންޑް އޭވިއޭޝަންގައި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި އެ ކުންފުންޏަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާތާ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފެވެ. ކުންފުނީގެ އެއް ތަނބެވެ. މޯލްޑިވިއަންގެ އެއް ފިޔަގަނޑެވެ.



advertisment