ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ސަރުކާރުން ދޭ ދައުލަތުގެ އިނާމު ނުވަތަ "ޚިދުމަތުގެ ޝަރަފު" ރޭ ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރެއިން ހދ. ނޮޅިވަރަން، އަލީ ކަލޭފާނަކީ ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ ހިދުމަތްތެރިއެކެވެ. އޭނާގެ ހިދުމަތްތައް ގުނާ އަދަދު ނުކުރެވޭހައި ގިނައެވެ.
ނޮޅިވަރަން އަލީ ކަލޭފާނު ނުވަތަ މަޝްހޫރު ނަމުން ނަމަ، ނޮޅިވަރަން އަލީހާޖީ އަކީ މުޅި ބޮޑު ތިލަދުންމަތީ އެންމެން ދަންނަ ނަމެކެވެ. މަޝްހޫރު ނަމެކެވެ. ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ތިލަދުންމަތީ ދެކުނުބުރިއަށް އަންނަން ފެށި އިންގިލާބީ ތަރައްގީގެ ހުރިހައި މަސައްކަތެއްގެ ތަންފީޒީ މަރުހަލާގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަލީ ކަލޭފާނެވެ. މިގޮތުން އިލްމުގެ ނޫރުން އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތައް ދިއްލައިލުމަށް ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު 1979ވަނަ އަހަރުގެ ކުރީކޮޅު ފެއްޓެވި ބިޔަބޮޑު މަޝްރޫއުތަކުގައި އަތޮޅުގެ އެކި ރަށްރަށުގައި މަދަރުސާތައް ބިނާކުރުމާއި، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް އަތޮޅުތަކުގައި ސިއްހީ މަރުކަޒުތައް ގާއިމް ކުރެއްވުމަށް ފެއްޓެވި މަސައްކަތް ފާހަގަކުރެވެއެވެ.
ނޮޅިވަރަން ކުޑަކަތީބުގެ ވަޒީފާއިން، އެޕްރީލް 1964 ގައި ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވި އަލީ ކަލޭފާނަކީ ވަރަށް ހިންގުންތެރި ލީޑަރެކެވެ. ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ދެއްވާ އަގުހުރި މަޝްވަރާ އާއި އިރުޝާދާ އެއްގޮތަށް އަކުރުންއަކުރަށް ކަންތައްތައް ހިންގަވައި، ނިންމަވައި، ނަތީޖާ ނެރެދެއްވުމުގެ ލާމަސީލް ނަމޫނާއެކެވެ. ގައުމުގައި ތިއްބެވި މިފަދަ ހިދުމަތްތެރި ބޭފުޅުންނަށް ސަރުކާރުން ދެއްވާ "ކަމުވޮށިކަމުގެ ދަރަޖަ" އަލީ ކަލޭފާނަށް ދެއްވީ 1984 ވަނަ އަހަރު އެޕްރީލްގައެވެ.

ނޮޅިވަރަން ކުޑަކަތީބުގެ މަގާމުގައި އަލީ ކަލޭފާނު 11 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު 1975 ގައި ނޮޅިވަރަން ކަތީބުގެ މަގާމަށް ބަދަލު ކުރެއްވިއެވެ. އަދި 1981 ފެބްރުވަރީގައި ހދ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އަދި އޭގެ 10 މަސް ފަހުން، 1981 ޑިސެމްބަރުގައި، ހދ. އަތޮޅުވެރިޔާގެ މަގާމަށް އަލީ ކަލޭފާނު އައްޔަންކުރައްވައި، ރައީސް މައުމޫން ފަތްކޮޅު ދެއްވިއެވެ. ހދ. އަތޮޅުވެރިޔާގެ މަގާމު މެދުނުކެނޑި ނުވަ އަހަރަށް ވުރެ ގިނަ ދުވަހު އަދާކުރެއްވުމަށްފަހު ވަކިވެވަޑައިގަތީ 1990 ގައެވެ. އެހެންކަމުން އަލީ ކަލޭފާނު ދިވެހި ތާރީޚުން ޖާގަ ހޯއްދަވައިފައި ވަނީ އެއް އަތޮޅެއްގެ އތޮޅުވެރިކަމުގެ މަގާމު، މެދުނުކެނޑި އެންމެ ގިނަ ދުވަސް ވަންދެން އަދާކުރެއްވި އަތޮޅުވެރިޔާގެ ގޮތުގައެވެ.

ހދ. ކުޅުދުއްފުށީގައި 1987 ވަނަ އަހަރު ބޭއްވެވި ރަސްމީ ޖަލްސާއެއްގައި ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެފައިވެއެވެ. "ނޮޅިވަރަން އަލީ ކަލޭފާނަކީ ރާއްޖޭގައި ހުންނެވި އެއް ނަންބަރު އަތޮޅުވެރިޔާއެވެ."
ހދ. އަތޮޅުވެރިޔާގެ މަގާމު މެދުނުކެނޑި ނުވަ އަހަރު ދުވަހު އަދާކުރެއްވުމަށްފަހު އަލީ ކަލޭފާނު ދެން ހިދުމަތް ކުރެއްވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައި ހުންނަވައިގެންނެވެ. މިގޮތުން 1993 އިން ފެށިގެން 2008 އަށް އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި ރާއްޖެތެރޭގެ ހާއްސަ އެހީތެރިޔާގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އަލީ ކަލޭފާނު ވަނީ 1968 ގައި، ރައްޔިތުންގެ މަޖިލިސްގެ ހދ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.
އަމިއްލަ ރަށާއި އަތޮޅަށް، ރައްޔިތުންނާއި ގައުމަށް ހީވާގިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ސަރުކާރުގެ ހިދުމަތުން އަލިީ ކަލޭފާނު ވަކިވެވަޑައިގަތީ 2008 ވަނަ އަަހަރުއެވެ. އޭރު ވަނީ ދެ ވަނަ ޕެންޝަން ލިބިވަޑައިގެންފައެވެ.

މިހާރު އުމުރުން 81 އަހަރުގެ އަލިކަލޭފާނުގެ ގައުމީ ހިދުމަތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ރައީސް މައުމޫނުގެ އިސްނެންގެވުމަށް ހދ. ހަނިމާދޫގައި އެއަރޕޯޓެއް ބިނާކުރުމަށް 1980 ހިސާބުގައި އެސް.ޓީ.އޯގެ ފަރާތުން ފެއްޓެވި ބޮޑު މަސައްކަތެވެ. އެ މަސައްކަތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއާޕޯޓު ހުޅުވެންދެން އަލީކަލޭފާނު ވަނީ އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އަސާސީ ތައުލީމުގެ މަޝްރޫއު ކުރިއަށް ގެންދެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ.



advertisment