Support Us

ހއ.ދިއްދޫ އަތިރިމަތީގައި ހުރި ގާޑިޔަލަކުން މީހަކު ވިޔަފާރިކުރަނީ -އަދިވެސް ފޮޓޯ: އިބްރާހިމް ސިނާން

ރަށްފުށުގެ ވިޔަފާރިތައް އުފައްދައި ކުރިއެރުވުން

ދުނިޔޭގެ ގިނަ އިގްތިސާދުތައް ފޫނުބެއްދޭ ބޮޑެތި އަނދަވަޅުތަކަށް ވެއްޓެމުންދާ މި ދަނޑިވަޅުގައި ޚުދު ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައިކަން މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އިިިގްތިސާދީ މައި ނާރު މުޅިންހެން ހުއްޓުވުމަކަށް ގެނުވި ކޮވިޑް 19ގެ ސަބަބުން ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭކަން ވަރަށް ގިނަ މީހުން މިހާރު އިއްތިފާގުވާނެ އެވެ.

އަތޮޅު ތެރޭގައި ދިރިއުޅެމުން އަންނަ މީހެއްގެ ހައިޞިއްޔަތުން، ހިތްދަތިކަން ވަރަށް ބޮޑަށް އިތުރުވި ކަމަކާ ދިމާވި އެވެ. އާދެ، ގިނަ ރަށްރަށުގެ ޒުވާނުންނަކީ ރިސޯޓް ތަކުގައި ވަޒީފާ އަދާ ކުރަމުން އަންނަ ބަޔެކެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން ރިސޯޓުތައް ބަންދުރުކުރުުމުން ގިނަ ޒުވާނުން ތަކެެއްގެ ވަޒީފާ ގެއްލި، ނޫނީ ނޯޕޭއަށް ނޫނީ މުސާރަ ކުޑަކޮށްފައި ވަނީ ރަށަށް ފޮނުވާލައިފަ އެވެ.

ހިތަށް އެންމެ އަސަރުކުރަނީ އެވަރެޖްކޮށް މަހަކު 10000 ރުފިޔާ ވެސް ނުލިބޭ މީހުން އުޅެމުންދާނެ ހާލެވެ. އަތޮޅު ތެރޭގައި ކުލި ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ދިރިއުޅުމުގެ ޚަރަދުތައް ވަކި ކުޑައެއް ނޫނެވެ. އަދި މާލެ ފަދަ ސިޓީ ތަކުގައި އުޅޭ މީހުންގެ ހާލު ކޮބައިބާއެވެ؟

މި ކަންކަން މިހެންވުމުގެ ސަބަބުން ހިތަށް އަރަމުން އަންނަނީ ޓޫރިޒަމުން ލިބޭ ވަޒީފާއަށް ބަރޯސާވުމުގެ ބަދަލުގައި "އަމިއްލަ ވިޔަފާރި"ތައް އުފައްދައި ނުވަތަ ކުރާ ސަގާފަތެއް ރާއްޖެއަށް ވަރަށް މުހިންމުކަމެވެ. ޒަމާނުއްސުރެ ދިވެހިންނަކީ ކޮންމެވެސް ގޮތަކުން ވިޔަފާރިކޮށް އޭގެން ނަފާ ހޯދަމުން އައި ބައެކެވެ. ރަށުފެންވަރުން ފެށިގެން ގޮސް އަތޮޅާއި ގައުމީ ފެންވަރުގައެވެ. މިހެން ދަންނަވާލިޔަސް މިއީ އެހާފަސޭހަ ކަމެއްހޭ އަޅުގަނޑުމެންނަށް ސުވާލު ކޮށްލެވެއެވެ. ނަމަވެސް މިއީ ނުވާނެ ކަމެކޭ ބުނެ ދޫކޮށްލެވޭކަށް ނެތެވެ.

ވިޔަފާރިވެރިން އުފެއްދުމަށްޓަކައި އެކި ލެވެލް ތަކުގައި މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް މި ކަމުގައި އަދި މާ ބޮޑު ކުރިއެރުން ތަކެއް ލިބިފައެއް ނުވެއެވެ. ވިޔަފާރިތައް އުފެއްދުމުގެ ވާހަކަ މިތާ ދައްކާލާއިރު އަޅުގަނޑު ބޮޑަށް އަލިއަޅުވާލަން ބޭނުންވަނީ "ރަށްފުށުގެ ވިޔަފާރި" ތަކެއް އުފައްދައި ތަރައްގީ ކުރެވިދާނެ ގޮތްތަކެއްގެ މައްޗަށެވެ.

ރަށްފުށުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށްޓަކައި ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކެއް އުފެދުން ވަރަށް މުހިންމެވެ. އެންމެ ފުރަތަމަ ކަމަކީ މިކަމުން ރަށްވެހި ތަރައްގީ ގެނުވައިދޭނެ ކަމުގެ ވިސްނުން ޒުވާނުންގެ ކިބައިގައި ހުރުމެވެ.

އަދި މި ކަމަކީ ދުރު މުސްތަގްބަލުގައި މުޅި އިގްތިސާދަށް އޭގެ މަންފާކުރާނެ ކަމެއްކަމުގައި ބެލެވެއެވެ. އެފަދަ ވިޔަފާރިތަކުގެ ހިއްސާ އަކީ ކޮބާތޯއެވެ؟ އާދެ އެއީ ރަށުގައި އިތުރަށް އުފެދިގެންދާނެ ވަޒީފާތަކާއި ރަށް ނުވަތަ އަތޮޅުގައި އުފެއްދޭނެ ތަކެތި ހޯދައި ނުވަތަ ހިދުމަތްތައް ހޯދައި އެފަދަ ވިޔަފާރިތައް ފެށުމަށް އިސްކަން ދިނުމެވެ.

ރަށުފެންވަރުގައި ކުރެވިދާނެ ވިޔަފާރި އާއި މިހާރު ހުރި ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރެވިދާނެ ގޮތްތަކެއް ހޯދުން މުހިންމެވެ. އެގޮތުން ރަށްރަށުގައި ފެހި އިގްތިސާދަކަށް މަގުފަހިވާ ކަންކަން ކުރެވިދާނެއެވެ. ސަރުކާރުންވެސް އެހީތެރިކަން ދޭންވީ އެފަދަ ވިޔަފާރިތައް އުފެއްދޭތޯއެވެ. މަސްވެރިކަމާއި، އެކި ލެވެލް ތަކުގައި ކުރެވޭނެ ދަނޑުވެރިކަމާއި (މިސާލަކަށް ފެނުގައި ގަސް އިންދައި) އެއިން ނަފާ ހޯދުން، އަތޮޅުތެރެއަށް އެފަދަ ތަކެތި ފަސޭހަކަމާ އެކު މާކެޓްކޮށް ވިއްކޭނެ ގޮތްތައް ފަހިކޮށްދިނުމެވެ. އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި އުފެއްދޭނެ ވިޔަފާރިތައް ގާއިމް ކުރުމެވެ.

ޒުވާނުން ވިޔަފާރީގެ ސަގާފަތަށް އަހުލުވެރި ކުރުވުމަށްޓަކައި މަދަރުސީ ދައުރު ނިންމާ ކުދިންނަށް މިކަން ކުރެވޭނެ ގޮތް އުނގަންނައިދިނުން މުހިއްމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތު ކުރެވޭނެކަން އެކުދިންނަށް ވިސްނައިދީ އަދި އެކަންކަން ކުރެވޭނެ ގޮތްތައް އުނގަންނައިދީ ތަމްރީނު ކޮށްދިނުން މުހިއްމެވެ. މިގޮތުން ވިޔަފާރި އަކީ ކޮބައިކަމާއި، ވިޔަފާރިކުރާނެ ގޮތުގެ ޕްލޭނެއް (ތަސައްވުރެއް) އެކުލަވާލުމާއި، ވިޔަފާރި މާކެޓްކުރާނެ ގޮތް، ފައިސާ ހޯދާނެ ގޮތް، މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރާނެ ގޮތް، ވިޔަފާރީގައި އިންޓަނެޓުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަދަ ކަންކަން އުނގަންނައިދީ ތަމްރީނުތައް ދިނުން އެއީ ވިޔަފާރީގެ ސަގާފަތް އުފެއްދުމަށް މުހިއްމު ކަންކަމެވެ. މީގެ އިތުރުން "މެންޓަރޝިފް" ޕްރޮގްރާމްތައް އެކުލަވާލައި އަލަށް ތަމްރީނުވާ ކުދިންނަށް ތަޖުރިބާކާރު ވިޔަފާރިވެރިންގެ ތަޖުރިބާތައް ހިއްސާކުރެވި އެއިން ފިލާވަޅުކެއް ލިބި އަމިއްލަ އަށް ވިޔަފާރީގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބިގެން ދާނެ ފަދަ ގޮތަކަށް އެކަންކަން ރޭވުން މުހިއްމެވެ.

ރަށްފުށުގެ ވިޔަފާރީގެ ސަގާފަތް ދަމަހައްޓައިދޭނެ އެެއް ބަޔަކީ ރަށުގައި ތިއްބަވާ ކަނބަލުންނެވެ. މިހާރުވެސް ރަށުގައި ތިއްބަވައިގެން ވިޔަފާރި ކުރައްވާ އެތައް ކަނބަލުންނެއް އެބަތިއްބެވެ. ނަމަވެސް އެ ވިޔަފާރިތަކަކީ ފަރުދީ ލެވެލްގައި ކުރެވޭ ވިޔަފާރިތަކަށް ވުމުގެ ސަބަބުން  ރަސްމީކޮށް އިގްތިސާދުތެރެއަށް ނުގުނޭ ނަފާއެެއްގެ ގޮތުގައި ބެލެވެއެވެ. އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރެވިއްޖެނަމަ ރަށުގައި ވަޒީފާތައް އުފެދިގެންދާނެއެވެ. އަދި ދުރު މުސްތަގްބަލުގައި އިގްތިސާދީ އެތައް ނަފާތަކެއް ލިބިގެން ދާނެއެވެ.

އެހެންކަމުން ރަށްފުށުގެ ވިޔަފާރިތަކުން ރަށާއި އަތޮޅަށް ގެނުވައިދޭނެ ނުހަނު ގިނަގުނަ ފައިދާތަކެއް ވާއިރު ވިޔަފާރިތައް އުފެއްދުމުގެ ޕްރޮގްރާމްތައް ހަލުވިކަމާއެކު ގެންދަން ޖެހޭކަމުގައި ދެކެމެވެ. މިކަމަށްޓަކައި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލް ތަކުގެ ދައުރު ވަރަށްވެސް ބޮޑެވެ. އެގޮތުން ރަށުގައި ވިޔަފާރި ކުރަން ކުޑަ އަގެއްގައި ލިބޭގޮތަށް ބިން ހަމަޖައްސައި ދިނުމާއި ސަރުކާރާ ގުޅިގެން އިލްމީ އަދި ފަންނީ އެހީތެރިކަން ހޯދައިދޭން މަސައްކަތް ކުރެވިދާނެއެވެ.

އުއްމީދަކީ ރަށްފުށުގައި ގިނަ ވިޔަފާރިތަކެއް އުފެދި ރަށުގައި އަނބިދަރީން އަދި އާއިލާއާ އެކު އުޅެވޭނެ ގޮަތް ގިނަބަޔަކަށް ތަނަވަސްވެގެން ދިއުމެވެ.

ނިންމާލަމުން މުސްތަގުބަލުގެ ވިޔަފާރިވެންނަށް ދަންނަވާލަން އޮތީ އަމިއްލަ ނަފްސަށް އިތުބާރު ކުރައްވައި ވިޔަފާރީގެ ތެރެއަށް ވަންނަވާށެވެ. އަދި މި އިބާރާތްކޮޅު ހިތަށް ނަންގަވާށެވެ.

"އަހަރެން ހުވަފެނެއް ދުށީމެވެ. އެ ހުވަފެން އަހަރެން ހަގީގަތަކަށް ހަދާނަމެވެ. އެކަން ހާސިލު ކުރުމަށްޓަކައި އަހަރެން ފިސާރި ކެރޭ މީހަކަށް ވާނަމެވެ. ޔަގީން ކުރަންވީ މިއީ އަހަރެން ކުރަން ބޭނުންވާ ކަމެކެވެ. ކުޑަކޮށްވެސް އަމިއްލަ ނަފްސާ މެދު ޝައްކު ކުރެވިއްޖެ ނަމަ އަވަހަށް އެކަމުން ދުރަށް ދާށެވެ. އަހަރެން އަމިއްލަ ނަފްސާއި މީހުންނަށް އިތުބާރު ކުރަމެވެ. ޔަގީނޭ އެ ހުވަފެން ހަގީގަތަކަށް ހަދާނަމެވެ."