Support Us

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ޢެޗްޑީސީން ހުޅުވައިލައިފި

ހުޅުމާލޭ ބައެއް ސަރަހައްދުތަކުގައި ފުޑް ޓްރަކް ހިންގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިން ހުޅުވައިލައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށައި އެ ތަންތަން ހިންގާނީ ފިކްސްޑް ފީ މޮޑެލަކަށް ކަމަށެވެ. ނަމަވެސް އީއައިއޯ ހުށަހަޅާއިރު އެނޫން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ބުނެފައިވެ އެވެ.

ފުޑް ޓްރަކްތަައް ހިންގުމަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ އެޗްޑީސީގެ މާސްޓާ ޕްލޭނާ އެއްގޮތަށް އެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އިޢުލާންގައިވެ އެވެ.

މި ފުޑް ޓްރަކްތައް ހިންގުމަށް އަފްފްރަންޓްގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދައްކަން ޖެހޭއިރު ތިން މަހުގެ ޑިޕޮސިޓްގެ ގޮތުގައި 60،000ރ. އަދި މަހު ފީއެއްގެ ގޮތުގައި 20،000ރ.  އެޗްޑީސީއަށް ދައްކަން ޖެހެ އެވެ. ނަމަވެސް އެ ފުޑް ޓްރަކްތައް ކުއްޔަށް ދެނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

މި ފުޑް ޓްރަކްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ ހެޑް އޮފީސް ސަރަހައްދާއި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދާއި ސެންޓަރަލް ޕާކް ސަރަހައްދާއި ވޯޓާ ތީމް ޕާކާއި ފެހިރެސް ޕާކާއި ފުޅުބޯޅަ ސްޓޭޑިއަމް ސަރަހައްދާއި އެސްޓީއޯ ހޮޓެލް ހުންނަ ސަރަހައްދާއި ފަހިވެނި ކޮމިއުނިޓީ ސެންޓަރު ސަރަހައްދާއި ރެހެންދި ސްކޫލް ސަރަހައްދާއި ރެޑް ބުލް ޕާކް ސަރަހައްދުގެ އިތުރުން ހުޅުމާލޭ އެކެއްގެ ރުއްގަނޑު1 އަދި 2 ސަރަހައްދުގައެވެ.

އެެޗްޑީސީން ބުނީ މި ފުޑް ޓްރަކްތައް ތަރައްގީކުރަން ޖެހޭނީ އެޗްޑީސީން ކަނޑައަޅާފައިވާ މޮޑެލާ އެއްގޮތަށް ކަމަށާއި ފުޑް ޓްރަކްތަކުގައި ވިއްކާ ކާބޯތަކެއްޗަަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް ހުންނަ އެއްޗެހި ކަމުގައިވާން ޖެހޭނެ ކަމަށެވެ.

ހެނދުނު 7 އިން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަަމައަށް ފުޑް ޓްރަކް ހިންގޭއިރު މި ފުޑް ޓްރަކްތައް ހިންގަން ޖެހޭނީ އެޗްޑީސީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަަަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ގައިޑްލައިންތަކާ ހިލާފްވާ ފަރާތްތައް 5،000ރ. އާއިި 50،000ރ. އާ ދެމެދުގެ އަަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އިޢުލާންގައިވެ އެވެ.

މި ހިދުމަތް ދިނުމަށް އެދި އީއައިއޯ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ 2:00 އަށެވެ.