ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ ކޮލިޓީ ބޭސް ސަރުކާރުން ފުރަތަމަ ފަހަރަށް އެތެރެކޮށް، މިއަދު ވިއްކަން ފަށައިފި އެވެ.
ހެލްތް މިނިސްޓްރީއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އާސަންދައިގެ އިތުރުން އެސްޓީއޯއިން މިއަދު ނެރެފައިވާ ގުޅިފައިވާ ނޫސް ބަޔާނެއްްގައި ބުނެފައިވަނީ "ފެންވަރު ރަނގަޅު ބޭސް ދިވެހިންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް" ކަމަށެވެ.
މިގޮތުން ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ގެނައުމަށް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ރާއްްޖެ ގެނައުމަށް އެސްޓީއޯއާއި ޔޫއެންޑީޕީއާ ހަވާލުކޮށް، ބޭހުގެ ފުރަތަމަ ޝިޕްމަންޓް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ބޭސްތަަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ބޭސް،" އެ ބަޔާނުގައިވެ އެވެ.
މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަދީފައިވާނީ އަދި ކުރިއަށް އޮތް ތަނުގައި ހުއްދަދޭނީ ވެސް ޑަބްލިއުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގެ ރަޖިސްޓްރީކޮށްފައިވުމާއެކު، ޔޫއެންޑީޕީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮލިޓީ މިންގަނޑުތަކަށް ފެތޭ ބޭސްތައް އެކަނި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މި ސިޔާސަތު މިއަދުން ފެށިގެން ތަންފީޒު ކުރާއިރު ފުރަތަމަ މަރުހަލާގައި އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓޭލްކޮށް ހަތް ބޭހެއް ލިބެން ހުުންނާނެ ކަަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.
މީގެ އިތުރުން އާސަންދަ ހިމެނޭހެން ގުޅުން ހުރި ހުރިހާ ނިޒާމުތަކަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާނެ ކަމަށާއި އެ ބަދަލުތަކާ ބެހޭ މައުލޫމާތު އާއްމު ސިއްހީ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.
މި ބަދަލުތަކަށް އަހުލުވެރިވާން ޖެހޭ ފަރާތްތަަކަށް އެކަށީގެންވާ ވަގުތު ދީ، އަހުލުވެރިކުރުމުގެ އިތުރު ޕްރޮގްރާމްތައް ކަމާ ގުޅުން ހުރި އިދާރާތަކުން ހިންގައި، އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބަދަލުތަކަކަށް ފުރިހަމައަށް އަމަލް ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އިދާރާތަކުން ބުނީ މި ސިޔާސަތު ތަންފީޒު ކުރެވެން ފެށުމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ދިވެހިންނަށް ލިބެން ފަށާނެ ކަމަށާއި މިހާރެކޭ އެއްްގޮތަށް މި ބޭސްތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވުމާ އެކު އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ބޮޑު ހަރަދު ވަރަށް ބޮޑު ތަނުން ސަލާމަތްކުރެވި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފުރުސަތު ތަނަވަސްވާނެ،" އިދާރާތަކުން ބުނެފައިވެ އެވެ.
"މިއީ ހައްލެއް ނެތި ބޮއްސުންލާފައިވާ ދުވަސްވީ މައްސަަލައެއް ހައްލުކުރުމަށް، ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ވަރަށް މުހިންމު ސިޔާސަތެއް ތަންފީޒު ކުރެއްވުމުގެ ފެށުން" ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.



advertisment

