މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތިޖާއިން ދެއްކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ކުރަަމުންގެންދާ ތާއީދު "ފަތުއަޑުކިޔައިފައި އިތުރުވަމުން އަންނަ ކަމުގެ ހެކި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީ.އެން.ސީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ހަ ދާއިރާއެއްގެ ބައި އިލެކްޝަންސްގެ ތެރެއިން ފަސް ދާއިރާއެއްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަބްދުއްރަހީމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒުއަށް ތާއީދު "ފަތުއަޑު ކިޔައިފައި" ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ ކަމުގެ ހެކި ވޯޓުން ދައްކައިދީފި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓު ލުމުގެ ގަޑި ޖެހުމާ ހަމައަށް ވޯޓްލާފައިވަނީ 3528 މީހުން ކަމަށެވެ. އަދި އެއީ ވޯޓު ލުމުގެ ހައްގުލިބިފައިވާ ޖުމްލަ 13،112 މީހުންގެ 26.91 އިންސައްތަ މީހުންނެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޭޓުންނެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އަދި ބިލެއްދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް ރައީސްގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
މި ބައި އިލެކްޝަންގައި ރ. ރަސްމާދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.



advertisment