ތިން ހާހަށްވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގެ ކައުންސިލްތަކަށް ތިން ކައުންސިލަރުން ފުދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ނާރެސް ޕޯޓަލް އަދި އޮޕަރޭޝަން ކުރަނގި-2 އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ބާރުވެެރިކަން ދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ކަމެއް ކަމަށެެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ކަންކަމުގައި ބާރުވެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް މި ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް ނިންމި ނިންމުން ވެސް ވަރަށް އަވަހަށް ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކަކީ ރައްޔިތުންނާ އެންމެ ގާތުން، އެންމެ ފުރިހަމައަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު އޮތް ގޮތުން ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް ކައުންސިލްތައް ބައްޓަން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކާ ބެހޭ އިންތިހާބު އަންނަންވާއިރަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަކަށް މި ނިޒާމް ބައްޓަން ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކައުންސިލްތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަަމަށާއި އެ ބަދަލުތައް ގެނައުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އާބާދީ އެންމެ ކުޑަ ރަށެއްގައި ވެސް ފަސް ކައުންސިލަރުން އެބަަ ތިބޭ ކަމަށާއި މިގޮތަކަށް އާބާދީ ކިތަންމެ ކުޑަ ރަށެއްގައި ވިޔަސް ވަރަށް ގިނަ އަދަދުތަކެއްް ކައުންސިލަރުން އިންތިހާބު ކޮށްގެން ވަރަށް ގިނަ ހަރަދުތަކެއް ކޮންމެ މަހަކު ކުރަންޖެހޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިފައި އޮތީމާ އޭގެން ނިކުންނަން ޖެހޭ ނަތީޖާ ނުނިކުންނަ ކަމަށާއި އެއަށްވުރެ އަދަދު މަދުކޮށްގެން އެއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެެ. އަދި އެކަމާ ބެހޭ ފަންނީ ދިރާސާތައް ވެސް ކުރިއަށްދާ ކަމަށް އެމަނިފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީއެއް އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމަ ފުދޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ކައުންސިލްތަކަށް އިންތިހާބު ކުރާ އެކަކީ ކައުންސިލްގެ ރައީސްއަކާއި އިތުރު ދެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެެރެއިން އެކަކީ އަންހެނުންގެ ތެރެއިން އިންތިހާބު ކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއިި އަނެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބު ކުރާ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ވޯޓުގެ ތެރެއިން ކައުންސިލްގެ ރައީސާއި ނައިބް ރައީސް ވެސް އެ ތިން ބޭފުޅުންގެ ތެރެއިން ހޮވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތަށް ކައުންސިލްތަކަށް ބަދަލު ގެނައުމުން ކައުންސިލްގެ ބަޖެޓްގެ ބޮޑު ބައެއް އެ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މިހާރަށްވުރެ ވެސް ގިންތި ރަނގަޅު ކުރެވިގެން ދިއުމުން މިހާރަށް ވުރެ ވެސް ރަނގަޅު ހިދުމަތްތަކެއް ކައުންސިލްތަކުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އަދަދަކުން ވާ ކަމެެއް ނޫން ކަމަށާއި ނަތީޖާ ނެރެދެވޭނީ ހިދުމަތް ދިނުމުގައި ތެދުވެރިވެ އިހުލާސްތެރިވެގެން ކަމަށެެވެ. އަދި އެކަން ކުރުމަށް ބައިބޯކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރުމަށް ހޮވާފައި ތިބި ބޭފުޅުން އެންމެ އިސްކޮށްގެން އެބޭފުުޅުން ލައްވާ ކަންތައްތައް ކުރެވޭނެ ގޮތަކަށް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment