Support Us

ކެލިފޯނިއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އޮސްޓްރޭލިއާގެ އެހީއަށް އެދިއްޖެ

އެމެރިކާގެ ކެލިފޯނިއާގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑު ކޮންޓްލޯކްކުރުމަށް އޮސްޓްރޭލިއާގެ އެހީއަށް އެދިއްޖެއެވެ.

ފާއިތުވި ހަތަރު ދުވަސްތެރޭ 12000 އަށް ވުރެ ގިނަ ފަހަރު ހޮނުއެޅުމުން ރޯވެ، ފެތުރެމުންދާ އަލިފާންގަނޑު ނިއްވުމަށް އެތައް ހާސް ބަޔަކު މަސައްކަތްކުރަމުން ދިޔަނަމަވެސް، އަލިފާންގަނޑު އިތުރަށް ބޮޑުވެ، ފެތުރެމުންދާ ކަމަށް ވިދާޅުވެ، ކެލިފޯނިއާގެ ގަވަރުނަރ ގެވިން ނިއުސަމް ވަނީ ޓްވިޓަރ މެދުވެރިކޮށް އޮސްޓްރޭލިއާގެ އެހީއަށް އެދިވަޑައިގެންފައެވެ.

އަލިފާން ނިއްވުމުގައި މަސައްކަތް ކުރި މިހުންނާއި ރައްކާތެރި ސަރަހައްދުތަކަށް ދާން މަސައްކަތް ކުރި މީހުންގެ ތެރެއިން 43 މީހުން ޒަހަމްވެ، މިހާދިސާގައި މިހާތަނަށް ހަ މީހުން ވަނީ މަރުވެފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ހެލިކޮޕްޓަރެއް ވެއްޓި، ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓްވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ނިއުސަމް ވިދާޅުވި ގޮތުގައި އަލިފާންގަނޑު މިހާތަނަށް ހަތް ލައްކަ އޭކަރުގެ ސަރަހައްދަކަށް ފެތުރިފައިވާއިރު، އެ ސަރަހައްދުތަކުގައި ދިރިއުޅޭ 175،000 އެއްހާ ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ. އެ ގައުމުގެ އޮރެގޮން، ޓެކްސަސް އަދި ނިއު މެކްސިކޯއިން އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ހާދިސާއާއި ގުޅިގެން އެ ސަރައްދުތަކަށް އެހީފޯރުކޮށްދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ވެސް ނިއުސަމް ވިދާޅުވިއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގައި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ކެލިފޯނިއާގައި ފެތުރެމުންދާ އަލިފާންގަނޑުގެ ޒިންމާ ނަގަން ޖެހޭނީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނާއި ގަވަރުނަރު ކަމަށެވެ.

"ބިންމަތި ސާފުކުރަންޖެހޭނެ، ޖަންގަލި ސާފުކުރަންޖެހޭނެ، އެކި އަހަރުތަކުގެ މަތިން ޖަމާވެފައިވާ ފަތާއި ހަލާކުވެފައިވާ ގަސްތަކުން ޖަންގަލިތައް ވަނީ ފުރިފަ. އެ އެތަކެއްޗަކީ އަތްލުމުންވެސް އަލިފާންހިފާ ޒާތުގެ ތަކެތި. އެމީހުން ކައިރީ މިވާހަކަ ކިޔާތާ ތިން އަހަރުވީއިރުވެސް އަޑުއަހާކަށް ބޭނުމެއް ނުވި،" ޓްރަމްޕް ވިދާޅުވިއެވެ.

މިފަދަ ގުދުރަތީ ހާދިސާތަކަކީ އިންސާނުންނަށް ހުއްޓުވޭނެ ފަދަ ކަންކަމަށް ނުވާއިރު، އެފަދަ ފަރުވާ ކުޑަ ގޮތަކަށް ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާފައި ވާތީ ޓްރަމްޕަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *