އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިއުދިއްލީ އަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ހަރަދުވީ 1.4 މިލިއަން ރުފިޔާ ކަަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅުން ބައިވެރިވި ކަމަށެވެ.
މި ދަތުރުފުުޅުގެ ދައުވަތު ލިބިފައިވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައިވަނީ ދުބާއީ އާއި ސްރީލަންކާގެ މަގުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒު ވަޑައިގެންނެވީ "ނޭބަރ ހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން އިންޑިއާގެ ބޮޑު ވަޒީރު ދެއްވި ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިދަތުރުފުޅުގެ ބޭނުމަކީ "އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެެއް ބާއްވާ ގައުމަކަށްވެފައި، ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތާ އެެއްގޮތްވާ ގޮތުގެ މަތިން އިންޑިއާގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި މީގެ ކުރިންވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސް ވެރިން ބައިވެރިވަމުން ގެންދާތީ އެ އާދަކާދަ ހިފެހެއްޓުމުގެ ބޭނުމުގައި ކުރެެއްވި ދަތުރުފުޅެއް،" ކަމަށް ރައީސް އޮފީހުން ބުނެ އެވެެ.
މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ޑރ. މުއިއްޒު ކުރެއްވި މި ދަތުރުފުޅުގައި މޯދީއާ ވަނީ ބައްދަލުުކުރައްވަައިފަ އެވެ. އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްްގެ މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހި ސަރުކާރާއިި އިންޑިއާ ދެމެދު އަބަދުވެސް އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.



advertisment