ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް އަދި މަސައްކަތްތަކަށް ދިވެހިން ފަހުރުވެރިވާނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވުމަށްފަހު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅުގައި މި މަޖިލީސް އެކުލަވާލެވިފައިވަނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މުހިންމު ސިޔާސަތުތަކަކާ އެކު އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސްދެއްވުމުގެ އިހުލާސްތެރި ވިސްނުންފުޅުގައި ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދެއްވުމުގެ ވަރުގަދަ އަޒުމުގައި ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވެޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މި މަޖިލީސް ވެގެންދާނީ ރައީސް ޑރ. މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިންގަންވާނެ މަޖިލީހަކަށް ކަމަށެވެ. އެގޮތުން މަޖިލީހުން ކުރަން ހުރި މަސައްކަތްތަކުގެ ތޭރޭގައި އިގުތިސާދުގެ އަސާސްތައް ފުޅާކުރުމާއި އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުމާއި ފައިސާާ އާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތް ހޯދުމާއި އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރުން ހިމެނެ އެވެ.
އަދި ވީދެމުންދާ ދިވެހީންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުމާއި މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުމާއި ނުގަވާއިދުން ބިދޭސީން ރާއްޖެއަށް ވަަންނަ ދޮރުތައް ބަންދު ކުރުމުގެ އިތުރުން ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުމުގެ ގޮތުން މަޖިލީހުގެ ތެރޭގައި މަޝްވަރާކޮށް ބަހުސްކޮށް ސަރުކާރާއެކު މަސައްކަތްކޮށް ގޮތް ނިންމަންޖެހޭ ކަންކަން ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އާ ގާނޫނުތައް ތައާރަފްކޮށް މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން އިސްލާހުކުރަން ހުރި ގާނޫނުތައް ބަލައި އިސްލާހުކުރުމާއި އަމަލްކުރަމުންދާ ބައެެއް ގާނޫނުތަކުގެ ތެރެެއިން ވެސް ވަގުތާއި ފައިހަމަނުވާ ބައެއް ގާނޫނުތައް އުވާލަންޖެހޭ ކަމަށް މަޖިލީސް ރައީސް ވިދާޅުވި އެވެ.
ގާނޫނުތަކުގެ އިތުރުން މިހާރު ހެދިފައިވާ ގަވާއިދުތައް ވެސް ގާތުން ބަލައި އެއީ ގާނޫނުތަކުން ބާރުލިބިގެން ހިންގާ ގަވާއިދުތަކެއްކަން ކަށަވަރުކުރަންޖެހޭ ކަަމަށާއި ގާނޫނުން ބޭރުގައި ހުރި ގަވާއިދުތައް ގާނޫނުގެ ތެރެއަށް ވަދަންޖެހޭ ނުވަތަ ދޫކޮށްލަންޖެހޭ ކަމަށް މަޖިލީސް ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޮނޑުއަޅަނީ ބޮޑު، ބިޔަ، ބުރަ މަސައްކަތެއް. މިކަންކަމާ ކުރިމަތިލާ މިކަންކަމާ މެދު މަޝްވަރާއާއި ބަހުސްކޮށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިއުމުގައި މި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމިއޮންނާނެ ކަމާ މެދު އަޅުގަނޑެއް ޝައްކެތް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި މި މަޖިލީހަށް މެމްމަރުން ވަޑައިގަތީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިހުލާސްތެރި ނިޔަތުގައިި ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދައިގެން ކަމުގައިވާއިރު މި މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި މިއީ ގައުމުގެ އެއް ބާރު އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނެ ރައްޔިތުންގެ މަޖިލިސް ކަމަށް ވިދާޅުވިއެވެ.
"މިތާނގައި ދެކެެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކާއި ތަފާތު ނަޒަރިއްޔާތިތަކަށް ފުރުސަތު ލިބެންވާނެ ކަމަށާއި އެ ކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލްކުރަން،" މަޖިލީސްގެ ރައީސް އަަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ "މަޖިލީގައި މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެެއްޓޭ ގޮތަށް އަދި މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެ ތެރޭގައި އަދި މަޖިލީހުގެ މަސައްކަތަށް ދިވެހިން ފަހުރުވެރިވާނެ ގޮތަކަށް" ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީސްގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މަޖިލީހަށް ދިވެހިންގެ ހިތުގައި އޮތް ގަދަރާއި މަގާމު އުފުލި ދާއިރާގެ ރައްޔިތުންގެ ކައިރިއަށް މެމްބަރުން ދިއުމުން ހިތާއި ރޫހުން މަޖިލީހުގެ މަސައްކަތްތައް ބަލައިގެންނާނެ ފެންވަރަކަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ މެމްބަރުން މަސައްކަތްކުރަމުން ގެންދާއިރުު މަޖިލީހުގެ އެތެރޭގެ މާހައުލު ރަނގަޅުކުރަން ވިސްނަން ޖެހޭނެ ކަމަށެވެ.
ދިމުގުރާތީ ހަމަތަކާއި ރައްޔިތުންގެ ހިޔާލަށް މަރުހަބާ ކިޔާނެ ކަމަށާއި މަޖިލީހަށް ބިލާއި މައްސަލަ ހުށަހެޅޭ ހިސާބުން ފެށިގެން އެ ބިލެއް ނުވަތަ އެ މައްސަލައެއްގެ ކަންކަން މަޖިލީހުން ނިންމާ ގޮތެއް ނިމުމާ ހަމައަށް ކަންކަން ހިނގާ ގޮތް ރަނގަޅުކޮށް އިސްލާހުކުރުމަށް ވިސްނުން ބައްޓަން ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހާއި ބޭރުގެ މަޖިލޮސްތަކާއި ޖަމިއްޔާ ޖަމާއަަތްތަކާއި އޮތް ގުޅުން ވެސް އާލާކޮށް އިތުރަށް ވަރުގަދަ ކުރުމަށް ވަގުތު ދޭން ޖެހޭނެ ކަމަށާއި މިހުރިހާ ކަމެއްގައި ވެސް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއި ވަގުތު ދެއްވާނެ ކަމުުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ކަމުގެ މަގާމަށް އަބްދުއްރަހިމް އިންތިހާބުވެވަޑައިގަތީ 71 ވޯޓުންނެެ އެ މަގާމަށް އަބްދުއްރަހީމާ އެކު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލްއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ އަހުމަދު ނާޒިމް އަށް ލިބިވަޑައިގެންނެވީ 81 ވޯޓެވެ. ދިއްގަރު ދާއިރާގެ ނާޒިމްއާ އެކު ވާދަކުރެއްވި މަރަދޫ ދައިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންފައިވަނީ 12 ވޯޓެވެ.
އަބްދުއްރަހީމްގެ ވާހަަކަފުޅުގައި 20 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް މަރުހަބާ ދެންނެވި އެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމަށް ވެސް މަރުހަބާ ދެންނެވި އެވެ.



advertisment