Support Us

ރަޝިއާގެ އިދިކޮޅު ލީޑަރު "ވިހަ"ވެއްޖެ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ކިބައިން ވިހަވުމުގެ އަލާމާތްތައް ފެނި، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

ނަވަލްނީގެ ތަރުޖަމާނު ކީރާ ޔަރްމީޝް ވިދާޅުވި ގޮތުގައި ޒަހަރު ނުވަތަ ވިހަ މާއްދާއެއް އެކުލެވޭ އެއްޗެއް ހަށިގަނޑަށް ވަދެ، ނަވަލްނީ ހޭފުޅުނެތިފައިވާއިރު އޭނާ މިހާރު އޮންނެވީ ސައިބީރިޔާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

"މިއަދު ހެނދުނު ޓޮމްސްކް ސިޓީއިން ނައްޓާލައިގެން މޮސްކޯއަށް ވަޑައިގެންނެވި ދަތުރުމަތީގައި އެލެކްސީގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ކުއްލި ގޮތަކަށް ފްލައިޓު ސައިބީރިޔާއަށް ޖައްސައި، އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ. އޭނާގެ ކިބައިން ފެނިފައި ވަނީ ވިހަވުމުގެ އަލާމާތްތައް. އޭނާގެ ހާލުކޮޅު އިތުރަށް ގޯސްވެ، މިހާރު އޮންނެވީ ވެންޓިލޭޓަރުގެ އެހީގައި،" ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޔަރްމީޝް ވިދާޅުވިއެވެ.

ނަވަލްނީ ވިހަވެފައި ވަނީ ޓޮމްސްކް އެއާޕޯޓުގެ ކެފޭއަކުން އޭނާ ހެނދުނު ހިއްޕެވި ކަޅުސައިތަށީގެ ތެރެއަށް ވިހަ މާއްދާއެއް މަސްހުނިކޮށްގެން ކަމަށް ބެލެވޭ ކަމަށް ޔަރްމީޝް ވިދާޅުވިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ރަޝިއާގެ ދައުލަތުގެ މީޑިއާއިން ބުނީ ނަވަލްނީގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އަދިވެސް ފުރާނައަށް ނުރައްކާ އޮތް ކަމަށެވެ.

އުމުރުފުޅުން 44 އަހަރުފުޅުގެ ނަވަލްނިއަކީ ރަޝިއާގެ ރައީސް ވްލަޑަމިއާ ޕުޓިންއާ ދެކޮޅަށް މުޒާހަރާތައްކޮށް، އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ޕުޓިންގެ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތައް ފަލީހަތްކުރުމުގެ މޭސްތިރިއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *