Support Us

މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ ހަތަރު ވަނަ މަތިންދާބޯޓު ގެނެސްފި

މޯލްޑިވިއަންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އޭޓީއާރު މަރުކާގެ ހަތަރު ވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި އެވެ.

މި ބޯޓު ރާއްޖެ ގެނައުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ، ކެޕްޓަން މުހައްމަދު އަމީނާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެގެންދިޔަ މި އޭޓީއާރު މަތިންދާބޯޓުގެ ސަބަބުން ގައުމީ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރެވި ރޫޓުތަކަށް ދެމުން ގެންދާ ހިދުމަތް އިތުރަށް ރަނގަޅު ކުރެވި ފަތުރުވެރިންނަށާއި ދިވެހިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި ފަސޭހަކަމާ އެކު ދަތުރުތައް ހަމަޖެއްސިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިއަދު ރާއްޖެ ގެނެސްފައިވާ މި ބޯޓަކީ 42 ފަސެންޖަރުން އުފުލޭ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު އެންމެ މަތީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް މި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްގީ ކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

"އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އައު މަތިންދާބޯޓާ އެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާ ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުންތަކެއް ދަތުރުވެރިންނަށް ލިބިގެންދާނެ. އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ. މީގެ އިތުރުން ޒަމާނީ އެވިއޮނިކްސް އާއި ހާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމެންސް އިތުރަށް ރަނގަޅު ކުރެވި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ޒަމާނީ މި އައު މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާ ހާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެންދޭ ހިދުމަތް ރަނގަޅުކުރެވި ކުރާ އިތުބާރު އިތުރުވާނެކަމުގެ އުއްމީދުކުރެވޭ،" އިޔާސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންނަށް މި ބޯޓުގެ އެތެރޭގެ ތަނަވަސްކަމާއި ބޯޓުގައި ހިމެނޭ ޒަމާނީ ވަސީލަތްތައް ވަނީ ދައްކާލައިފަ އެވެ.

މި ބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާކޮށްފައިވާ ބޯޓަކަށްވެފައި އުއްމީދަކީ މި ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑްތަކަށް ކޭޓަރު ކުރެވިގެންދިއުން ކަމަށް މޯލްޑިވިއަން ބުނެ އެވެ.

މިއީ އޭވިއޭޝަން އިންފްރާސްޓްރަކްޗަރ އިތުރަށް ކުރިއެރުވުމަށް މޯލްޑިވިއަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށާއި މޯލްޑިވިއަންނަށް އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓުގެ ހަތަރުވަނަ ބޯޓެއް އިތުރުވުމަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމަށާއި ހުރި ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 25 މަތިންދާ ބޯޓު އޮޮޕަރޭޭޓް ކުރެ އެވެ. މީގެތެރޭގައި އެއާބަސް A320 މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް-8 މަރުކާގެ ނުވަ މަތިންދާބޯޓް އަދި ޑޭޝް-6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެ އެވެ.