Support Us

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާގެ އިސް ލީޑަރެއް ފިލިޕީންސްގައި މަރާލައިފި

ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ކަރަޕަޓާންގެ އިސް ލީޑަރެއް ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ކަރަޕަޓާން ޖަމްއިއްޔާގެ ކުރީގެ އެޑިއުކޭޝަން ޑިރެކްޓަރ ޒާރާ އަލްވަރޭޒް މަރާލައިފައި ވަނީ އޭނާ ގެޔަށްދިޔަ މަގުމަތީގައި އޭނާގެ ގަޔަށް ހަ ފަހަރު ބަޑިޖަހައިގެން ކަމަށް ފުލުހުން ބުންޏެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނީ ޒާރާ ގަޔަށް ބަޑިޖެހި މީހާ ވަނީ ބަޑިޖެހުމަށްފަހު ސައިކަލެއްގައި އައި މީހެއްގެ އެހީއާއެކު އެތަނުން ފިލައިފައެވެ.

ކަރަޕަޓާން ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓީނާ ޕަލަބޭ ވިދާޅުވި ގޮތުގައި ޒާރާއަކީ، 2016 ވަނަ އަހަރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑިއުޓަރޓް ވެރިކަމާއި ހަވާލުވި ފަހުން މަރާލި އެ ޖަމްއިއްޔާގެ 13 ވަނަ މެމްބަރެވެ.

"ޒާރާއަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ކުޅަދާނަ އަދި ކެރޭ އަންހެނެއް. އޭނާގެ މަރަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ދެރައެއް. މި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިންސާފު ހޯދުމަށް ގޮވާލަން،" ޕަލަބޭ ވިދާޅުވިއެވެ.

ފާއިތުވި މަސްތަކުގައި ސަރުކާރު ސިފައިން، ޒާރާއަށް އެކި ޒާތުގެ އިންޒާރު ދީފައިވާ ކަމަށާއި، ޒާރާގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ފިލިޕީންސްގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޕަލަބޭ ވަނީ ސަރުކާރު ކުށްވެރިކޮށްފައެވެ. ޒާރާ މަރާލައިފަ ވަނީ ރައީސް ޑިއުޓަރޓް ޓެރަރިޒަމާ ދެކޮޅަށް އައު ޤާނޫނެއް އެކުލަވާލިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ޤާނޫނުގެ ދަށުން ވޮރެންޓަކާއި ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދެއެވެ. ޕަލަބޭ ވިދާޅުވި ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓުން އެކުލަވާލައިފައިވާ ޓެރަރިސްޓުންގެ ލިސްޓުގައި ޒާރާގެ ނަންވެސް ހިމަނާފައިވެއެވެ.

އުމުރުން 39 އަހަރުގެ ޒާރާ މަލާރިއިރު މަސައްކަތްކުރަމުން ދިޔައީ ފިލިޕީންސްގެ ނީގްރޯސްގައި ދިރިއުޅޭ ދަނޑުވެރިންނަށް އިންސާފު ހޯދައިދިނުމަށެވެ. އަދި 2019 ވަނަ އަހަރު އެ ސަރަހައްދުގެ ގިނަ ދަނޑުވެރިންތަކެއް، ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށް، ފިލިޕީންސް ސިފައިން ވަނީ މަރާލައިފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށް، އެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނެފަ އެވެ.

ޒާރާގެ މަރުގެ މައްސަލައިގެ ތަހުގީގު އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް ފިލިޕީންސްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޒާރާ މަރުވި ހަބަރު ލިބުނީމަ ވަރަށް ދެރަވެއްޖެ. ފިލިޕީންސްގަ ޚކިޔަވަން އުޅުންއިރު ދިމާވި. ވަރަށް ހިތްހެޔޮ ކުއްޖެއް އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *