އެމަނިކުފާނު އަވަހާރަކޮށްލުމުން ނޫނީ އައު އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ބެލާރޫސްގެ ރައީސް އެލެގްޒެންޑަރ ލުކެޝެންކޯ ވިދާޅުވި ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ލުކެޝެންކޯ މިހެން ވިދާޅުވެފައި ވަނީ ބެލާރޫސްގެ ސަރުކާރުގެ ފެކްޓްރީއަކަށް ޒިޔާރަތްކުރެއްވި ކުރެއްވުމުގައި އެތަނުގައި މަސައްކަތް ކުރާ މީހުންތަކެއް އެމަނިކުފާނަށް ފާޑުކިޔުމުން އެކަމަށް ރައްދުދެއްވަމުންނެވެ.
ސަރުކާރުގެ މުވައްޒަފުންނާއި ވާހަކަފުޅު ދައްކަވަމުން ލުކެޝެންކޯ ވިދާޅުވީ، އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައްޔިތުންގެ ތާއީދު ލިބިގެން ކަމަށްވާއިރު އައު އިންތިޚާބެއް ބޭއްވުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލުގެނެސް ބާރުތައް ހިއްސާކުރައްވާނެ ކަމަށާއި، އެ ނިންމުން ނިންމެވީ މީހުންގެ ފިއްތުންތައް ކުރިމަތިވެގެން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ހަރުކަށި ވެރިއެއް. މިކަން ހުރިހާ ރައްޔިތުންވެސް ދަންނާނެ. އަދި ހަރުކަށިނުވެ ޤައުމު ނުހިންގޭނެކަން ވެސް ރައްޔިތުން ދަންނަން ވާނެ." ލުކެޝެންކޯ ވިދާޅުވި އެވެ.
އެ ޤައުމުގެ މީޑިއާތަކުން ބުނާގޮތުގައި ލުކެޝެންކޯ މިހެން ވިދާޅުވެފައި ވަނީ ބެލާރޫސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ޖަސްޓިފައިކުރުމުގެ ގޮތުންނެވެ. ބެލާރޫސްގައި ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ ލުކެޝެންކޯ އިންތިޚާބު ކާމިޔާބު ކުރައްވައިފައި ވަނީ މަކަރު ހަދައި، އޮޅުވާލައިގެން ކަމަށެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބެލަރޫސްގައި ބޭއްވި އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް، ލުކެޝެންކޯ ވަނީ ހަ ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ. ސައްބީސް އަހަރުވަންދެން ވެރިކަންކުރައްވާފައިވާ ލުކެޝެންކޯ އަކީ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.