Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް އަމުރުކުރާ ޤަރާރާ ދެކޮޅަށް އެމެރިކާ ތިންވަނަ ފަހަރަށް ވީޓޯކޮށްފި

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް އަމުރުކުރާ ސަލާމަތީ މަޖިލީހުގެ ޤަރާރާދެކޮޅަށް އެމެރިކާއިން ރޭ އަނެއްކާވެސް ވީޓޯކޮށްފިއެވެ. މިއީ ޣައްޒާ ހަނގުރާމައާ ބެހޭގޮތުން ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވީޓޯކުރި ތިންވަނަ ފަހަރެވެ.

ސަލާމަތީ މަޖިލީހަށް ޖަޒާއިރުން ހުށައެޅި ޤަރާރަށް ސަލާމަތީ މަޖީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ތާއީދުކުރިއެވެ. އޭގެތެރޭގައި ރަޝިޔާއާއި ޗައިނާއާއި ފަރަންސޭސިވިލާތް ހިމެނެއެވެ. އިނގިރޭސިވިލާތުން އެއްކޮޅަކަށް ވެސް ވޯޓެއް ނުދެއެވެ.

ޖަޒާއިރުން ހުށައެޅި ޤަރާރު ހުރިހާ ފަރާތްތަކަކަށް ގޮވައިލަނީ ޣައްޒާގެ އިންސާނީ ޙާލަތަށް ޓަކައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށެވެ. މި ޤަރާރުގައި ޣައްޒާގެ ރައްޔިތުން ގަދަ ބާރުން ރަށުން ބޭރަށްލުން  ހުއްޓައިލުމަށާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުން ހުއްޓައިލުމަށް ވެސް ގޮވައިލައިފައި ވެއެވެ.

އިސްރާއީލުން  ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީ އޮކްޓޯބަރު ހަތެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ ފަލަސްތީނުގެ 29 ހާސް މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރަށް ޣައްޒާގެ ބިނާރުތަކާއި ހަސްފަތާލުތަކާއި މަދަރުސާތަކާއި މީހުން ދިރިއުޅޭ ހުރިހާ ބޯހިޔާވަހިތަކެއް ވަނީ ތަޅައިލައިފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާގެ ގިނަ ސަރަޙައްދުތަކުން މީހުން ބާލައި ރަފަޙަށް ޖަމާކޮށްފައެވެ. މިހާރު އިންޒާރުދެމުންދަނީ ރަފަޙުން ފޭބުމަށެވެ.

އދގައި ހުންނަވާ އެމެރިކާގެ ސަފީރާ ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވާ ގޮތުގައި ޖަޒާއިރުން ހުށައެޅި ޤަރާރުގެ ސަބަބުން ދާއިމީ ޞުލްޙައެއް ނާންނާނެއެވެ. އޭނާ  ހާމަކުރެއްވިގޮތުގައި ހަނގުރާމަ ހުއްޓަންޖެހޭ ވަގުތު އަދި ނާދެއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ  މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވިގޮތުގައި އެމެރިކާއިން ތާއީދު ކުރަނީ ވަގުތީގޮތުން ހަނގުރާމަހުއްޓާށެވެ. އެއީ އަސީރުން މިނިވަންކުރުމަށާއި އިންސާނީ އެހީކޮޅެއް ޣައްޒާއަށް އެތެރެކުރުމަށެވެ.

އެމެރިކާއިން މި ޤާރާރާ ދެކޮޅަށް ވީޓޯކުރުމުން ފަލަސްޠީނުން އެކަން ކުށްވެރިކުރިއެވެ. ފަލަސްޠީނު ބުނިގޮތުގައި މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެދުމަށް އެމެރިކާއިން ޖެހި ގޮމެކެވެ. ފަލަސްޠީނު ސަރުކާރު ބުނިގޮތުގައި މިއީ ފަލަސްޠީނު މީހުންގެ ބިންތައް ހިފައިގެންއޮތްއޮތުން ކުރިއަށް ގެންދިޔުމަށް ވޮޝިންގްޓަނުން އިސްރާއީލަށް ދިން ފެހިއައްޔެކެވެ.

އދ ގައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބު ވިދާޅުވިގޮތުގައި އެމެރިކާގެ ވީޓޯގެ ސަބަބުން ދުނިޔެ ޞުލްޙައަށް ޓަކައި ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އިންސާނީ ސަބަބުތަކަށްޓަކައި ޣައްޒާ ހަނގުރާމަ ހުއްޓުވުމަކީ ސަލާމަތީ މަޖިލިސް އެކަމާ ދުރަށް ދިޔުން މަނާކުރާ އަޚްލާޤީ ޒިންމާއެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *