Support Us

އިސްރާއީލުން ދަނީ ނަސްލީ އިމްތިޔާޒުގެ ނިޒާމެއް ޤާއިމުކޮށް ފަލަސްޠީނުގެ ނަސްލު ނައްތައިލަމުން: ފަލަސްޠީނު

އިސްރާއީލުން ދަނީ ނަސްލީ އިމްތިޔާޒުގެ ނިޒާމެއް ޤާއިމުކޮށްގެން ޣައްޒާގައި ފަލަސްޠީނުގެ ނަސްލު ނައްތައިލައި ފުހެލުމަށް ބޭނުންވާ ޖަރީމާތައް ހިންގަމުން ކަމަށް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލްމާލިކީ ބައިނަލް އަޤްވާމީ އިންސާފު ކޯޓުގައި ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް އޮތުމުގެ ސަބަބުން އުފެދިފައިވާ ޤާނޫނީ މަސްއަލަތަކާމެދު މަޝްވަރާ ދިނުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްޔެ ފެށި އަޑުއެހުންތަކުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލްމާލިކީ ވިދާޅުވިއެވެ. "ނަސްލުހޭދުގެ ޖަރީމާތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ."

އޭނާ ވިދާޅުވިގޮތުގައި "މި ކަންތައްތައް އަވަހަށް ނިމުމަކަށް ގެނައުމަށް ޓަކައި އިސްރާއީލަށް ޢަމަލުކުރުން ލާޒިމުކުރާ އަޚްލާޤީ އަދި ޤާނޫނީ އެތައް ކަންތައްތަކެއް ވެއެވެ."

މާލިކީ ވިދާޅުވިގޮތުގައި ބިންހިފައިގެން އޮތްއޮތުމަށް ޝަރްޠަކާނުލައި ނިމުމެއް ގެނެވެންޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން ފަލަސްޠީނު މީހުންގެ ކުރިމަގު އެކަށައެޅުމުގެ ޙައްޤުން އެ މީހުން އެބަ އެއްކިބާކުރެވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމަށް ޓަކައި ފަލަސްޠީނު ބިންހިފައިގެން އޮތުން ނައްތައިލުން ވާޖިބުވާނެއެވެ.

މާލިކީ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ތެދުވެރިކަން ދެމެހެއްޓުމަށް ޓަކައި ފަލަސްޠީނަކީ އެ ޤާނޫނާ ކުރިމަތިވެފައިވާ އިމްތިޙާނެކެވެ.އެކަމުގައި އެ ޤާނޫނު ފޭލްވުމަކީ އިންސާނިއްޔަތަށް ބަރުދާސްތުކުރެވޭނެ ކަމެއްނޫނެވެ. މި ފިޔަވަހީގައި ފަލަސްޠީނު މީހުން ނިކަމެތިކޮށް ނުލުމަށް މާލިކީ ގޮވައިލެއްވިއެވެ.

މާލިކީ ވިދާޅުވިއެވެ. "އިސްރާއީލުން ފަލަސްޠީނު މީހުންނަށް ދީފައިވަނީ ތިން ޚިޔާރެކެވެ. ބިން ދޫކޮށް ހިޖްރަކުރުމެވެ. ނުވަތަ ހައްޔަރުވުމެވެ. ނުވަތަ މަރުވުމެވެ."

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ދަނީ މި ކޯޓުގެ ނިންމުންތަކަށް ގޮންޖަހަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގައި ނަސްލުހޭދުގެ ޖަރީމާތައް ހިންގަމުންދަނީ އެމީހުންނަށް އަދަބުނުދެވޭތީއެވެ. އެމީހުން ޒިންމާދާރު ނުކުރެވޭތީއެވެ.

މާލިކީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލުން ވަނީ 1967ގެ ފަހުން ފަލަސްޠީނު ބިމުން އެ ބިމުގެ އަހްލުވެރިންގެ ތިންބައި ކުޅަ ދެބައި މީހުން ބޭރަށް ފައްސައިލައިފައެވެ. އެއަށްފަހު އިސްރާއީލުން ވަނީ އިތުރު ބިންތައް ހިފައިފައެވެ. ދެ މިންގަނޑުން ފަލަސްޠީނު މީހުންނާމެދު މުޢާމަލާތުކުރުން ހުއްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ.

ބައިނަލްއަޤްވާމީ ކޯޓުގައި ވަކާލާތު ކުރާ ފަލަސްޠީނުގެ ޓީމު ބުނާގޮތުގައި އދ ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްޠީނާއެކު ވާހަކަދެއްކުމާ އިސްރާއީލު ދެކޮޅު ހަދައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ތިން މުނާސަބަތެއްގައި ވަނީ ފަލަސްޠީނު ދައުލަތް ޤަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.

ކޯޓަށް ހުށައެޅިފައިވާ މަސްއަލައާ ބެހޭގޮތުން ދުނިޔޭގެ ފަންސާހަކަށް ޤައުމުން ވާހަކަ ދައްކާނެއެވެ. އޭގެތެރޭގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާ ވެއެވެ. މި ޤައުމުތަކުގެ އިތުރަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއާއި ޢަރަބި ލީގާއި އެފްރިކާގެ އިއްތިޙާދުން ވެސް މި ކޯޓުގައި ވާހަކަދައްކާނެއެވެ.

ކޯޓުން މި މަސްއަލަ ބަލަން ފެށީ އދ ގެ ޢާންމު ޖަމްޢިއްޔާއިން 2022 ގައި ކޯޓުގެ ޤާނޫނީ ލަފައެއް ދިނުމަށް މި ކޯޓަށް އަމުރުކުރުމުންނެވެ.

މި މަސްއަލައަކީ ދެކުނު އެފްރިކާއިން ކޯޓަށް ހުށައަޅައިފައިވާ މަސްއަލައާ ތަފާތު މަސްއަލައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *