Support Us

އިސްރާއީލުން ފަލަސްޠީނުގެ ބިން ހިފައިގެން އޮތްއޮތުމުގެ މަސްއަލަ ބައިނަލްއަޤްވާމީ ކޯޓުން ބަލަނީ

އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް މަސްއަލަ ބައިނަލްއަޤްވާމީ ކޯޓުން މާދަމާ ބަލަންފެށުމަށް ތައްޔާރުވެއްޖެއެވެ.

އިސްރާއީލުން މި ބިންތައް ހިފައިގެން އޮންނަތާ 57 އަހަރު ވެއްޖެއެވެ. މި މަސްއަލައިގެ ސަބަބުން ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ 15 ފަނޑިޔާރުންނަށް ފަލަސްޠީނު އިސްރާއީލު އަރާރުމުގެ އަޞްލު މަސްއަލައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މި މަސްއަލައާ ބެހޭ އަޑުއެހުންތައް ހަ ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާނެއެވެ. މި ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ބައިވެރިވާނެއެވެ. މި ކޯޓުގެ މި ޖަލްސާތަކުގައި ބަލާނީ ހުޅަނގުއައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދްސަށް އިސްރާއީލު ވެރިވެގަތްފައި އޮތް ވެރިވެގަތުމުގެ މަސްއަލައާއި އޭގެ ޤާނޫނިއްޔަތާ މެދުއެވެ.

މި ކޯޓުން 2004ވަނަ އަހަރު ވަނީ މި މަސްއަލައާ ބެހޭގޮތުން އިސްތިޝާރީ ރައުޔެއް ނެރެފައެވެ. ޤާނޫނީ ލަފައެއް ހިމެނޭ މި ނިޔާ ނެރުނީ ފަލަސްޠީނުގެ ބިންތައް ވަކިކުރާ ވަރުގަދަ ފާރެއް އިސްރާއިލުން ބިނާކުރުމުންނެވެ. މި ފާރު އިރުމަތީ ޤުދުސްގެ ވަށައިގެންނާއި އެތެރެއިން ލައިފައިވެއެވެ. އެހެން ކަމުން އެއީ ކޯޓުގެ ނިޔާއެކެވެ.

ކޯޓުގެ މި ނިޔާ ބުނާގޮތުގައި އެ ފާރު ބިނާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. މި ފާރު ތަޅައިލުމަށް ކޯޓުން އިސްރާއީލަށް އަމުރުކޮށްފައި ވެއެވެ. އަދި މި ފާރު ބިނާކުރުމުގެ ސަބަބުން ފަލަސްޠީނު މީހުންނަށް ލިބުނު ގެއްލުންތަކަށް ބަދަލުދޭން ޖެހޭނެކަމަށް ވެސް ކޯޓުން ބުނެފައި ވެއެވެ. އެހެނަސް އިސްރާއީލުން މި ކޯޓުގެ ނިޔާ އިވޭކަމަކަށް ނެހެދިއެވެ. އޭގެފަހުން ފަހުން އިސްރާއީލުން ދިޔައީ މި ބިންތަކުގައި ޔަހޫދީ އާބާދީތައް ހަދައި ޔަހޫދީން ވަޒަންވެރިކުރަމުންނެވެ. އަދި އެ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މި ކޯޓުގައި ފުރަތަމަ ދުވަހު ވާހަކަފުޅު ދައްކަވާނީ ފަލަސްޠީނުގެ މަންދޫބުންނެވެ. މި ބޭފުޅުން ވިދާޅުވާގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތްއޮތުމަކީ ޣައިރު ޤާނޫނީ ކަމެކެވެ. އެއީ ބައިނަލް އަޤްވާމީ ޤާނޫނުގެ ތިން އުޞޫލަކާ ޚިލާފު ޢަމަލެކެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ހިފި ފަލަސްޠީނުގެ ބިންތަކުން ބޮޑު ބައެއް އިސްރާއީލުގެ ބިންތަކަކަށް ހެދުމަކީ ޤާނޫނީގޮތުން ހުއްދަކުރާ ކަމެއް ނޫނެވެ. ދެވަނަ ކަމަކީ މި ކަމުގެ ސަބަބުން ފަލަސްޠީނު މީހުންނަށް ކުރިމަގު އެކަށައެޅުމުގެ ފުރްޞަތު ގެއްލިގެން ދިޔުމެވެ. ތިންވަނަ ކަމަކީ އިސްރާއީލުން ފަލަސްޠީނު މީހުންނާމެދު މުޢާމަލާތު ކުރުމުގައި ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ މުޢާމަލާތުތަކެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ޢުމަރު ޢަވަޟުﷲ ވިދާޅުވާގޮތުގައި އެބޭފުޅުން ބޭނުންފުޅު ވަނީ މި ކޯޓުގެ އައު ބަސްފުޅުތަކަކަށެވެ. އޭނާ ވިދާޅުވިގޮތުގައި ދެކުނު އެފްރިކާއިން ހުށައެޅި ނަސްލުހޭދުގެ މަސްއަލައާ ބެހޭގޮތުން ކޯޓުން ނެރެފައިވާ ނިޔާތަކަށް ރިޢާޔަތް ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އޭނާ ވިދާޅުވިއެވެ. މިއީ އައު މަސްއަލައެކެވެ. "އަހުރެމެން ބޭނުންވަނީ ނަސްލީ އިމްތިޔާޒާމެދު ކޯޓުގެ ނިޔާއެކެވެ."

ޢަވަޟުﷲ ވިދާޅުވިގޮތުގައި ކޯޓުގެ އިސްތިޝާރީ ލަފައަކީ ފަލަސްޠީނީންނަށް ވަރަށް ގިނަ އާލަތްތަކަކާއި ހަތިޔާރުތަކެއް ލިބިގެންދާނެ ކަމެކެވެ.

ކޯޓުގެ ޤަރާރަކީ ލާޒިމު ޤަރާރަކަށް ނުވިޔަސް މި ޤަރާރުގެ ސަބަބުން ބައިނަލްއަޤްވަމީ ޤާނޫނީ ޙާލަތަށް ފުން އަސަރުތަކެއް ކުރާނެއެވެ.

އިސްރާއީލުގެ ޢިބްރީ ޔުނިވަރސިޓީގެ ޤާނޫނާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ ޔޫފާލް ޝާނީ ވިދާޅުވާގޮތުގައި "މި މަސްއަލައިގައި ކޯޓަށް ހުށައެޅޭ ތުހްމަތުތަކާއި ދަޢުވާތަކުގެ ސަބަބުން އިސްރާއީލު ވަރަށް ބޮޑަށް ބޭޒާރުވެގެންދާނެއެވެ. އަދި އިސްރާއީލަށް ވަރަށް ނާޒުކު ޙާލަތުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ."

މި ކޯޓުގެ ޖަލްސާތަކުގެ ތެރޭގައި އިސްރާއީލުން އެމީހުން ދިފާޢުކޮށް ވާހަކައެއް ނުދައްކާނެއެވެ. އެހެނަސް އިސްރާއީލުގެ ރައުޔާއި ރައްދު ލިޔުމުން ހުށައަޅާނެއެވެ.

ފަލަސްޠީނީންނާއި އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާޢަތްތަކުން ތުހްމަތުކުރާ ގޮތުގައި އިސްރާއީލު ވަނީ ދިފާޢީ އިޖްރާތު ފަހަނަޅައިގޮސްފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ނިޒާމު ވަނީ ނަސްލީ އިމްތިޔާޒުގެ ނިޒާމަކަށް ބަދަލުވެފައެވެ. ހިފައިފައިވާ ބިންތަކުގައި އިސްރާއީލު ހަދައިފައިވާ އާބާދީތަކުގައި ފަލަސްޠީނީންނަކީ ދެވަނަ ދަރަޖައިގެ ބައެކެވެ. އިސްރާއީލުން ދަނީ ޔަހޫދީ ހުވިއްޔަތު (އައިޑެންޓިޓީ) ރައްކައުތެރިކުރުމަށް ޓަކައި ފިޔަވަޅުތައް އަޅަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *