Support Us

11 އަހަރުގެ ތެރޭގައި ތުރްކީގެ ރައީސަކު ފުރަތަމަ ފަހަރަށް މިސްރަށް

އެގާރަ އަހަރުގެ ތެރޭގައި ތުރްކީގެ ރައީސަކު މިޞްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު ޤާހިރާއަށް ވަޑައިގެންފިއެވެ.

ރައީސް އުރްދުޣާނަށް ޤަހިރާގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ މިޞްރުގެ ރަޢީސް ޢަބްދުލްފައްތާޙުއްސީސީއެވެ. ދެ ރައީސުން ވާހަކަފުޅު ދެއްކެވި މުހިއްމު މަސްއަލަތަކުގެ ތެރޭގައި ޣައްޒާގެ މަސްއަލައާއި އިސްރާއީލުގެ ޢުދްވާން ވެއެވެ.

ދެ ރައީސުންގެ ބައްދަލުކުރެއްވުމުގެ އިތުރަށް ދެ ޤައުމުގެ ވަފްދުތަކުގެ މެދުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ރައީސުން ނޫސްވެރިންނާ ވެސް ބައްދަލު ކުރެއްވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ކުރިން ދެ ރައީސުން އިސްތިރާޖީ އެއްބާރުލުމުގެ މަޖިލީހެއް އެކުލަވައިލުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. 

ރައީސް އުރްދުޣާންގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ޚާރިޖީ ވަޒީރު ފިދާނާއި މާލީ ވަޒީރު މުޙައްމަދު ޝިމިޝްކާއި ދިފާޢީ ވަޒީރު ޔަޝާރު ގޮލަރާއި ޞިއްޙަތާބެހޭ ވަޒީރު ފަޚްރުއްދީން ޤޫޖާއާއި ޞިނާޢަތާއި ފަންނިއްޔަތާބެހޭ ވަޒީރު މުޙައްމަދު ފާތިޙު ކަޖާރު ހިމެނިވަޑައިގަންނަވައެވެ. 

މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީ އާ ދެކޮޅަށް ގެނެވުނު އިންޤިލަބާ ވިދިގެން ތުރްކީ މިޞްރު ސިޔާސީ ގުޅުން އެތައް އަހަރަކަށް ކެނޑިގެން ދިޔައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ސަފީރުންގެ ފެންވަރަށް އަލުން މަތިކުރެވުނީ މި ދިޔަ އަހަރުގެ ހަތަރެއް ޖުލައިގައެވެ. 

މި ދެ ޤައުމުގެ ގުޅުން ރަނގަޅުވާން ފެށީ 2022 ގައި ދައުޙާގައި ބޭއްވުނު ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ޤަޠަރުގެ އަމީރު މެދުވެރިވެ ވަޑައިގެން ރައީސް އުރްދުޣާނާއި ރައީސް ސީސީ ބައްދަލުކުރެއްވުމާ ވިދިގެންނެވެ.

މިދިޔަ ހަފުތާގައި ތުރްކީގެ ޚާރިޖީ ވަޒީރު ފިދާން ހާމަކުރެއްވިގޮތުގައި ތުރްކީން މިޞްރަށް ޑްރޯން މަތިންދާބޯޓު ވިއްކާނެއެވެ. އޭނާ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މިޞްރަށް ޑްރޯނާއި އެހެނިހެން ފަންނިއްޔަތުތައް ވިއްކުމަށް ވަނީ އެއްބަސްވެވިފައެވެ." އޭނާ މިކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއްވައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދްވާނާ ވިދިގެން ފިދާން ވަނީ ޤާހިރާއަށް އެތައް ފަހަރަކު ޒިޔާރަތްކުރައްވައިފައެވެ. 

ރައީސް އުރްދުޣާން މި ދަތުރުފުޅާ ބެހޭގޮތުން ތުރްކީ ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ދަތުރުފުޅުގައި އޭނާ  އެންމެ އިސްކަންދެއްވާނީ ޢިސްރާއީލުގެ ޢުދްވާނަށެވެ. މީގެއިތުރަށް އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި ހަކަތައާއި ދިފާޢާ ބެހޭ މަސްއަލަތަކާމެދު ވާހަކަފުޅު ދައްކަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް އުރްދުޣާން މިޞްރަށް ވަޑައިގަތުމުގެ ކުރިން އަބޫ ޡަބްއިއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އަދި އެ ދަތުރުފުޅުގައި ސަރުކާރުތަކާ ބެހޭ ދުނިޔޭގެ ސަމިޓްގައި ވެސް ބައިވެރިވެ ވަޑައިގަތެވެ.  

މުޙައްލިލުން ވިދާޅުވާގޮތުގައި ތުރްކީ – މިޞްރު ގުޅުމަކީ ހަމައެކަނި އެ ދެ ޤައުމަށް މުހިއްމު ގުޅުމެއްނޫނެވެ. މީގެއިތުރަށް އެއީ މުޅި ސަރަޙައްދަށް ވެސް ވަރަށް މުހިއްމު ގުޅުމެކެވެ.ބައިނަލްއަޤްވާމީ ދިރާސާތަކާބެހޭ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އޮފީހުގެ ރައީސް ޖޯޒިޕީ ޑެނެޓިސް މިޑްލް އީސްޓް އައި އަށް ވިދާޅުވިގޮތުގައި މިޞްރު ތުރްކީ ގުޅުމުގެ އަސަރު ގަލްފުން ލީބިޔާއަށް އަދި ސޫދާނުން އިސްރާއީލަށާއި ފަލަސްޠީނަށް ވަރަށް ފުންކޮށް ފޯރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *