Support Us

ރަޝިޔާ ބަލިކުރުމަކީ ނުވާނެ ކަމެއް: ޕޫޓިން

ރަޝިޔާ ބަލިކުރުމަކީ ނުވާނެ ކަމެއް ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޔުކްރޭންގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ ނޫސްވެރިއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޫސީބަހުން ދެއްވި މި ބަސްދީގަތުން މިއަދު ހެނދުނު ވަނީ ޝާއިޢުކޮށްފައެވެ.

އެމެރިކާގެ ނޫސްވެރިޔާ ޓޭކަރ ކާލްސަނާ ވާހަކަފުޅުދައްވަމުން ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ޕޮލެންޑަށާއި ލެޓްވިޔާއަށް  ޙަމަލާދިމުގައި ރަޝިޔާގެ އެއްވެސް މަޞްލަޙަތެއް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި "ޔުކްރޭން ހަނގުރާމަ ފުޅައުކުރުމުގެ އެއްވެސް  ނިޔަތެއް ނެތެވެ."

ދެ ގަޑިއިރަށް ދެމިގެންދިޔަ މި ބަސްދީގަތުމުގައި ޕޫޓިން ވިދާޅުވިގޮތުގައި ޖާސޫސްކުރުމުގެ ކުށުގައި ރަޝިޔާގައި ޖަލަށްލައިފައި ހުރި ނޫސްވެރިޔާ އިވާން ގްރިޝްކޯވިޗް ދޫކޮށްލުމުގެ މަސްއަލައިގައި ވާހަކަދެއްކިދާނެއެވެ. އޭނާ ޖަލަށް ލީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.

ޕޮލެންޑަށް ޙަމަލާދޭނީ ކޮން އިރަކު

ނޭޓޯގެ މެންބަރެއް ކަމުގައިވާ ޕޮލެންޑަށް އެއްވެސް ޙާލެއްގައި ރަޝިޔާއިން ޙަމަލާދީފާނެތޯ ދެންނެވުމުން  ޕޫޓިން ވިދާޅުވިއެވެ. "އެންމެ ޙާލަތެއްގައެވެ. ޕޮލެންޑް ރަޝިޔާއަށް ޙަމަލާއެއް ދީފިނަމައެވެ. ކީއްވެގެން ހެއްޔެވެ؟ އެއީ އެކަމުގައި ރަޝިޔާގެ މަޞްލަޙަތެއް ނެތީމައެވެ. ޕޮލެންޑްގައި ވެސް އަދި ލެޓްވިޔާގައި ވެސް މަޞްލަޙަތެއް ނެތެވެ. އަދި އެހެން ތަނެއްގައި ވެސް ނެތެވެ. އަހުރެމެން އެފަދަ ކަމެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ސާދާކޮށް ބުނާނަމަ މަޞްލަޙަތެއްނެތް ކަމެއް ނުކުރާނަމެވެ."

ޕޫޓިން ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ އިސްތިރާޖީކޮށް ބަލިކޮށްލުމަށް ގޮވައިލާ އަޑުތަކަކާއި ހަޅޭއްލެވުންތަކެއް ހުޅަނގުގައި އޮތެވެ. އަހުރެން ދެކޭ ގޮތުގައި އެއީ މުސްތަޙީލު ކަމެކެވެ. ދުވަހަކުވެސް އެ ކަމެއް ނުކުރެވޭނެއެވެ."

ޕޫޓިން މި ބަސްދީގަތުން ދެއްވީ ކީއްވެ

ރޫސީ ރައީސް މި ބަސްދީގަތުން ދެއްވީ ރޫސީބަހުންނެވެ. މި ބަސްދީގަތުން ޝާޢިޢުކޮށްފައި ވަނީ އިނގިރޭސިބަހުން ދަބުލަޖާ (ސަބް ޓައިޓްލް) ކޮށްގެންނެވެ. މި ބަސްދީގަތުމުގައި ވަރަށް ދިގުކޮށް ރަޝިޔާއާ އެހެނިހެން ޤައުމުތަކާ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ޕޫޓިން ވާހަކަފުޅު ދައްކަވައިފައި ވެއެވެ.

އެމެރިކާގެ މި ނޫސްވެރިޔާ ކާލްސަނަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ވަރަށް ގުޅުން ރަނގަޅު ނޫސްވެރިއެކެވެ. ރައީސް ޓްރަމްޕަކީ ޔުކްރޭން ހަނގުރާމަ ހޫނުނުކުރުމަށް ގޮވައިލައްވާ ޒަޢީމެކެވެ. އޭނާއަކީ ޔުކްރޭނަށް ބިލިޔަނުންބިލިޔަނުން އެހީވުމާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެމެރިކާގެ މިއަންނަ ރިޔާސި އިންތިޚާބަށް ޓްރަމްޕް ކުރިމަތިލައްވާނެކަމަށް ލަފާ ކުރެވެއެވެ. 

ހުޅަނގުގެ މީޑިއާ ކޮން ކަހަލަ މީޑިއާއެއް

ކާލްސަން ބުނި ގޮތުގައި ރައީސް ޕޫޓިނާއެކު ބަސްދީގަތުމެއް ބާއްވަން އުޅޭކަން ވައިޓްހައުސްއަށް އެނގިގެން އެކަމަށް ހުރަސްއަޅަން ދެ ފަހަރު މަސައްކަތްކޮށްފައި ވެއެވެ. 

ކާލްސަންގެ ބަސްދީގަތުމަށް އެލަން މަސްކް ވަނީ ތާއީދުކުރައްވައިފައެވެ. އަދި މި ބަސްދީގަތުން ދުނިޔެއަށް ޝާއިޢުކޮށްދެއްވާނެ ކަމަށް ވެސް އެލަން މަސްކް ވިދާޅުވެފައިވެއެވެ. އެލަން މަސްކް އޭނާ ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައިގެން ނުވާނެއެވެ. 

އެމެރިކާގެ މަޝްހޫރު މި ނޫސްވެރިޔާ ބުނާ ގޮތުގައި އެމެރިކާގެ ގިނަ ބަޔަކަށް ރަޝިޔާ އަދި ޔުކްރޭނުގައި ހިނގަމުންދާ  ކަންތައްތައް ރަނގަޅަކަށް ނޭނގެއެވެ. 

އޭނާ ބުންޏެވެ. "އިނގިރޭސިބަހުން ވާހަކަދައްކާ ޤައުމުތަކުގެ މީހުންނަށް މި ހަނގުރާމައާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. އެމީހުންނަށް އެއްވެސް މީހަކު ޙަޤީޤަތް ބަޔާންކޮށްދީފައެއް ނުވެއެވެ. އޭނާ ތުހްމަތު ކުރި ގޮތުގައި އެމީހުންގެ ޚަބަރުފަތުރާ ވަސީލަތްތަކަކީ ފާސިދު ވަސީލަތްތަކެކެވެ. ޚަބަރު ބަލާ މީހުންނަށާއި ޚަބަރު ކިޔާ މީހުންނަށް ހަދަނީ ދޮގެވެ. ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން ފަތުރަނީ ހަމައެކަނި ޔުކްރޭނުން ބުނާ އެއްޗެކެވެ. ގެނެސްދެނީ ޔުކްރޭން މީހުންގެ ބަސްދީގަތުންތަކެވެ."

ކާލްސަން ބުންޏެވެ. "އެމެރިކާގައި ޝާއިޢު ކުރެވޭ ބަސްދީގަތުންތަކަކީ ނޫސްވެރިކަމުގެ ބަސްދީގަތުންތަކެއް ނޫނެވެ. އެއީ ވަކި ގޮތަކަށް ބައްޓަންކޮށްގެން ޙަޤީޤަތް އޮޅުވައިލުމަށް ތައްޔާރުކުރެވޭ ހޮޅި ވާހަކަތަކެކެވެ. ފޮނިތޮށިކާފޫރުތޮޅި އަޅައިގެން ރަހަމީރުކޮށްފައިވާ މަސާލާގަނޑެކެވެ. އެއީ ނޫސްވެރިކަމެއް ނޫނެވެ. އެއީ ސަރުކާރުގެ ޕްރޮޕެގެންޑާތަކެކެވެ. އެއީ އެންމެ ނުބައި ބާވަތުގެ ޕްރޮޕެގެންޑާއެވެ. މީހުން ކަތިލާ ވާހަކަތަކެވެ." 

ކާލްސަން ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކަކީ ހުޅަނގުގެ ޒަޢީމުންނަށް ވައިއަޅުވާ ވަސީލަތްތަކެކެވެ. އެމެރިކާ މީހުންނަށް ރައީސް ޕޫޓިން ޔުކްރޭނާ ހަނގުރާމަ ކުރައްވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ލަނޑުދަނޑިއަކީ ކޮބައި ކަމެއް ނޭނގެއެވެ. އޭނާގެ އަޑުފުޅު އެމެރިކާ މީހުންނަށް އިވިފައެއް ނުވެއެވެ. މިއީ ކުށެކެވެ. އޭގެތެރެއަށް އެމެރިކާ ވެއްޓިފައިވާ ހަނގުރާމަޔާ ބެހޭ މަޢުލޫމާތު އެމެރިކާ މީހުންނަށް ލިބެން ޖެހޭނެއެވެ. އަހުރެމެން އެމެރިކާ މީހުންނަށް ވާތީ އެކަމާ ބެހޭ ޚަބަރުތައް ދިނުމުގެ ޙައްޤު އަހުރެމެންނަށް ލިބިގެން ވެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *