Support Us

ރައިޓްސް ވޮޗާއި އެމެނެސްޓީ: އިނގިރޭސިވިލާތާއި އެމެރިކާއިން ދަނީ ޢަމަލުކުރަންޖެހޭ މުޢާހަދާތަކާ ޚިލާފުވަމުން

ފަލަސްޠީނުގެ ރެފުޖީންނަށް އެހީވާ އދގެ އޭޖެންސީ އަންރުވާއަށް އެހީވުން ހުއްޓައިލުމުން ބައިނަލްއަޤްވާމީ އިންސާނީ ޖަމްޢިއްޔާތަކުން އެ ކަން ކުށްވެރިކޮށްފިއެވެ. މި ޖަމްޢިއްޔާތައް އިންޒާރުކުރާ ގޮތުގައި މި ކަމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ޣައްޒާއާ ކުރިމަތިވެދާނެއެވެ. މީގެ އިތުރަށް މިކަމަކީ ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ ނިންމުންތަކާ ޚިލާފު ޢަމަލެކެވެ. އަދި އެއީ މި ނިންމުންތައް ތަންފީޒު ކުރުމަށް ހުރަސްއަޅައި ކަމެކެވެ. 

 އިނގިރޭސިވިލާތުގެ އެކްޝަން އެއިޑް މުއައްސަސާ ބުނާގޮތުގައި އެހީވުން ހުއްޓައިލުމަކީ ފަލަސްޠީނު މީހުން "މަރަން ޙުކުންކުރުން" ފަދަ ކަމެކެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ބައެއް ޖަމްޢިއްޔާތައް ބުނާގޮތުގައި މި ޤަރާރުގެ ވެރިން ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާކަމުގެ ކުށުގައި ޝަރީޢަތަށް ހުށައެޅެން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ އެމްނެސްޓީ ގޮފީގެ އިސް މަސްއޫލުވެރިއަކު ކަމުގައިވާ  ކްރިސްޓިޔަން ބެނެޑިކްޓް ވިދާޅުވާގޮތުގައި އަންރުވާއަށް ދޭ އެހީ ހުއްޓައިލުމަށް ނިންމި ނިންމުމަކީ ވަރަށް ބިރުވެރި ޤަރާރެކެވެ. 

އޭނާ ވިދާޅުވި ގޮތުގައި އަންރުވާގެ ބާރަވަރަކަށް މުވައްޒަފުން ޙަމާސަށް ވާގިވެރިވެދީފައިވާ ކަމަށް އިސްރާއީލުން ކުރާ ތުހްމަތަކީ އަދި ސާބިތުވެފައިވާ ކަމެއްނޫނެވެ. އަންރުވާއިން ދަނީ މަސްއަލަ ބަލަމުންނެވެ. 

އޭނާ ވިދާޅުވިގޮތުގައި އަންރުވާގެ މަސައްކަތަކީ ޣައްޒާއަށް އަޅަމުންދާ ބޮންތަކާއި ޣައްޒާގެ ވަށައިގެން ލައިފައިވާ ޙިޞާރުގެ ސަބަބުން ބަނޑަށް ޖެހިފައިވާ މީހުންނާއި ބަލިމަޑުކަމުގައިވާ މީހުންނަށް އެހީވެދިނުމެވެ. ލަންޑަނުގެ ޤަރާރުގެ ސަބަބުން އަދަބު މި ލިބެނީ ކުށެއްނެތް މަދަނީންނަށެވެ.  

ބެންޑިކްޓް އިނގިރޭސި ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ދެކުނު އެފްރިކާއިން ހުށައެޅި ނަސްލުހޭދު ދަޢުވާއަށް ފާޑު ކިޔުމަށްފަހު ލަންޑަނުން އަދިވެސް އިސްކަން މިދެނީ އެ ކޯޓުގެ ނިންމުންތަކާ ދެކޮޅުހަދަމުން އިސްރާއީލާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށެވެ." 

ބައިނަލްއަޤްވާމީ އިންސާފު ކޯޓުން ފާސްކުރި ޤަރާރުތަކާ ވިދިގެން އިނގިރޭސި ސަރުކާރުން ނެރުނު ބަޔާން ބުނާގޮތުގައި "ޣައްޒާގައި އިސްރާއީލުން އަރައިގަންނަމުންދާ ޢަމަލުތަކަކީ ނަސްލުހޭދުގެ  ޢަމަލެއްކަމަށް އިނގިރޭސިވިލާތް ނުދެކެއެވެ." އިނގިރޭސި ސަރުކާރު ބުނިގޮތުގައި ދެކުނު އެފްރިކާއިން ކޯޓަށް މިފަދަ ދަޢުވާއެއް ހުށައެޅުމަކީ ކުށެކެވެ. 

ހިޔުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރ އަކްޝާޔާ ކުމާރު ވިދާޅުވާގޮތުގައި ނަސްލުހޭދުގެ އެއްބަސްވުމާ އެއްގޮތަށް ހުރިހާ ޤައުމުތަކަކުން ޢަމަލުކުރުމަކީ ޤާނޫނު ލާޒިމުކުރާ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތަކީ މި މުޢާހަދާގައި ސޮއިކޮށްފައިވާ ދެ ޤައުމެވެ. އެހެންކަމުން މި ދެ ޤައުމުން ނަސްލުހޭދުގެ ޢަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭނެއެވެ. އިސްރާއީލަށް ހަތިޔާރު ދިނުމުގެ ކުރިން އެ ހަތިޔާރު ބޭނުންކޮށްގެން ޖަރީމާތައް ހިންގާތޯ ބަލަންޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި  ޣައްޒާގެ ޙާލަތު އިތުރަށް ނުބައިވެދާނެ އެއްވެސް ކަމެއް ކުރުމަކީ ބައިނަލް އަޤްވާމީ ކޯޓުގެ ނިންމުންތަކާ ޚިލާފުވާނެ ކަމެކެވެ. 

އޭނާ ވިދާޅުވިގޮތުގައި ހިޔުމަން ރައިޓްސްއިން ޖަމާކުރަމުންދާ ލިޔުންތަކުންނާއި ވީޑިއޯތަކުން ކަށަވަރުވެ އެނގޭގޮތުގައި އިސްރާއީލުގެ ޢަމަލުތަކަކީ ހަނގުރާމައިގެ ބިރުވެރި ޖަރީމާތަކެކެވެ. ހަތިޔާރެއްގެ ގޮތުގައި މީހުން ބަނޑަށް ޖެއްސުމަކީ އިންސާނިއްޔަތާ އިދިކޮޅު ޖަރީމާއެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *