Support Us

އިޒްރޭލާއެކު ގުޅުން ޤާއިމްކުރުމުން އީރާނުން ޔޫއޭއީ އަށް އިންޒާރުދީފި

އިޒްރޭލާއެކު ގުޅުން ޤާއިމްކުރުމުން އީރާނުގެ ބާރުގަދަ ރިވޮލޫޝަނަރީ ގާޑުން ޔޫއޭއީ އަށް އިންޒާރުދީފި އެވެ.

ޔޫއޭއީން އިޒްރޭލާއެކު ރަސްމީކޮށް ގުޅުން ޤާއިމްކުރުމުން ރިވޮލޫޝަނަރީ ގާޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޔޫއޭއީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، މި ނިންމުމަކީ މެދުއިރުމައްޗަށް އެމެރިކާގެ ނުފޫޒު ފޯރުވާން ދިން ފުރުސަތެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ ނުބައި ރޭވުމެއްގެ ދަށުން އެކުލަވާލި އެއްބަސްވުމެއް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ޔޫއޭއީގެ މި ނިންމުން ކުށްވެރިކޮށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ އެ ޤައުމުގެ ޓީވީ މެދުވެރިކޮށް ބަސްދީގަތުމެއް ދެއްވާފަ އެވެ. އެ ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޔޫއޭއީން އިޒްރޭލާއެކު ގުޅުން ޤާއިމް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި އިޒްރޭލުން ބާރުފޯރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއީ އެ ސަރަހައްދުގެ އަރަބި ޤައުމުތަކާއި ދެކޮޅަށް ހިންގޭ ބޭއިންސާފީ ޖަރީމާއެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.

އީރާންގެ އިތުރުން އަރަބި އެހެން ޤައުމުތަކުގެ އިސް ލީޑަރުން ވެސް ވަނީ މި ނިންމުމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ ޔޫއޭއީގެ އެ އަމަލަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ވިދާޅުވެ، އެ ނިންމުމާއި ދެކޮޅަށް ތެދުވުމަށް އޯއައިސީއަށް ގޮވާލައްވައިފަ އެވެ. ޔޫއޭއީގެ މި ނިންމުމާއި ގުޅިގެން ތުރުކީގެ ރައިސް ރެސެޕް ޠައްޔިބް އުރޮދޮގާން ވަނީ ޔޫއޭއީއާއި ތުރުކީއާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ވިސްނަވާކަން ހާމަކުރައްވައިފަ އެވެ.

ޔޫއޭއީގެ ނިންމުމާއި މެދު ރައީސް އުރޮދޮގާން ނުރުހުން ފާޅުކުރައްވާފައިވާއިރު ތުރުކީއަކީ މިހާރުވެސް އިޒްލޭރާއެކު ޑިޕްލޮމެޓިކް ގުޅުން އޮންނަ ޤައުމެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ގުޅުން ހީނަރުވެފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *