Support Us

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 24 ގަޑިއިރުގެ ތެރޭގައި 30 ޝަހީދުން

ޣައްޒާގެ މެދުތެރޭ އަވަށެއްކަމުގައިވާ ދައިރުލްބަލަޙަށް އިސްރާއީލުން 24 ގަޑިއިރުގެ ތެރޭގައި ދިން ޙަމަލާތަކުގެ ސަބަބުން 30 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނު ސަރުކާރުގެ އިންފޮމޭޝަން އޮފީހުން ބުނެފިއެވެ.

އިސްރާއީލުން ބުނާގޮތުގައި ދައިރުލްބަލަޙު ސަރަޙައްދަކީ އަމާން ސަރަޙައްދެކެވެ. އިސްރާއީލު ސިފައިން ފަލަސްޠީނު މީހުންނަށް އެ ސަރަޙައްދަށް ދިޔުމަށް އަންގާ އެމީހުން ގެންގޮސް މި ޤަތުލުޢާންމު ހިންގީއެވެ. 

ފަލަސްޠީނުގެ މި ބަޔާން ބުނާގޮތުގައި މިއީ ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި ޢާންމުން މަރައި ހުސްކުރުމުގެ ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އައު ޖަރީމާތަކެކެވެ.

މި ބަޔާން ބުނާގޮތުގައި އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ ރައްޔިތުންގެ ގެތަކަށް ވަނީ ސީދާ ބޮންއަޅައި އެ ގެތައް ބިމާހަމަކޮށްފައެވެ. އިސްރާއީލުގެ ބޯޓުތަކުން އެ ސަރަޙައްދުގެ މިސްކިތަކަށް ވެސް ބޮންއެޅިއެވެ. މިހާ ގިނަ ބަޔަކު ޝަހީދުވީ މިސްކިތަށް ބޮންއެޅުމުގެ ސަބަބުންނެވެ. 

ފަލަސްޠީނުގެ ބަޔާނުގައި އިސްރާއީލުގެ މި ޖަރީމާތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލިއެވެ. 

ޖަޒީރާ ބުނާގޮތުގައި ޣައްޒާގެ ދެކުނުގައި ޚާން ޔޫނުސްގެ ތަންތަނަށް އިސްރާއީލުން ރޭ ވަނީ ތަފާތު ޙަމަލާތައް ދީފައެވެ. އިސްރާއީލުން މި ޙަމަލާތައް ދެމުންދަނީ މަތިންދާބޯޓާއި ބޮޑުބަޑިންކަމަށް ޖަޒީރާއިން ބުންޏެވެ. އެ ސަހަރުގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނުގެ ހަނގުރާމަވެރިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުންދާކަމަށް ވެސް ޖަޒީރާގެ ރިޕޯޓަރު ބުންޏެވެ. 

އިސްރާއީލުން ޙަމަލާދިން ރަށްރަށުގެ ތެރޭގައި ރަފަޙު ވެއެވެ. ރަފަޙުގައި ޙަމަލާދީފައިވަނީ ޢާންމުންގެ ގެދޮރަށާއި ދަނޑުބިންތަކަށެވެ. ރަފަޙުގެ ޖުނައިނާ އަވަށަށް ވައިގެ ދެ ޙަމަލާއެއް ދިނެވެ. އެއް ޙަމަލާ ދީފައިވަނީ ހުސް ކާރަކަށެކެވެ. ދެވަނަ ޙަމަލާދީފައިވަނީ މައި މަގެއްގެ ހަތަރު އަނގޮޅިއަކަށެވެ. މި ޙަމަލާގެ ސަބަބުން މަގުހުރަސް ކުރަން ތިބި އެތައް ބަޔަކު ޒަޚަމުވިއެވެ. ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުން މިވަގުތު ދިރި އުޅެނީ ރަފަޙުގައެވެ. ޣައްޒާއަށް އިންސާނީ އެހީތައް ވެސް އެތެރެކުރެވެނީ ރަފަޙު މަގުންނެވެ. 

އެހީގެ ލޮރީތައް

އަނެއްކޮޅުން ފަލަސްޠީނުގެ ރެޑް ކްރެސެންޓް  ބުނާގޮތުގައި މިޞްރު ތެރެއިން ލައިފައި ރަފަޙުގެ އެއްގަމު މަގުން އިއްޔެ ޣައްޒާއަށް އިންސާނީ އެހީގެ 9,831 ލޮރީ ވަދެފައި ވެއެވެ. މި ލޮރީތަކުގައި ހިމެނެނީ ކާބޯތަކެއްޗާއި ބޯފެނާއި ބޭހާއި އިންސާނީ ޟަރޫރީ އެހީއެވެ. ރަފަޙަށް ވަތް ލޮރީތަކުގެ ތެރެއިން 4,841 ލޮރީއަކީ އަންރުވާއަށް ފޮނުވުނު އެހީތަކެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *