Support Us

"ޝާޢިރުންގެ ވާދީ"ގެ އަހަރީ މަޖައްލާ ދިވެހި ބަހާ ބެހޭ ވަޒީރަށް ވެދުންކޮށްފި

"ދިވެހި ބަހާއި އަދަބިއްޔާތާއި ސަގާފަތު ދިރުވައި އާލާކުރުމަށް އުފައްދާފައިވާ "ޝާޢިރުންގެ ވާދީ" ޖަމްޢިއްޔާގެ ތިން ވަނަ އަހަރީ ދުވަހަށް ނެރުނު "ތާސީރު 1″ މަޖައްލާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމަށް ވެދުން ކޮށްފިއެވެ.

މިއަދު ހެނދުނު އެ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ޝާޢިރުންގެ ވާދީގެ ފަރާތުން އެ މަޖައްލާ ވަޒީރަށް ވެދުން ކުރެއްވީ ޖަމްޢިއްޔާގެ އަމީން ޢާއްމުގެ ނައިބު އަޙްމަދު ފިރާޤެވެ.

މި މަޖައްލާއަކީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ޝާޢިރުންގެ ވާދީން ކޮށްފައިވާ މަސައްކަތްތައް އެއް ފޮތެއްގެ ސިފައިގައި ޖަމާކޮށްފައިވާ، އޭގެ ތާސީރެވެ. މިގޮތުން ދިވެހިބަހާއި އަދަބާއި ސަގާފަތާއި ތާރީޚު އަދި ދީނީ ޢިލްމު ކުރިއެރުވުމަށް އެ ޖަމްޢިއްޔާއިން ކޮށްފައިވާ މަސައްކަތްތައް މި ފޮތުގައި ވަނީ ހިމަނައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ "ޝާޢިރުންގެ ވާދީ"ގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާ ކަމަށެވެ. އަދި ދިވެހިބަހާއި އަދަބިއްޔާތު ދިރުވައި އާލާކުރުމުގައި ޝާޢިރުންގެ ވާދީން ކުރަމުން އަންނަ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރިއެރުވުމުގައި އެ ވުޒާރާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

ދިވެހި ބަހާއި އަދަބިއްޔާތާއި ޘަގާފަތު ދިރުވައި އާލާކުރުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ކުރުމުގެ މަޤްސަދުގައި ޝާޢިރުންގެ ވާދީ ރަޖިސްޓްރީކޮށް އުފެއްދުމަށްފަހު ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާގެ ފަރާތުން ވަރަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. އެގޮތުން ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމާއި ޅެންވެރިކަމުގެ ކޯސްތައް ހިންގުމާއި ޢާއްމުކޮށް ހުޅުވާލައިގެން އަދަބީ އެކިއެކި މުބާރާތްތައް ބޭއްވުންވެސް ހިމެނެއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ، އައްޑޫ ސިޓީ ހިތަދޫ، އަލްއުސްތާޛު ޙަސަން ލަބީބުގެ މޭސްތިރިކަމުގައި އުފައްދަވައިފައިވާ އެ ޖަމްޢިއްޔާގެ އަމާޒަކީ ކުރިއަށް އޮތް ތާނގައި ޖަމްޢިއްޔާގެ މަސައްކަތްތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގައި އަދަބިއްޔާތު ދިރުވައި އާލާކުރުމުގެ މަސައްކަތް ވީހާވެސް ފުޅާކުރުން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް