Support Us

މާލީ އެހީގެ ގޮތުގައި ރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ އެހީއެއް އިންޑިއާއިން ދީފި

މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފި އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއިން ދީފައިވާ މި ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށެވެ. މާލީ އެހީގެ ގޮތުގައި އިންޑިއާއިން 3.9 ބިލިއަން ރުފިޔާ ދޭން ނިންމިކަން ހާމަކޮށްފައި ވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއެކު ބޭއްވެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގަ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގައި ފަށަން ހަމަޖެހިފައިވާ އެހެނިހެން މަޝްރޫޢުތަކުގެ ވާހަކަތައް ވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ގްރޭޓަރ މާލެ ބްރިޖު މަޝްރޫޢަށް 7.7 ބިލިއަން ރުފިޔާ (500 މިލިއަން ޑޮލަރު) ދިނުމަށް ނިންމާފައިވާކަން ވެސް ވަނީ ބައްދަލުވުމުގައި ހާމަކުރައްވައިފަ އެވެ. މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް 6.695 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލަވައިލެވޭ މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއަށެވެ.

މީގެ އިތުރުން ވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު "އެއާ ބަބްލް"އެއް ޤާއިމްކުރުމާ ގުޅޭގޮތުން ވެސް މި ބައްލަވުމުގައި ވާހަކަފުޅު ދެއްކެވި އެވެ. މި އެއާ ބަބްލް ވެގެންދާނީ ދެކުނު އޭޝިއާގައި ޤާއިމްކުރެވޭ ފުރަތަމަ އެއާ ބަބްލް އަށެވެ. މި ނިޒާމްގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އިންޑިއާއިން އެއާ ބަބްލް އެއް އެންމެ ފުރަތަމަ ޤާއިމްކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމަނާފައިވާތީ، މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެއިން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވެފައިވާ ފަރާތްތަކާއި، އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މުޙިއްމުކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރިއަށް ދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފަ އެވެ. އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތާ މެދު ހިތްޕުޅުހަމަޖެހުން ފާޅުކޮށް، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވިދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް އެ ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުން އިޢުލާންކޮށްފައި ވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އަދި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކާއި ރާއްޖޭގެ ފިނޭންސް މިނިސްޓްރީން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގަ އެވެ.

އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމް އަދި އިންޑިއާ ސަރުކާރުން ވެދީފައިވާ 106 މިލިއަން ޑޮލަރުގެ ފައިސާގެ އެހީގެ ދަށުން ކުރިއަށް ގެންދާ ކުދި މަޝްރޫޢުތަކުގެ މުޙިއްމުކަމަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވައިލާފައިވެ އެވެ. އިންޑިއާ ސަރުކާރުން ވެދީފައިވާ ފައިސާގެ އެހީގެ ދަށުން ރާއްޖޭގައި މީހުން އުޅޭ 74 ރަށެއްގެ 19 މަޝްރޫޢުގެ ހުއްދަ ލިބިފައިވާއިރު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ނުވަ މަޝްރޫޢު އެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް