Support Us

ރަސޫލާއަށް ފުރައްސާރަކުރި އިންޑިއާގެ މަޖިލިސް މެމްބަރެއްގެ އާއިލާ މީހެއްގެ ގޭގައި ހުޅުޖަހައިފި

އެ މުޒާޚަރާގައި ތިން މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އާއިލާގެ މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން އެ ކަމާ ދެކޮޅަށް ބަޔަކު ނުކުމެ މުޒާހަރާކޮށް އެ ގޭގައި ހުޅުޖަހައިފި އެވެ. އަދި އެ މުޒާހަރާގައި ތިން މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބެންގަލޫރުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަކަންދާ ސްރިނަވަސަ މުރުތީގެ އާއިލާގެ މެމްބަރެއް ފޭސްބުކްގައި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ ޖަހާފައިވާ ޕޯސްޓަކާ ގުޅިގެން ކުރި މި މުޒާހަރާގައި ފުލުހުންގެ އިދާރާތަކާއި، ވެހިކަލްތަކަށް ވެސް މީހުން ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ ކޮށްފައިވާ ޕޯސްޓު މިހާރު ވަނީ ޑިލީޓްކޮށްލާފައެވެ. އަދި އެ ޕޯސްޓު ކުރި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ އިތުރުން މުޒާހަރާގައި ބައިވެރިވި 145 މީހުން ހައްޔަރުކޮށް، އެފަދަ އެއްވުންތައް ނުބޭއްވުމަށް ކުއްލި ޤާނޫނެއް އެކުލަވާލައިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

މިކަމާ ގުޅިގެން ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި މުރުތީ ވިދާޅުވެފައި ވަނީ ޤާނޫނާ ޚިލާފުވީ ކޮންމެ މީހެއް ކަމުގައި ވީނަމަވެސް އެ މީހާކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި އަހަރެމެން އެންމެންނަކީވެސް އަޚުން ކަމަށް ވިދާޅުވެ، ސުލްޙަމަސަލަސްކަން ޤާއިމްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

މި މުޒާހަރާގައި ފުލުހުންގެ ގިނަ އިދާރާތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެ އަމަލުތައް ހިންގި މީހުން ސީސީޓީވީ މެދުވެރިކޮށް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު ބަސަވްރާޖް ބޮމްމާއީ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *